ނަފްސާނީ ރައްކާތެރިކަން މުހިންމީ ކީއްވެ؟

ބިރަކާ ނުލައި ވާހަކަދެއްކޭނެ މާޙައުލެއް އޮތުމަކީ އީޖާދީ ވިސްނުމަށާއި، ދުޅަހެޔޮ މަސައްކަތުގެ ވެއްޓަކަށް ކޮންމެހެން ބޭނުންތެރި އަސާސެކެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުތަކަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ގޮންޖެހުމަކީ ލޮލަށް ފަސޭހައިން ފެންނަން އޮތް ކަމެއް ނޫނެވެ. އެއީ އުސް އިމާރާތްތަކުން، އިޤްތިޞާދީ ކުރިއެރުމުން، ނުވަތަ އިންޓަނެޓުގެ ހަލުވިމިނުން ވަޒަންރެވޭނެ ކަމެއްވެސް ނޫނެވެ.

އެއީ ދުވަހަކުވެސް ދުލުން ބޭރުނުކުރެވި، ހިތުގެ އެންމެ ހިމަނާރުގައި ވަޅުޖެހިފައިވާ ޝުޢޫރުތަކާއި، އަހަންނުކެރި ގުޅަޖެހިފައިވާ ސުވާލުތަކުން މިންކުރެވޭ ފުން ވޭނެކެވެ. މިއީ އެއްވެސް މީހަކަށް ފެންނަންނެތް، ހިތާމައިގެ ސާލެއްގެ ދަށުގައި ފޮރުވިފައިވާ ކަރުނަތަކުގެ ހިމޭން ކާރިސާއެކެވެ.

މިއަދުގެ ޙަޤީޤަތަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މިހިމޭންކަން އިޚްތިޔާރު ކުރާކަމެވެ. ކުލާސްރޫމުގައި ދަރިވަރަކު ސުވާލެއް ކޮށްފިނަމަ، އެއީ ތޫނުފިލި ކުއްޖެއް ނޫންކަމަށް އެހެން ކުދިން ދެކެފާނެތީ ޖެހިލުންވެއެވެ. މަސައްކަތުގެ މާޙައުލުގައި މުވައްޒަފަކަށް ގޯހެއް ފެނުނު ކަމުގައި ވިޔަސް، އޭގެ ޒިންމާ އަމިއްލަ ބޮލުގައި އެޅިދާނެތީ ބަހެއް ބުނަން ފަސްޖެހެއެވެ.

ޢާއިލީ ދިރިއުޅުމުގައިވެސް، ދެމަފިރިންގެ މެދުގައި ދެބަސްވުމެއް އުފެދިދާނެތީ، ހިތުގެ އުދާސްތައް ބޭރުކުރުމަށްވުރެ ހިމޭނުން ތިބުން މާރަނގަޅުވާނެކަމަށް ދެކެއެވެ. އަދި ޒުވާނަކު ނަފްސާނީ ހާސްކަމާއި ބިރުވެރިކަމާ ކުރިމަތިލަމުންދާއިރު ވެސް، މުޖުތަމަޢުގެ ފުރައްސާރައާއި ފާޑުކިޔުންތަކަށް ބިރުން، އެ ހުރިހާ ވޭނެއް ހިނިތުންވުމެއްގެ ފަހަތުގައި ވަންހަނާކުރެއެވެ.

މިދެންނެވި ނާޒުކު ހާލަތްތަކަކީ ޚަބަރުތަކުގެ ފަލަސުރުޚީތަކުން ޖާގަ ހޯދާ ކަންކަމެއް ނޫނެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޖުމްލަ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ބިނާވެފައި އޮންނަނީ މި ހަގީގަތްތަކުގެ މައްޗަށެވެ. މިއަހަރު ދި ހެޕިނަސް ކްލަބުން "ވަރަށްލޯބިވޭ" މިނަމުގައި ބޭއްވި ފުރަތަމަ ސިލްސިލާ ބައްދަލުވުމުން، އިވިގެންދިޔަ ތަފާތު ޢުމުރުފުރާތަކުގެ މީހުންގެ ތަޖުރިބާތަކުން އެނގިގެންދިޔައީ މި ޙަޤީޤަތެވެ. މީހުން ހިމޭނުން ތިބެނީ ދައްކާނެ ވާހަކައެއް ނެތިގެންނެއް ނޫނެވެ. އެކަމަކު، ވާހަކަ ދެއްކުމަކީ ރައްކާތެރި ކަމެއްކަމުގެ އިތުބާރު ނެތުމުންނެވެ.

