ކުރީ ފުރޮޅު ހިއްލައިގެން ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް

ސައިކަލެއް ޓޯކުރަނީ: ހިނގަން ދަތިވާ ގޮތަށް ހުރި ސައިކަލުތައް ޓޯކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައި -- ފައިލް ފޮޓޯ/ ފުލުހުން

ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، އޭނާ ދުއްވި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ 10:30 ހާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވި ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ދުއްވި މީހާއަށް ފިޔަވަޅު އަޅައިފައިވާ ކަމަށެވެ.

އެކަން ފާހަގަވީ އެ ވަގުތު ހުޅުމާލެތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންގެ ބީޓަކަށް ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން، ކިނބިގަސްމަގުގައި ހުންނަ ފުލެޓު 12 ކައިރިން ދެކުނުން އުތުރަށް ދުއްވައިފައި އެ ސައިކަލު ދިޔައިރު، ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިކޮށް ދުއްވިކަން ފާހަގަކުރެވުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނިގޮތުގައި އެކަމާ ގުޅިގެން އެ ސައިކަލު ދުއްވި 20 އަހަރުގެ ޒުވާނާ ހުއްޓުވައި ޖޫރިމަނާކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް އެ ސައިކަލު ވަނީ ނަގައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މަގުމަތީގެ ގަވައިދުތަކާ ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކަކުން ޖޫރިމަނާކުރެވޭ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް 600އަށް ވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅައި، 180އަށް ވުރެ ގިނަ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

https://sun.mv/228704

އައު ގާނޫނުގެ ދަށުން، ލައިސަންސް ނެތި ދުއްވައިފިނަމަ ފުރަތަމަ ފަހަރު 1,000 ރުފިޔާއިން، ދެވަނަ ފަހަރު 1,500 ރުފިޔާއިން، އަދި ތިންވަނަ ފަހަރު 2,000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު އުޅަނދުގެ ވެރިމީހާ 2,000 ރުފިޔާއިން ޖޫރިމަނާކޮށް އުޅަނދު 30 ދުވަހަށް ހިފެހެއްޓޭނެއެވެ. އަދި، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެނަމަ 100,000 އާއި 500,000 ރުފިޔާއާ ދެމެދުގެ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށްވެސް އައު ގާނޫނުގައި ކަނޑައަޅާފައިވެއެވެ.

މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން މާލެ ސަރަހައްދުގައި އިންތިހާއަށް އިތުރުވެ، އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދުތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް