ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ތިން ވަނަ ބެޗު 84 ދިވެހި ޒުވާނުންނާ އެކު މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ އެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވާ ކަމަށެެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުން ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.
އެ ތަމްރީނުގައި ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މެރިން މެކޭނިކް ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން
- ވެލްޑިން އެންޑް މެޓަލް ފެބްރިކޭޝަން
- އޮޓޯމޯބައިލް އިންޖިނިއަރިން
- އިލެކްޓްރީޝަން
- އޮފީސް މެނޭޖްމަންޓް
ވަތަނީ ޚިދުމަތުގެ ތިން ވަނަ ބެޗުގެ ތަމްރީނު ފެށުން --- އެމްއެންޑީއެފްއިން ބުނީ އެ ކޯސްތަކުގެ މުގައްރަރުގައިވާ ބައިތަކުގެ އިތުރުން ފިޒިކަލް ފިޓްނަސް ސްވިމިން، ޑްރިލް އަދި ތަފާތު ކުޅިވަރު ހަރަކާތްތައް އެ ޕްރޮގްރާމުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ލައިފް ސްކިލް ކޮމްޕޯނަންޓްގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމް ބިލްޑިން ހަރަކާތްތަކާއި، ލީޑާޝިޕް ހަރަކާތްތަކުގެ އިތުރުން އަދަބު އަޚްލާގު ދަސްކޮށްދެވޭނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެ ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރުކުރާ އަގީދާ ވަރުގަދަ، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ވަތަނީ ޚިދުމަތުގެ ތިން ވަނަ ބެޗުގެ ތަމްރީނު ފެށުން --- އެގޮތުން އެ މުއްދަތުގެ ތެރޭގައި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކުގެ އިތުރުން ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި ދީނީ ތަރުބިއްޔަތާއި އަޚްލާގާއި ސުލޫކުގެ އިތުރުން ލީޑާޝިޕާއި ހަށިހެޔޮކަމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަމްރީނުތައް ދެވޭނެ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމަކީ ގައުމަށް ބޭނުންތެރި މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ އެންމެ އިސް ސިޔާސަތުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ މުހިންމު ގައުމީ ހަރަކާތެކެވެ.
ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވަނީ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަށް އަހަރެއް ފުރުނުއިރު، އެ ޚިދުމަތަށް ރައީސް މުއިއްޒު ކަނޑައެޅުއްވި ލަނޑުދަނޑިއަށްވުރެ އިތުރަށް ހާސިލްކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަށް ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިއަކީ އެއް އަހަރު ދުވަހުގެ ތެރޭގައި އެއް ހާސް ދަރިވަރުން ތަމްރީނުކުރުން ކަމަށާއި ނަމަވެސް އެއް އަހަރު ދުވަހުގެ ތެރޭގައި 1،028 ކެޑޭޓުން ތަމްރީނުކުރެވިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.