ޓްރެފިކް ގާނޫނާ ޚިލާފުވެއްޖެ ނަމަ މެސެޖަކުން އަންގަނީ؛ ސްކޫލުތަކާ ކައިރީ މަގުތަކަށް ޚާއްސަ ސަމާލުކަމެއް

ފުލުހަކު މަގުމަތީގައި: ޓްރެފިކް ބާރު ބޮޑު ސަރަހައްދުތަކުގައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރަނީ --- ފޮޓޯ: ފުލުހުން

އެއްގަމު ދަތުރުފަތުރުގެ ގާނޫނު ތަންފީޒުކުރުމަށް މާލެއާއި ހުޅުމާލޭގެ ޓްރެފިކް ބާރުބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެ، މެސެޖަކުން އަންގާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.

މިނިސްޓްރީން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ވަނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޓަކައި، ގާނޫނާ ޚިލާފުވާ މީހުންނާ މެދު މިއަދުން ފެށިގެން ހަތް ދުވަސް ފަހުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ޒިންމާ އަދާކުރާނެ ކަމަށެވެ.

އެހެންކަމުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެން ވެސް އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިނިސްޓްރީއން ވަނީ އެފަދައިން ދިވެހި ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެކަން ރައްދުވާ މީހުންނަށް އެސްއެމްއެސްއާއި އީމެއިލް މެދުވެރިކޮށް އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެފައެވެ.

ހައިވޭގައި މީގެ ކުރިން ފުލުހުން ހަރަކާތްތެރިވަނީ: ޓްރެފިކް ބާރު ބޮޑު ސަރަހައްދުތަކުގައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރަނީ --- ފޮޓޯ: ފުލުހުން

އެހެންކަމުން އެކިއެކި ކަންކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ ރައްދުވާ މީހުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިއަދުން ފެށިގެން ކުރިއަށްއޮތް ހަތް ދުވަހުގެ ތެރޭގައި، މިހާރު ބޭނުންކުރާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ސިމްސް ޕޯޓަލްއިން އަޕްޑޭޓް ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކާ މެދު އެފަދައިން އަމަލުކުރުމުގައި ފުރަތަމަ މަރުހަލާގައި މަސައްކަތް ފަށާނެ ސަރަހައްދުތައް ވެސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ:

  • ހޮސްޕިޓަލް ސަރަހައްދު
  • ސްކޫލް ސަރަހައްދު
  • ކަފިހި ހުރަސް
  • ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދު ޕާކްކުރުމަށް ޚާއްސަކޮށްފައިވާ ސްލޮޓްތައް
  • މާލޭގެ މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގް ރޯޑް)
  • ހުޅުމާލޭގެ ފޭސް އެކެއްގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގު އަދި ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން، ހިތިގަސް މަގު

މިނިސްޓްރީއިން ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނު ތަންފީޒުކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން މިނިސްޓްރީއަށާއި ފުލުހުންނަށް ދޭ އެއްބާރުލުން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ.

https://sun.mv/228704

ފާހަގަކޮށްލެވޭ ގޮތުގައި، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އެކުލަވާލައިފައިވާ އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނަށް އަމަލުކުރަން ފެށީ މި މަހެވެ. އެ ގާނޫނު ތަންފީޒުކުރަން ފެށިތާ ހަފުތާއެއްގެ ތެރޭގައި 35 އެކްސިޑެންޓް ހިނގިއިރު، އެ ގާނޫނުގެ ދަށުން 653 މީހަކަށް ފިޔަވަޅު އަޅައި، 183 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ވަނީ ދައްކާފައެވެ.

ޓްރެފިކް ގާނޫނުގެ ދަށުން، ލައިސަންސް ނެތި ދުއްވައިފިނަމަ ފުރަތަމަ ފަހަރު 1,000 ރުފިޔާއިން، ދެވަނަ ފަހަރު 1,500 ރުފިޔާއިން، އަދި ތިންވަނަ ފަހަރު 2,000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު އުޅަނދުގެ ވެރިމީހާ 2,000 ރުފިޔާއިން ޖޫރިމަނާކޮށް އުޅަނދު 30 ދުވަހަށް ހިފެހެއްޓޭނެއެވެ. އަދި، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެނަމަ 100,000 އާއި 500,000 ރުފިޔާއާ ދެމެދުގެ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށްވެސް އައު ގާނޫނުގައި ކަނޑައަޅާފައިވެއެވެ.

comment ކޮމެންޓް