އޭސީސީން ބަލާ ބައެއް މައްސަލަތައް އަވަސްކޮށް، ލަސްކުރަނީ ސިޔާސީ ހައްސާސްކަމަށް ބެލުމަށްފަހު: ޝާމިލް

އޭސީސީގެ ރައީސް ޝާމިލް، ކޮމިޝަންގެ ނައިބު ރައީސް ނާޝިދު، އަދި މެންބަރު ޝިޔާމާ މުޙައްމަދު --- ފޮޓޯ: މަޖިލިސް

ސިޔާސީ ހައްސާސްކަމަށް ބަލައިފައި ބައެއް މައްސަލަތައް އަވަސްކުރަން މަސައްކަތްކުރާ ކަމަށާއި ބައެއް މައްސަލަތައް މަޑު ވެސް ޖައްސައިލާ ކަމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝާމިލް ވިދާޅުވީ އޭސީސީގެ މިނިވަންކަން އިބާރާތްކުރެވެނީ ވަރަށް ސިޔާސީކޮށް ކަމަށާއި ނަމަވެސް، އޭސީސީގެ މައްޗަށް ސިޔާސީ އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން އަމަލުކުރަމުން މި ދަނީ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކުން ޖިނާއީ އަދުލުގެ ނިޒާމުން އަޅުގަނޑުމެން އަމަލުކުރަން ކަނޑައަޅައިދެއްވައިފައިވާ މިންގަނޑުތަކުގެ އަލީގައި އެ މިންގަނޑުތަކަށް،" ޝާމިލް ވިދާޅުވިއެވެ.

ސިޔާސީގޮތުން ފާޅުކުރާ ޚިޔާލުތަކަށް އިހުތިރާމްކުރައްވާ ކަމަށް ވިދާޅުވެ، ޝާމިލް ވިދާޅުވީ އޭސީސީން ތަހުގީގުތައް ހިންގަނީ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައަޅައިފައިހުރި ހައްގުތައް ކަށަވަރުކޮށްދީގެން، އަދި އެ ހައްގުތައް ކަށަވަރުކުރެވޭނެ ކަމުގެ ނިޒާމު ވެސް ގާއިމުކުރުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އޭސީސީން މައްސަލަތައް ތަހުގީގުކުރަނީ މައްސަލަތަކަށް މާކްސް ދީގެން ބުރަދަން ދެވިގެނެވެ.

"އަޅުގަނޑުމެންގެ ތަހުގީގުގައި އެ ދުވަސްވަރެއްގައި ހުންނަ ސިޔާސީ ސެންސިޓިވިޓީ ނުވަތަ ހައްސާސީކަމަށް ރިއާޔަތްކުރެވިގެން އަޅުގަނޑުމެން ކަންކަން މަޑު ވެސް ޖައްސައިލަން، އަދި ކަންކަން އަވަސް ވެސް ކުރަން، ޚާއްސަކޮށް އިންތިޚާބުތަކާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ ނުފޫޒެއް އޮވެދާނެކަމަށް މީހުންނަށް ހީވެދާނެ ކަންކަމުގެ ބާވަތުން ސަލާމަތްވުމަށްޓަކައި ވެސް އަޅުގަނޑުމެން ކަންކަން ނިންމަން،" ޝާމިލް ވިދާޅުވިއެވެ.

އެގޮތަށް ބަލާއިރު އޭސީސީ ހިންގެނީ މިނިވަން މުއައްސަސާއެއް ގޮތަށް ކަނޑައަޅައިފައިވާ ގާނޫނާއި ގާނޫނުއަސާސީއާއި ގަވައިދުތަކުގެ އަލީގައި ކަމަށް ޝާމިލް ގަބޫލުކުރައްވައެވެ.

ޝާމިލް ވިދާޅުވީ ބައެއް މައްސަލަތައް ތަހުގީގުކުރުމުގެ ފުރަތަމަ މަރުހަލާގައި އެކަނި ވެސް ހަ މަސްދުވަސް ހޭދަވާ ކަމަށެވެ. ނަމަވެސް އެންމެ އިސްކަންދީގެން ތަހުގީގުކުރާ މައްސަލަތައް އަވަސްކުރެވިފައި އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަތައް ލަސްވާ ކަމުގެ ކަންބޮޑުވުން އޮތްކަމާއި މައްސަލަތައް ލަސްވާތީ އާންމުންގެ ވެސް ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި ޝާމިލް ވިދާޅުވީ، ގިނަދުވަސްވީ މައްސަލަތަކުގެ ތަހުގީގުތައް އަވަސްކުރުމަށްޓަކައި ބައެއް ނިޒާމުތައް މިދިޔަ އަހަރު ގާއިމުކޮށްފައިވާ ކަމަށް ޝާމިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އޭސީސީއަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތުން ކުދި މައްސަލަތަކާމެދު ގޮތް ނިންމުމަށްޓަކައި އެ މައްސަލަތަކުގެ ތަހުގީގުތައް ބައްޓަންކޮށްފައި އޮތް ގޮތަށް ވާނީ ބަދަލު ގެނެސްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ކޮރަޕްޝަނުގެ ބޮޑެތި އެތައް މައްސަލައެއް އޭސީސީއަށް ހުށަހަޅާއިރު، އެ މައްސަލަތައް ނުބަލާތީ އާންމުންގެ ފާޑުކިޔުން އެ ކޮމިޝަނަށް އަމާޒުވެއެވެ.

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް، މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގައިފައެއް ނުވެއެވެ.

comment ކޮމެންޓް