ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ތަފުސީލީ ފަހު އެއްބަސްވުމުގައި އަންނަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ، ރާއްޖޭގެ ޖުމްހޫރީ ދުވަހު ސޮއިކުރަން އުންމީދުކުރައްވާ ކަމަށް، އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު ވިދާޅުވެއްޖެއެވެ.
ސަން އޮންލައިނަށް މިދިޔަ ބުރާސްފަތި ދުވަހު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އަލްޢައްބާރު ވިދާޅުވި ގޮތުގައި، މިދިޔަ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު ދިވެހި ސަރުކާރާއެކު ސޮއިކުރީ މަޝްރޫއުގެ ވިޔަފާރީގެ މައިގަނޑު އުސޫލުތައް އެކުލެވޭ ކޮމާޝަލް ޓާމްސް އެގްރީމަންޓެއްގައެވެ.
https://x.com/sunbrk/status/2108475697970966770
ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަލްޢައްބާރު ވިދާޅުވި ގޮތުގައި ފަހު އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އަމަލީ މަސައްކަތް ފެށުމަށް ގާތްގަނޑަކަށް އެއް އަހަރު ދުވަސް ނަގާނެއެވެ.
"ޖުމްހޫރީ ދުވަހު ސޮއިކުރެވޭނެ ކަމަށް އުންމީދުކުރަން،" ފަހުގެ އެއްބަސްވުމަށް އިޝާރާތްކުރައްވައި އަލްޢައްބާރު ވިދާޅުވިއެވެ.
އަމަލީ މަސައްކަތް ފެށުމުގެ ކުރިން ގިނަ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭކަން އަލްޢައްބާރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ތަފުސީލީ ޑިޒައިންތައް ހެދުމާއި، ތިމާވެށީގެ ދިރާސާތައް ކުރުމާއި، ޓެންޑާ ޑޮކިއުމަންޓްތައް ތައްޔާރުކޮށް ކޮންޓްރެކްޓަރުންނާ ހަވާލުކުރުން ހިމެނެއެވެ. މި ކަންކަމަށް އާންމުކޮށް 12 މަސް ދުވަސް ނެގި ނަމަވެސް، އެ މުއްދަތު ކުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހު އެއްބަސްވުން އަދި އާންމުކޮށްފައި ނުވަނީ އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީ ކަމަށާއި، އެ މަސައްކަތް ނިމުމުން އާންމުންނަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އަލްޢައްބާރު ވިދާޅުވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ބަންޑާރަނައިބު އަހުމަދު އުޝާމް މީގެ ކުރިން ވިދާޅުވެފައިވަނީ، ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ގާނޫނެއްގެ ދަށުން ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށޭނީ ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކޮށް، އިތުރު މަޝްވަރާތަކަށްފަހު ފަހު އެއްބަސްވުންތަކުގައި ސޮއިކުރުމުން ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ.
މި މަޝްރޫއުގެ އެންމެ މުހިންމު އެއް ބަޔަކީ ހުޅުމާލޭގައި ތަރައްގީކުރާ 5،000 ހައުސިން ޔުނިޓެވެ. އަލްޢައްބާރު އަންދާޒާކުރައްވާ ގޮތުގައި މި ބަޔަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ފުރަތަމަ އިންވެސްޓްމަންޓެއްގެ ގޮތުގައި ހައުސިން މަޝްރޫއަށް ފައިސާ ހަމަޖައްސާނީ އީގަލް ހިލްސްއިންނެވެ. އަދި އެ ފައިސާ އަނބުރާ ހޯދާނީ ރަސްމާލޭގެ ބޮޑު މަޝްރޫއު ކުރިއަށްދާ ވަރަކުންނެވެ.
އީގަލް ހިލްސްއިން އާންމުކޮށް މިފަދަ ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހޯދަނީ ކުންފުނީގެ އަމިއްލަ ފައިސާއާއި، ބޭންކް ލޯނާއި، ޕްރޮޕަޓީ ވިއްކައިގެން ލިބޭ އާމްދަނީންނެވެ. ބޭންކް ލޯނު ނެގުމުގެ ކުރިން ކުންފުނީގެ އަމިއްލަ ފައިސާ އިންވެސްޓްކުރަން ޖެހޭނެ ކަމަށާއި، ފައިސާ ހޯދާނެ ގޮތުގެ ނިސްބަތް ބިނާވާނީ މާކެޓުގެ ޑިމާންޑާއި މަޝްރޫއު ކުރިއަށްދާ ދުވެއްޔަށް ކަމަށް އަލްޢައްބާރު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އީގަލް ހިލްސްއިން ލަފާކުރެއެވެ. އަލްޢައްބާރު އަންދާޒާކުރައްވާ ގޮތުގައި، މި މަޝްރޫއު ނިމުމުން އިތުރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެއެވެ. އަދި އިމާރާތްކުރުމުގެ މަރުހަލާގައި 40،000 ވަޒީފާ އުފެދޭނެ ކަމަށާއި، މަޝްރޫއު އެއްކޮށް ނިމުމުން ދާއިމީ ގޮތެއްގައި 15،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް ވަޒީފާ އުފެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްލަ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ލަފާކުރާ މި ބޮޑު މަޝްރޫއުގައި ހޮޓާތަކާއި ރިސޯޓުތަކާއި، މަތީ ފަންތީގެ ރެސިޑެންސްތަކާއި، މެރީނާއަކާއި، ވޯޓާފްރަންޓް ޕްރޮމެނާޑްތަކުގެ އިތުރުން ސިއްހީ އަދި ތައުލީމީ ހިދުމަތްތައް ހިމެނެއެވެ.
ރާއްޖޭގައި އިތުރު މަޝްރޫއުތަކެއް ހިންގުމުގެ ވިސްނުމެއް އެބައޮތްތޯ ސުވާލުކުރުމުން އަލްޢައްބާރު ވިދާޅުވީ، މި ވަގުތު ކުންފުނީގެ މުޅި އަމާޒު ހުރީ ހަމައެކަނި ރަސްމާލެ މަޝްރޫއަށް ކަމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ދެން އެންމެ އަވަހަށް އޮތީ ފަހު އެއްބަސްވުން އެކުލަވާލުމާއި ގާނޫނީ އޮނިގަނޑު ފުރިހަމަކުރުމެވެ.