މާލޭގައި ހަދާ ދެ ޕާކިން އިމާރާތް އަންނަ އަހަރުގެ ނޮވެންބަރުގެ ކުރިން ނިންމައިލެވޭނެ: ސަޢީދު

މިނިސްޓަރު ސަޢީދު: އަންނަ އަހަރުގެ ނޮވެންބަރަށް ޕާކިން އިމާރާތްތައް ނިންމައިލެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ވެރިރަށް މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހަދާ ދެ ޕާކިން އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ކުރިން ނިންމައިލެވޭނެ ކަމަށް، ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ސަޢީދު ވިދާޅުވީ ހީނާމާގޭ ޕާކިން ޒޯނުގައި އެކަމަށް ޚާއްސަ އިމާރާތެއް ބިނާކުރަން ރައީސް ނިންމަވައިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ކޮންޓްރެކްޓަރާއެކު އެ އިމާރާތުގެ ކުރެހުންތަކުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ދެން ޕާކުކުރުމަށް ޚާއްސަ އިމާރާތެއް ބިނާކުރަނީ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލާ ޖެހިގެން އޮންނަ ހުސްބިމުގައި ކަމަށް ސަޢީދު ވިދާޅުވިއެވެ.

މިހާރު ވެސް އެ ބިމުގައި އުޅަނދުފަހަރު ޕާކުކޮށްފައި ބަހައްޓައެވެ.

"ދެން އިއްޔެ އެ މަސައްކަތް އަޅުގަނޑުމެންނަށް މި ވަނީ ގާތްގަނޑަކަށް ފައިނަލް މަރުހަލާ ނިންމައިލެވި އިންތިޒާރު މި ކުރަނީ މާ ގިނަ ދުވަހެއްނުވެ ކޮންޓްރެކްޓަރާ ހަވާލުކުރެވިގެން، މި ދެ ބިލްޑިންގެ ވެސް ޓާގެޓަކީ އަންނަ އަހަރުގެ ނޮވެންބަރުގެ ކުރިން މި ތަންތަން ނިންމުން،" ސަޢީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ އިމާރާތުގެ މަސައްކަތް ނިމި އެ ތަންތަން ބޭނުންކުރަން ފެށުމުން ޕާކުކުރުމުގެ މައްސަލައަށް މީގެ ކުރިން ނެތް ހައްލުތަކެއް ލިބިގެން ދާނެއެވެ.

https://sun.mv/224783

ފާހަގަކުރެވޭ ގޮތުގައި މާލެއަށް ދިމާވެފައިވާ ޕާކުކުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލޭގައި އެކަމަށް ޚާއްސަ ދެ އިމާރާތެއް ބިނާކުރަން މި އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މިދިޔަ ޖުލައި މަހުގެ މެދުތެރޭ ސަރުކާރުގެ ޕޮޑްކާސްޓް "ދަ ޕަލްސް"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕާކިން އިމާރާތްތައް ބިނާކުރަން ފެށުން މަޑުޖެހިފައި އޮތީ ބޭރުގެ އެހީގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. ނަމަވެސް، އިތުރަށް މަޑުކުރުމުގެ ބަދަލުގައި މި އަހަރުގެ ތެރޭގައި މަދުވެގެން ދެ އިމާރާތުގެ މަސައްކަތް ފެށުމަށް މިހާރު ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް