ގައުމުގެ މިނިވަންކަމުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަން ނާންނަކަން ކަށަވަރުވާ ގޮތަށް، ގައުމުގެ މާލިއްޔަތަށް ހެޔޮ އަސަރުކުރާނެ އިންގިލާބީ ބަދަލުތަކާ ދިވެހީން ކުރިމަތިލާން ޖެހޭ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތައް މިނިވަން ކަމާއެކު ކުރިއަރާ މަންޒަރު ބަލަން ނުތިބެ، އެންމެ ފުރަތަމަ ގައުމުގެ ފިކުރު ކުރިއަށް ނެރެން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެކަން ކަށަވަރުވާނެ ގޮތަށް މުޅި މާލިއްޔަތަށް އޭގެ ހެޔޮ އަސަރު ކުރާނެ ފަދަ އިންގިލާބީ ބަދަލުތަކާ އަޅުގަނޑުމެން ކުރިމަތިލާން އެބަ ޖެހޭ." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ނަސްރުގެ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ދެކނަބަލުންނާއި ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް --- ފޮޓޯ/ ރައީސް އޮފީސްރައީސް ވިދާޅުވި ގޮތުގައި، އެ ފަދަ އިންގިލާބީ ބަދަލުތަކާ ދިވެހީން ކުރިމަތިލާން ޖެހެނީ ރައްޔިތުން އެދޭ ރާއްޖޭގެ އެތެރޭގެ ތަރައްގީއަށް ދައުލަތުގައި ފުދުންތެރިކަން ގާއިމުވާނެތީއެވެ. އަދި، ބޭރު ދުނިޔެއާ މުއާމަލާތްކުރުމުގައި ދިވެހި ދައުލަތުގެ އިގުތިޞާދީ 'މައިކަށި' ހަރުދަނާވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އޭރުން ގައުމީ ތަރައްގީގެ މައިދާނުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ހަލުވިކަމާއެކު އަރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހީންގެ މާނަވީ އަދި މާއްދީ ތަރައްގީއަށް އެއްވަރަކަށް އިސްކަންދީގެން ގެނެވޭ 'އިންގިލާބީ' ތަރައްގީގެ ނަތީޖާއަކީ ތަހުޒީބު ގައުމަކަށް ރާއްޖެ ވުމެވެ. އެއީ، ދިވެހި ކޮންމެ ރައްޔިތެއްގެ ތަސައްވުރެއް ކަމާއި ހައްގެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ކުރިއަރައި ދިޔުމަކީ، ގައުމުގެ އިއްޒަތާއި ކާރާމާތް އުފުލޭނެ ކަމެއް ކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވަނީ އެއީ ގައުމަށް ހެޔޮ އެދޭނެ ކޮންމެ ރައްޔިތެއްގެ އުއްމީދު ކަމަށް ވިދާޅުވެފައެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުން -- ފޮޓޯ/ ރައީސް އޮފީސްރައީސް މުއިއްޒު މި ފަދައިން ވާހަކަ ދެއްކެވިއިރު، ދުބާއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ސަރުކާރުން ނިންމައިފައިވާ މަޝްރޫއަށް އިދިކޮޅުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން އެ މަޝްރޫއާއެކު، އިސްރާއީލު މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭ ގޮތް ވާނެ ކަމަށް ބައެއް މީހުން ބުނަމުންދެއެވެ.
ސަރުކާރުން ބުނަމުން އަންނަނީ، ރަސްމާލޭގެ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް ދޫކުރާ އެ މަޝްރޫއުން ގައުމަށް ގިނަ ފައިދާތަކެއް ވާނެ ކަމަށެވެ. އަދި މީގެ ކުރިން ރައީސް ވަނީ، ރަސްމާލޭގައި ތިބޭނީ ދިވެހީންނާއި އެހެން ގައުމުތަކުގެ މުސްލިމުން ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.
އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު މީގެ ކުރިން ވަނީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ތަފުސީލީ ފަހު އެއްބަސްވުމުގައި އަންނަ ހަފުތާގެ ބުދަ ދުވަހު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހު ސޮއިކުރަން އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.