ދިވެހި ފިލްމް "ބަވަތި" އަދި "ނީނާ" ފަދަ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އާ ފިލްމު "ޕާޓީ" ގެ ރަސްމީ ފުރަތަމަ ޓީޒާ އާންމުކޮށް، ގިނަ ބައެއްގެ ސަމާލުކަމެއް ހޯދައިފިއެވެ.
އިއްލެ އަމިއްލައަށް ލިޔެ ޑައިރެކްޓްކޮށްފައިވާ މި ކްރައިމް ޑްރާމާ އޮލިމްޕަހުގެ ސްކްރީނުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 13 ގައެވެ.
ރާއްޖެއިން މިހާރަކަށް އައިސް ވަރަށް އާންމުކޮށް ފެންނަ ފަދަ ކުށުގެ މައްސަލަތައް ދައްކުވައިދޭ ފިލްމް "ޕާޓީ" އަކީ، މަގުބޫލު ބަތަލާ ނިއުމާ މުހައްމަދު އަލުން ސްކްރީނަށް އެނބުރި އަންނަ ފިލްމެވެ. މި ފިލްމުގައި ހުނަރުވެރި ތަރިންގެ ވަރުގަދަ ކާސްޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ކުޅަދާނަ އެކްޓަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، ވާޝިޔާ މުހައްމަދު (ޝިޔާ)، ނުޒުހަތު ޝުއައިބު (ނުޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި އައިޝާ އަލީ ފަދަ ފަންނާނުން ފާހަގަކޮށްލެވެއެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުކޮށްފައިވާ މި ޓީޒާއިން ފެނިގެންދަނީ ސިހުމާއި ނުތަނަވަސްކަމުން ފުރިގެންވާ، ޝައުގުވެރި މަންޒަރުތަކެކެވެ. ޓީޒާގައި ހިމަނާފައިވާ ބިރުވެރި އަޑުތަކާއި ބެކްގްރައުންޑް މިއުޒިކުގެ ސަބަބުން މުޅި ވީޑިއޯ އިތުރަށް ފުރިހަމަވެގެންދެއެވެ.
އައިފިލްމްސް އިން އަބަދުވެސް މުޖުތަމައާ ގުޅުންހުރި، ތަފާތު މޮޅު އުފެއްދުންތަކެއް ގެނެސްދެމުން އަންނައިރު، "ޕާޓީ" ވެގެންދާނީ ވެސް ބެލުންތެރިން ހައިރާންކޮށްލާނެ ފަދަ ވަރުގަދަ އަސަރުތަކެއް އެކުލެވޭ ފިލްމަކަށެވެ.