ފެނަކަ ސައީދުގެ މައްޗަށް ހުކުމް ކުރިތާ އަހަރެއް ފަހުން، ދީނާގެ މައްޗަށްވެސް ކުށް ސާބިތުވެއްޖެ

ދީނާ، އޭނާގެ ވަކީލާއެކު ކުރިން ޝަރިއަތުގައި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަހުމަދު ސައީދު ހުންނެވި ދުވަސްވަރު ހިންގި ބޮޑު ކޮރަޕްޝަން މައްސަލައިގައި، އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން މި މައްސަލައިގައި ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ދުވަހު ދީނާގެ ބައި އޮތީ ނުނިމިއެވެ. ނަމަވެސް، ޝަރީޢަތުގެ މަރުޙަލާތަކަށްފަހު ކްރިމިނަލް ކޯޓުން މިހާރު ވަނީ ދީނާގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުވާ ކަމަށް ނިންމައިފައެވެ.

އާދިއްތަ ދުވަހު، ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމި ނަމަވެސް، އަދި ހުކުމެއް ނުކުރެއެވެ. އަދަބު ކަނޑައެޅުން އޮންނާނީ ދެން އޮންނަ އަޑު އެހުމެއްގައެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން، ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާ މައްސަލައެކެވެ. މީގެއިތުރުން މަސައްކަތް ނުނިމެނީސް އިތުރު އެއްބަސްވުމެއް ހަދާފައިވާކަންވެސް ތަޙުޤީޤަށް ވަނީ އެނގިފައެވެ.

މި މައްސަލައިގައި މީގެ ކުރިން ސައީދުގެ މައްޗަށް ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވެފައިވަނީ، ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގުމާއި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުން އާންމުވެފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންނަށް ދެވޭ އަދަބު ކުޑަވުމަކީ ކޮރަޕްޝަނަށް ލިބޭ ހިތްވަރެއް ކަމަށްވާތީ، ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.

ފެނަކައިގެ އޭރުގެ އިސްވެރިންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާ އުފުލި މި މައްސަލައިގައި ސައީދުގެ މައްޗަށް ހުކުމް އިއްވިތާ އަހަރެއް ފަހުން ދީނާގެ މައްޗަށްވެސް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމާ ގުޅިގެން، އޭނާއަށް ދޭނެ އަދަބަކާމެދު ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ.

comment ކޮމެންޓް