ކްރިޕްޓޯ މަކަރު ހަދާ ބޮޑު ނެޓްވޯކެއްގެ ވެބްސައިޓްތަކެއް އެމެރިކާއިން ހުއްޓުވައިފި

އެފްބީއައި އިން އެދެނީ ތަފާތު ނަންނަމުގައި ހިންގާ ފިޝިންގް ހަރަކާތްތަކާއި ސްކޭމްތަކަށް ސަމާލުވެ ތިބުމަށް ---

އެމެރިކާގެ ރައްޔިތުންގެ އަތުން އެތައް މިލިއަން ޑޮލަރެއް އޮޅުވާލައިގެން ހޯދި އިރުމަތީ ވިލާތުގެ ކްރިޕްޓޯކަރެންސީ ނެޓްވޯކަކާ ގުޅުންހުރި 241 ވެބްސައިޓަކާއި 112 ސާވަރެއް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ބްރޫކްލިންގެ ޕްރޮސެކިއުޓަރުން ގުޅިގެން ހުއްޓުވައިފިއެވެ.

މިއީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ހަރަކާތްތައް ހުއްޓުވުމަށް އެމެރިކާގެ ތަހުގީގީ އިދާރާތަކުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ތަހުގީގުކުރާ ފަރާތްތަކުން ބުނި ގޮތުގައި، ހަމައެކަނި ވެބްސައިޓްތައް ބަންދުކުރުމުން ކުށްވެރިން ވަގުތުން އާ ވެބްސައިޓްތައް ހަދައިގެން އޮޅުވާލުންތައް ކުރިއަށްދާތީ، މިފަހަރު އަމާޒުކުރީ އެ ނެޓްވޯކް ހިންގުމަށް ބޭނުންކުރާ މައި ސާވަރުތައް ބޭނުން ނުކުރެވޭ ހާލަތަށް ގެނައުމަށެވެ.

ތިން ޓައިމް ޒޯނެއްގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ހިފެހެއްޓި ކޮމްޕިއުޓަރުތަކާއި ސާވަރުތަކުގެ ތެރެއިން މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މީހުންގެ މައުލޫމާތާއި، އެ ނެޓްވޯކް ހިންގުމަށް ބޭނުންކުރި ސޮފްޓްވެއާތައް ވަނީ ހޯދާފައެވެ. އަދި މިހާތަނަށް 300,000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ އަގުހުރި ފައިސާ އިދާރާތަކުގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު، އިތުރު ފައިސާ ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މީގެ ކުރިންވެސް ކްރިޕްޓޯ އިންވެސްޓްމަންޓް ސްކޭމްތަކާ ގުޅުންހުރި 400 އަށްވުރެ ގިނަ ޑޮމެއިން އެމެރިކާގެ އިދާރާތަކުން ވަނީ ހުއްޓުވާފައި ---

މި ނެޓްވޯކުން މީހުންނަށް އޮޅުވާލުމަށް އާންމުކޮށް ބޭނުންކޮށްފައިވަނީ ރޫސީ ބަހުން ފޭސްބުކްގައި ޖަހާފައިވާ އިންވެސްޓްމަންޓް އިޝްތިހާރުތަކެވެ. އެ އިޝްތިހާރުތަކަށް އިޖާބަދޭ މީހުންނާ ވާހަކަދައްކައިގެން ކްރިޕްޓޯކަރެންސީ އެކައުންޓްތައް ހުޅުުވައި، އެ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ އަތުލާފައިވާކަމަށް ބްރޫކްލިންގެ ޑިސްޓްރިކްޓް އެޓާނީގެ އޮފީހުން މައުލޫމާތުދެއެވެ.

މީގެއިތުރުން، ފައިސާ ގެއްލުނު މީހުންނަށް އަނބުރާ ފައިސާ ހޯދައިދޭނެކަމަށް ބުނެ ދެވަނަ ފަހަރަށްވެސް އެމީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ އަތުލުމަށް މި ގުރޫޕުން މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ވަނީ އެނގިފައެވެ.

އެމެރިކާގެ އެފްބީއައި އާއި ކަމާބެހޭ އިދާރާތަކުން ދަނީ ކްރިޕްޓޯކަރެންސީއާ ގުޅުވައިގެން ހިންގާ މަކަރާއި ހީލަތުގެ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ފުޅާ ދާއިރާއެއްގައި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، މި އޮޕަރޭޝަންގެ ކުރިންވެސް ކްރިޕްޓޯ އިންވެސްޓްމަންޓް ސްކޭމްތަކާ ގުޅުންހުރި 400 އަށްވުރެ ގިނަ ޑޮމެއިން އެމެރިކާގެ އިދާރާތަކުން ވަނީ ހުއްޓުވާފައެވެ.

މީގެއިތުރުން، ކްރިޕްޓޯ ވޮލެޓްތަކަށް އަމާޒުކޮށްގެން ތަފާތު ނަންނަމުގައި ހިންގާ ފިޝިންގް ހަރަކާތްތަކާއި، މަކަރާއި ހީލަތުން ފައިސާ އަތުލުމަށްފަހު އެ ފައިސާ އަނބުރާ ހޯދައިދޭނެކަމަށް ބުނެ ހިންގާ ދެވަނަ އޮޅުވާލުންތަކާމެދު ސަމާލުވުމަށްވެސް ތަހުގީގީ އިދާރާތަކުން ވަނީ މީގެ ކުރިން އިންޒާރު ނެރެފައެވެ.

comment ކޮމެންޓް