އާރުޑީސީން އިންޑިޔާ ބަޔަކަށް 11.7 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް --

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ދައްކަންޖެހޭ 11.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ރަސްމީ ބަންދުނޫން ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް އެ ކޯޓުން އާރުޑީސީގެ މައްޗަށް ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުގެ ގާޒީ ފައްޔާޝު ޝާތިރު ހޯމަ ދުވަހު، އިއްވެވި މި ހުކުމަކީ، 2023 ވަނަ އަހަރު ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކަކާ ގުޅިގެން އުފެދުނު ދެބަސްވުންތައް ހައްލުކުރުމަށް ވެވުނު ސެޓްލްމަންޓް އެއްބަސްވުންތަކުގެ ދަށުން އާރުޑީސީން ދައްކަންޖެހޭ ފައިސާ ނުދައްކާތީ، އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް ލަކީ ގްލޯބަލްއިން ހުށަހެޅި މައްސަލައެކެވެ.

މައްސަލައިގެ ދައުވާ ފޯމު އާރުޑީސީއަށް ރައްދުކުރުމުން، އެ ކުންފުނީގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން ފައިސާ މަހުން މަހަށް ބަހާލައިގެން ދެއްކުމުގެ ލުއި ގޮތެއް ހަމަޖައްސައިދިނުމަށް އެދި، މުޅި ދައުވާއަށް އެއްބަސްވާ ފޯމު އާރުޑީސީން ވަނީ ހުށަހަޅާފައެވެ. އާރުޑީސީން މުޅި ދައުވާއަށް އެއްބަސްވުމުން، ލަކީ ގްލޯބަލްގެ ފަރާތުން ވަނީ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއްނެތި ހުކުމްކޮށްދިނުމަށް އެދި ހުށަހަޅާފައެވެ. އަދި ފައިސާ ބައިބަޔަށް ބަހާލައިގެން ދެއްކުމަށް އާރުޑީސީން އެދުނު އެދުމަށް ލަކީ ގްލޯބަލްއިން އެއްބަސްވެފައެއް ނުވެއެވެ.

ހައްގުގެ ވެރިފަރާތުން ލުޔެއް ދިނުމަށް އެއްބަސްނުވާ ހިނދު، އެންމެ އަވަސް މުއްދަތެއްގައި ހައްގު ހޯދައިދިނުމަކީ ގާނޫނީ އުސޫލު ކަމަށްވާތީ، 12 އޮކްޓޫބަރު 2026 އިން ފެށިގެން ރަސްމީ ބަންދުނޫން 7 ދުވަހުގެ ތެރޭގައި ސާބިތު ދަރަނީގެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ. މި މައްސަލައިގައި ސާބިތުވެފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 11,784,581.63ރ. އެވެ.

މީގެއިތުރުން، ޝަރީއަތުގެ ހަރަދުގެ ގޮތުގައި 20,000 ރުފިޔާ ނަގައިދިނުމަށް ލަކީ ގްލޯބަލްއިން އެދުނު ނަމަވެސް، އެ ފަރުވާއަކީ ފުރަތަމަ ހުށަހެޅި ދައުވާ ފޯމުގައި އެދިފައިވާ ކަމަކަށް ނުވާތީ، އެ ފައިސާ ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް