އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެންބަރުން ވޯޓުދެނީ: އެމްޑީޕީ އެތެރޭގެ 10 މަގާމަކަށް ކުރިމަތިލާން ހުޅުވާލައިފި --- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުﷲ

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީއިން މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީއިން އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. ޕާޓީގެ ގައުމީ މަޖިލީހުގެ މަގާމުތަކުގެ އިތުރުން ބައެއް އެހެން މަގާމުތަކަށް ވެސް އެ ޕާޓީއިން ވަނީ ހުޅުވާލާފައެވެ.

އެމްޑީޕީއިން އިންތިޚާބަށް ހުޅުވާލި މަގާމުތަކުގެ ތެރޭގައި ހިމެނެނީ:

  • އަތޮޅު އަދި ސިޓީތަކުން ގައުމީ މަޖިލީހަށް އިންތިޚާބުކުރާ މެންބަން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލީސް މެންބަރުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސް
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކެޓްރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކެޓްރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކެޓްރީ
  • އަންހެނުންގެ ރޫހުގެ ރައީސް
  • އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުން
  • ޒުވާނުންގެ ހިތްވަރުގެ ރައީސް
  • ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުން

އެ ޕާޓީއިން ވަނީ އެ މަގާމުތަކަށް ކުރިމަތިލެވޭނީ މި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްކަން ފާހަގަކޮށްފައެވެ. އަދި އިންތިޚާބަށް ކުރިމަތިލެވޭނީ ޕާޓީގެ ޔެލޯ އެޕް މެދުވެރިކޮށް މިމަހުގެ 25 ވަަ ދުވަހުގެ 14:00ގެ ކުރީން ފޯމު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ޕާޓީއިން ވަނީ އިންތިޚާބަށް ހުޅުވާލާފައިވާ މަގާމުތަކުގެ ތެރެއިން ޕާޓީގެ ގައުމީ މަޖިލީހުގައިހިމެނޭ ހުރިހާ މަގާމަކަށް ކުރިމަތިލާ ބޭފުޅުން 1،000 ރުފިޔާގެ އިދާރީ ފީއެއް ދައްކަންޖެހޭނެ ކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގައުމީ މަޖިލީހުގެ މި އިންތިޚާބަކީ އެ ޕާޓިއިން ކޮންގްރެސް ބާއްވައި ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބޮޑެތި ބަދަލުތަކަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ.

ގުޅޭ ޓެގު
comment ކޮމެންޓް