ލޯބީގެ އަގު އެހާ ބޮޑުވާކަށް ނުޖެހެއެވެ.

ލޯތްބަކީ ގާތުގައި ވުމެވެ. އެކުގައި ވުމެވެ. ޝަރުތެއް ނެތުމެވެ.

މިފަހުން ޓީވީ ޕްރޮގްރާމަކުން ފެނުނު މަންޒަރެއް ފެނިފައި އަޅުގަނޑުގެ ހިތުގައި ބޮޑު ސުވާލެއް އުފެދުނެވެ. އެއީ މަންމައެއްގެ އަގުވަޒަންކުރުމުގެ ގޮތުން ދަރިންތަކެއް ވެގެން ދިން އަގުބޮޑު ހަދިޔާއެކެވެ؛ މޫދު ކައިރީގައި ބާއްވާފައި އޮތް އަގުބޮޑު ކާރެކެވެ. މަންމަގެ އަތަށް ތަޅުދަނޑި ދިނުމާއެކު އުފަލުން ގޮސް ރޮވި، އެންމެން ބައްދައިލި މަންޒަރަކީ ހިތްގައިމު މަންޒަރެކެވެ. ދަރިން އެ މަންމައަށް ގެނެސްދިން އުފާވެރިކަން ފެނި ހިތަށް ފިނިކަން ލިބުނު ނަމަވެސް، ހަމަ އެއާއެކު އަޅުގަނޑު ހިތަށް އެރިއެވެ. ލޯބި ފާޅުކުރުމަކީ މިހާ އަގުބޮޑު ކަމަކަށް ވާންޖެހޭ ހެއްޔެވެ؟

ތަނަވަސްކަން ހުރި ނަމަ، ލޯބިވާ މީހަކަށް އަގުބޮޑު ހަދިޔާއެއް ދިނުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެ ދަރިންނަކީ އެ އުފާވެރި ވަގުތުކޮޅަށްޓަކައި އެތައް ދުވަހަކު ބުރަ މަސައްކަތްކޮށް ފައިސާ އެއްކުރި ބަޔަކަށް ވެސް ވެދާނެއެވެ. އަދި އެ މަންމަގެ އުފަލަކީ ޙަޤީޤީ އުފަލެކެވެ.

ނަމަވެސް، މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢުގައި އުފެދޭ "އުއްމީދުތަކާއި ވިސްނުންތަކާ" މެދު އަޅުގަނޑުމެން ވިސްނާލަން އެބަޖެހެއެވެ. އުފަންދުވަސްތަކާއި، ކައިވެނީގެ އަހަރީ ހަފުލާތަކާއި، އަދި މައިންބަފައިންގެ ދުވަސް ފަދަ މުނާސަބަތުތަކަކީ ޚަރަދުކުރާ ފައިސާގެ މިންވަރުން ލޯބި ވަޒަންކުރާ ދުވަސްތަކަކަށް ވެއްޖެނަމަ، އަތްމަތި ދަތި މީހުންނަށް އެމީހުން ދޭ ލޯތްބަކީ ފުރިހަމަ އެއްޗެއް ނޫން ކަމުގެ އިޙްސާސް ކުރެވެން ފަށައެވެ.

ބައެއް ޢާއިލާތަކަށް މިއީ ބޮޑު ހިތްދަތިކަމެކެވެ. މުޖުތަމަޢުގެ ވިސްނުމާ ފައިހަމަ ކުރުމަށްޓަކައި، ކެރިފޯރުންތެރިކަން ނެތް ފަރާތްތަކުން ލޯނު ނަގައިގެން ނަމަވެސް ބޮޑެތި ޚަރަދުތައް ކުރަން މަޖުބޫރުވެއެވެ. އަދި ކުދިން ވެސް ސޯޝަލް މީޑިއާއިން ފެންނަ މަންޒަރުތަކާ އެކުދިންގެ އާދައިގެ ދިރިއުޅުން އަޅާކިޔައި، މާޔޫސްވެއެވެ. ލޯބި ފާޅުކުރުމުގެ ރީތި ނިޔަތުގައި ފެށޭ ކަމެއް، ބޮޑު ކަންބޮޑުވުމަކަށް އަދި ހިތާމައަކަށް ބަދަލުވެގެންދަނީ މިހެންވެއެވެ.

ހަދިޔާއެއްގެ އެންމެ މުހިންމު ބަޔަކީ އޭގެ އަގު ކަމުގައި ދައްކުވައިދޭ މެސެޖުތައް މުޖުތަމަޢަށް ދިނުމުގައި އަޅުގަނޑުމެން ވިސްނަންޖެހެއެވެ.

