ވީއޭއާރުގެ އެހީގައި ރެއާލަށް މޮޅަކާއި ވިނީޝިއުސްއަށް ރަތެއް

ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ޑިއޮމަންޑޭ އުފާފާޅުކުރަނީ--

މިހާރު ހިނގަމުންދާ 2026/27 ސީޒަންގެ ފުރަތަމަ އިންޓަނޭޝަނަލް ބްރޭކަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ވިލަރެއާލް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް ލިބުނުއިރު، އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ވިނީޝިއުސް ޖޫނިއާއަށް ދެއްކި ރަތްކާޑާއެކު އޭނާއަށް ކުރިއަށް އޮތް އެލް ކްލެސިކޯ ގެއްލިއްޖެއެވެ.

ރެއާލް މެޑްރިޑްގެ އެސްޓާޑިއޯ ސެންޓިއާގޯ ބާނެބާއޯގައި ކުޅުނު މި މެޗުން އެޓީމު މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު، ކެޕްޓަން ފެޑެރީކޯ ވަލްވެރްޑޭގެ ޕާހަކުން މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މި ސީޒަންގައި ރެއާލްއާ ގުޅުނު ޒުވާން ކުޅުންތެރިޔާ، ޔޭން ޑިއޮމަންޑޭއެވެ.

މިއީ އޮފްސައިޑް ލަނޑެއް ކަމަށް ލައިންސްމަން ނިންމި ނަމަވެސް ވީއޭއާރުން ވަނީ ގޯލު ރަނގަޅު ކަމަށް ނިންމާފައެވެ. މިއާއެކު، މެޗުގެ 71 ވަނަ މިނެޓުގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ އިތުރު ލަނޑެއް ޖެހިނަމަވެސް ވީއޭއާރުން ވަނީ ގޯލު ބަލައިނުގަނެ، ބަދަލުގައި ވިނީޝިއުސްއަށް ރަތްކާޑެއް ދައްކާފައެވެ. ވީއޭއާރު ފުޓޭޖުން ފެންނަ ގޮތުގައި ކައުންޓާ އެޓޭކަށް އަރަން އުޅުމުގެ ތެރޭގައި ވިނީޝިއުސް ވަނީ ވިލަރެއާލް ކުޅުންތެރިއެއްގެ އިސްތަށިގަނޑަށް ދަމައިގެންފައެވެ.

ރޭގެ މެޗުގައި ލަނޑު ޖަހަން ކައުންޓާ އެޓޭކަށް އެރުމުގެ ތެރޭގައި ވިނީޝިއުސް، ވިލަރެއާލް ކުޅުންތެރިއެއްގެ އިސްތަށިގަނޑަށް ދަމައިގަންނަ މަންޒަރު ފެންނަ ވީއޭއާރް ފުޓޭޖްގެ ސްކްރީންޝޮޓެއް-

މިއާއެކު ކުރިއަށް އޮތް ލަލީގާގެ، އަދި މުޅި ދުނިޔޭގެ ކުލަބް ފުޓުބޯޅައިގެވެސް އެންމެ ވާދަވެރި އެއް މެޗު ކަމަށްވާ "އެލް ކްލެސިކޯ" މެޗު، އޭނާއަށް ގެއްލޭނެއެވެ.

ވިނީއަށް، ކުރިއަށް އޮތް އެލް ކްލެސިކޯ ގެއްލޭއިރު، އެންމެ ފަހުން ކުޅުނު ފަސް އެލް ކްލެސިކޯގެ ތެރެއިން ރެއާލްއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެއްކަން ފާހަގަކުރެވެއެވެ. އެއީ، މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ލަލީގާގައި ކުޅުނު މެޗެވެ. މި ސީޒަނުގެ ފުރަތަމަ އެލް ކްލެސިކޯ އޮތީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އޭގެ ކުރިން ލީގުގައި ރެއާލް މެޑްރިޑް ބައްދަލުކުރާނީ ސެވިއާ އާއެވެ. އަދި ޗެމްޕިއަންސް ލީގުގައި ރޯމާ އަދި ލައިޕްޒިގްއާ ބައްދަލުކުރާނެއެވެ.

comment ކޮމެންޓް