އިދިކޮޅު ފަރާތްތަކަށް ރަސްމާލެ މަޝްރޫއު މީގެ ކުރިން ފެނުނީ އެއްވެސް ތާކުންތާކު ނުޖެހޭ އަދި އެއްވެސް އިންވެސްޓަރަކު އިންވެސްޓު ނުކުރާނެ ބޭކާރު އިސްރާފެއްގެ ގޮތުގައި ނަމަވެސް، މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިން އެމްޑީޕީއަށް މިހާރު ރަސްމާލޭގެ ފަސްގަނޑު ފެންނަނީ ބޮޑު ރަންގަނޑެއްގެ ގޮތުގައިކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު ފެށިގެން ދިޔައިރު، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.
މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައި ވަނީ، ރަސްމާލެ ދޫކޮށްލަން ސެޕްޓެމްބަރު 21 ގައި ހެދި އެއްބަސްވުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން ބިން ހިއްކުމަށް ފަހު، އެ ޚަރަދު ވެސް އަނބުރާ ނުލިބޭ ގޮތަށް އެތަނުން 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 99 އަހަރަށް އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ބިމު ކުއްޔެއް ނުނަގައި އީގަލް ހިލްސްއަށް ދޫކޮށްލާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
އެ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ، ކުއްލި މައްސަލަ ބަލައިގަތުމާއި ބޭރުކޮށްލުމުގެ ފުރިހަމަ ބާރު ސުޕަ މެޖޯރިޓީ އޮތް ޕީއެންސީއަށް އޮތް ނަމަވެސް، އެ މައްސަލަ ބަލައިގަތީ ބަހުސް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ފަލާހު ވިދާޅުވީ، އެމްޑީޕީން ކުރިން ހީކުރީ މި މައްސަލަ ޕީއެންސީން ބޭރުކޮށްލާނެ ކަމަށާއި، ނަމަވެސް މައްސަލަ ބަލައިގަތުމުން އެ ބޭފުޅުން ތިއްބެވީ މައުލޫމާތު ސާފުކޮށް ވާހަކަދައްކަން ތައްޔާރުވެގެން ނޫން ކަމަށެވެ. އަދި މައްސަލަ ހުށަހެޅުއްވި މެންބަރު މީކާއިލްގެ އިތުރުން އެމްޑީޕީގެ ގިނަ މެންބަރުން މަޖިލީހުގެ މާލަން ދޫކުރައްވައި ވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިން އެ ބޭފުޅުންނަށް ރަސްމާލޭގެ ފަސްގަނޑު މިހާރު ފެންނަކީ ބޮޑު ރަންނަޑެއްގެ ސިފައިގައި ކަމަށެވެ.
"މިއަދު މި ހުށަހެޅި ކުއްލި މައްސަލައިން އެބަ ފާހަގަވޭ މިއަދު އެމްޑީޕީއަށް ރަސްމާލޭގެ ފަސްކަނޑު ފެންނަނީ ބޮޑު ރަންގަނޑެއްގެ ސިފައިގައި." ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ކޮންގްރެސްއަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އީގަލް ހިލްސްގެ ޕްރޮޖެކްޓަށް އެންމެ ބޮޑަށް ތާއީދުކުރައްވާ އެއް ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ. އެހެންކަމުން، މި މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ އަޑީގައި އޮތީ ނަޝީދަށް އަމާޒުކޮށް ފާޑުކިޔުން ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
އީގަލް ހިލްސްއިން ރާއްޖޭގައި ކުރަން ނިންމި އިންވެސްޓްމަންޓަކީ ރާއްޖޭގެ ތާރީހުގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބެނީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ ރަސްމާލޭގައި އަޅާ އިމާރާތްތައް ވިއްކައިގެން ދައުލަތަށް 10 އަހަރު ދުވަހުގެ ތެރޭގައި ތިން ބިލިއަން ޑޮލަރު (46 ބިލިއަން ރުފިޔާ) ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ރަސްމާލެއިން އެޕާޓްމަންޓެއް ގަންނަ ބިދޭސީއަކު 99 އަހަރުގެ ލީސް މުއްދަތުގައި އެތަން ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެއެވެ.
ރާއްޖޭގެ ބައެއް ބޭރު މީހުންނަށް 99 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ދިނުން ގާނޫނުއަސާސީ ހުއްދަ ކުރި ނަމަވެސް، އެކަމާ ގުޅޭ ޚާއްސަ ގާނޫނެއް ނެތްއިރު، ޓޫރިޒަމް ގާނޫނުން ހުއްދަ ކުރަނީ އެންމެ ގިނަވެގެން 50 އަހަރަށެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ބިދޭސީންނަށް ބިން ދޫކުރެވެނީ އެންމެ ގިނަވެގެން 66 އަހަރަށެވެ.