އިންސާނާގެ އުފާވެރިކަމާ ގުޅޭގޮތުން ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި، އަޅުގަނޑުމެން އެކުގައި ހޭދަކުރާ އާދައިގެ ވަގުތުތަކަކީ މާ އަގުހުރި އެއްޗެކެވެ. "ހާވަޑް ސްޓަޑީ އޮފް އެޑަލްޓް ޑިވެލޮޕްމަންޓް" ދިރާސާއިން ތަކުރާރުކޮށް ހާމަވެފައިވާ ގޮތުގައި، އިންސާނާގެ ދުޅަހެޔޮކަމާއި އުފާވެރިކަމުގެ އަޞްލަކީ އަޅުގަނޑުމެންގެ މެދުގައި އޮންނަ ގާތް އަދި އިޚްލާޞްތެރި ގުޅުންތަކެވެ. ހަމައެއާއެކު، "ވޯލްޑް ހެޕިނެސް ރިޕޯޓް 2025" ގައި ފާހަގަކޮށްފައިވާ ގޮތުގައި، އެހެން މީހުންނާއެކު އެއް ސުފުރާމަތިން ކެއުން ޙިއްޞާކުރާ މީހުންގެ ދިރިއުޅުމުގެ ހިތްހަމަޖެހުން މާ ބޮޑެވެ.

މީގެ މާނައަކީ ހަދިޔާ ދިނުން ހުއްޓާލުމެއް ނޫނެވެ. މީގެ މާނައަކީ ހަދިޔާއަށްވުރެ ބޮޑަށް، އެ ހަދިޔާ ދެވޭ ގުޅުމުގެ މުހިންމުކަން ދެނެގަތުމެވެ.

މިކަން ގޭތެރޭގެ މާޙައުލުގައި ވަކިން ޚާއްޞަކޮށް މުހިންމެވެ. ގުޅުންތަކާ ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި، އަނެކާ ތިމާ ބަލައިގަންނަކަމާއި، އަޅާލާކަމާއި، އަދި ޤަދަރުކުރާކަމުގެ އިޙްސާސް ކުރެވުމަކީ ދިގު މުއްދަތަކަށް އުފާވެރިކަން ދެމިއޮތުމުގެ ތަޅުދަނޑިއެވެ. އޭގެމާނައަކީ، ތިމާގެ ޙަޤީޤީ ޙާލަތު ބަޔާންކޮށް، އެއްވެސް ޖެހިލުމެއް ނެތި ހިތާމަތައް ޙިއްޞާކޮށްލެވޭ ފަދަ އަމާން މާޙައުލެއް އޮތުމެވެ. ހިތްދަތި ދުވަހެއްގައި ކެތްތެރިކަމާއެކު ތިމާގެ ވާހަކަ އަޑުއަހާލަދޭނެ ވަގުތުކޮޅެއް ދޭނެކަމުގެ ޔަގީންކަން އޮތުމެވެ.

އަޅުގަނޑުމެންގެ ޢާއިލާތަކުގެ ތެރޭގައި މިފަދަ ޙަޤީޤީ ލޯބި ދެއްކުމުގެ އެތައް ފުރުޞަތެއް އެބައޮތެވެ. މައިންބަފައިން ކުރިން ކިޔައިދީފައިވާ ވާހަކައެއް އަލުން ކިޔައިދޭއިރު، އެމީހުންގެ އުފަލަށްޓަކައި އަޑުއަހަން އިނދެވިދާނެއެވެ. ދަރިފުޅު ވާހަކަދައްކަން ބޭނުންވާ ވަގުތު ފޯނު އެއްފަރާތް ކޮށްލެވިދާނެއެވެ. ހަޔާތުގެ ބައިވެރިޔާއާއެކު ހިނގާލަން ދެވިދާނެއެވެ. ނުވަތަ އާދަޔާޚިލާފަށް ހިމޭންވެފައިވާ ތިމާގެ މީހެއްގެ ޙާލު ބަލާލެވިދާނެއެވެ.

އެއްވެސް ޚާއްޞަ މުނާސަބަތަކަށް އިންތިޒާރުނުކޮށް، އަނެކާގެ އަގުވަޒަންކުރާކަން ނުވަތަ ގާތުގައި ހުރިކަމުގެ އިހުސާސް ފޯރުކޮށްދެވިދާނެއެވެ. މިއީ އެއްވެސް ފައިސާއެއް ޚަރަދުނުކޮށް، އަޅާލުމާއި ދެވޭ ސަމާލުކަމުން ފޯރުކޮށްދީ ދެއްކޭނެ މަތިވެރި ލޯތްބެވެ.

ވީމާ، ހަދިޔާއެއް ގަތުމުގެ ކުރިން އަޅުގަނޑުމެން އަމިއްލަ ނަފްސާ ކޮށްލަންވީ ސުވާލަކީ، އަޅުގަނޑުމެން ދެކެ ލޯބިވާ މީހާ މިވަގުތު އެންމެ ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟

ވިސްނުންތެރިކަމާއެކު ދޭ ކުޑަ ހަދިޔާއަކީވެސް އަގުހުރި އެއްޗަކަށް ވެދާނެއެވެ. ނަމަވެސް އެމީހުން އެންމެ އެދެނީ އިޚްލާޞްތެރިކަމާއެކު ވާހަކަދައްކާލުމަށް، އެކުގައި ހޭދަކޮށްލާނެ ވަގުތުކޮޅަކަށް، ނުވަތަ އެމީހުންނާއެކު އަބަދުވެސް ތިބިކަމުގެ ޔަޤީންކަަން ކަމުގައި ވެދާނެއެވެ.

ލޯބީގެ ފުންމިނަކީ އެއްވެސް ޙާލެއްގައި ތަކެތީގެ އަގުން މިންކުރެވޭނެ އެއްޗެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް