ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި، އިބްރާހީމް ނަޒީމް، އޭނާ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަނުކޮށްފިއެވެ.
އާރުޑީސީން ނަޒީމް އިއްޔެ ވަކިކުރީ އެ ކުންފުނި އުވާލަން ނިންމާފައިވާތީވެއެވެ. އޭނާ މަގާމުން ވަކިކުރުމަށްފަހު ވަގުތީ ގޮތުން އެ ކުންފުނީގެ ހިންގުން ހަވާލުކޮށްފައި ވަނީ ކުރިއަށް އޮތް ތަނުގައި އެތަނުގެ މަސައްކަތް ބަދަލުކުރަން ހަމަޖެހިފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއެވެ.
ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްގީކުރުމުގެ މެންޑޭޓާއެކު މީގެ ހަ އަހަރު ކުރިން އުފެއްްދި އާރުޑީސީ އުވާލައި، މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މިދިޔަ ސެޕްޓެންބަރު މަހުއެވެ.
ނަޒީމް ޔޫތު މިނިސޓްރީގައި މަސައްކަތްކުރެވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގަވެ. ނަޒީމް ވަނީ 17 އަހަރު ވަންދެން އެ މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައެވެ.
މިހާރުވެސް ނަޒީމް އަންނަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބް ކަމަށްވާ ވިކްޓްރީގެ ނައިބް ރައީސްގެ ދައުރު އަދާކުރައްވަމުންނެވެ. އޭނާ އަކީ ދެކުނު އޭޝިއާގެ ފުރަތަމަ ބައިނަލްއަގްވާމީ ބީޗް ވޮލީބޯޅަ ރެފްރީކަންވެސް ފާހަގަކޮށްލެވެއެވެ. ބީޗް ވޮލީގެ ބައިނަލްއަގުވާމީ ރެފްރީ ކޯސް 1996 ވަނަ އަހަރު ފުރިހަމަކުރެްވުމަށްފަހު، ވޯލްޑް ޓުއާގެ ރެފްރީއެއްގެ ގޮތުގައި ނަޒީމް ފެނިފައިވެއެވެ.
ސްޕޯޓްސް މިނިސްޓްރީގެ އިތުރުން ރަސްމީ މަސައްކަތުގެ ކެރިއަރުގައި ނަޒީމް ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.