ނަފްސާނީ ރައްކާތެރިކަމަކީ ޒިންމާތަކުން ބަރީއަވުމެއް ނޫނެވެ. އަދި އުނދަގޫ ޙަޤީޤަތްތަކާ ކުރިމަތިލުމުން ރެކިގަތުމެއްވެސް ނޫނެވެ. އޭގެ އަސްލަކީ ބާކީކޮށްލުމާއި ފުރައްސާރައިގެ ބިރަކާ ނުލައި، އިޚްލާޞްތެރިކަމާއެކު ޚިޔާލު ފާޅުކޮށް، ސުވާލުކޮށް، ހެދޭ ގޯސްތަކަށް އިޢުތިރާފުވެވޭނެ އަމާން މާޙައުލެއް އޮތުމެވެ.

މީހުންނަށް ރައްކާތެރިކަމުގެ އިޙްސާސް ލިބުމުން، އުފެއްދުންތެރިކަން އިތުރުވެ، ގުޅުންތައް ބަދަހިވެ، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ލިބެއެވެ. އެހެންނަމަވެސް، އެ ރައްކާތެރިކަން ގެއްލިއްޖެނަމަ، މުޅި މާޙައުލުގައި ބިރުވެރިކަން އަށަގަނެ، އުނގެނުމާއި އުފެއްދުންތެރިކަން ނެތިދެއެވެ. ނަތީޖާއެއްގެ ގޮތުން، ދުޅަހެޔޮ ޢާއިލާތަކާއި، ވަރުގަދަ މުއައްސަސާތައް ބަލިކަށިވެ، މުޅި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދިގެންދެއެވެ.

ޢިލްމީ ދިރާސާތަކުންވެސް ތަކުރާރުކޮށް ސާބިތުވާ ގޮތުގައި، މީހުންނަށް ބިރަކާ ނުލައި ވާހަކަދެއްކޭނެ މާޙައުލެއް އޮތުމަކީ އީޖާދީ ވިސްނުމަށާއި، ދުޅަހެޔޮ މަސައްކަތުގެ ވެއްޓަކަށް ކޮންމެހެން ބޭނުންތެރި އަސާސެކެވެ.

މި މަތިވެރި ސިފައަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދައްކުވައިދީފައިވާ ރީވެތި މަގެވެ. ކައުއިތުރު ރަސޫލާ ﷺ އަކީ އެކަލޭގެފާނާ ޚިޔާލު ތަފާތުވާ މީހުންގެ ވާހަކަތައްވެސް ނުހަނު ކެތްތެރިކަމާއި، އޯގާތެރިކަމާއެކު އަޑުއެއްސެވި މާތް ނަބިއްޔާއެވެ. އެކަލޭގެފާނުގެ ސީރަތުން ދަސްކޮށްދެނީ، އަނެކާގެ އަޑުއެހުމަކީ ހަމައެކަނި ވާހަކަދެއްކުމުގެ ހުނަރެއް ނޫން ކަމެވެ. އަދި ކިއެއްތަ، އެއީ އެކަކު އަނެކަކަށް ކުލުނު ފޯރުކޮށްދިނުމުގެ މަތިވެރި އަމަލެއްކަމެވެ.

އެހެންކަމުން، ހިމޭންކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކޭ ދެކުން އަޅުގަނޑުމެން ބަދަލުކުރަން ޖެހެއެވެ. މި ބަދަލަކީ ބޮޑެތި ތަޤުރީރުތަކަކުން އަންނާނެ ބަދަލެއް ނޫނެވެ. މި ބަދަލު ފެށެނީ ފާޑުކިޔުމުގެ ކުރިން ހަމްދަރުދީ އިސްކޮށްގެންނެވެ. ރައްދު ދިނުމުގެ ކުރިން ކަނުލައި އަޑުއަހާ ވެރިންނާއި، ކުދިންގެ ސުވާލުތަކަށް މަރުޙަބާ ކިޔާ މުދައްރިސުންނާއި، އަނެކާގެ އުދާސްތައް އަޑުއަހަން ތައްޔާރަށް ހުންނަ އިޚްލާޞްތެރި އެކުވެރިންގެ ފަރާތުންނެވެ.

ނަފްސާނީ ރައްކާތެރިކަމުގެ ބިންގަލަކީ، ކޮންމެ ދުވަހަކުވެސް އެކަކު އަނެކަކަށް ދައްކާ އޯގާތެރިކަމާއި، ލޯތްބާއި، ދޭދޭ ގުޅުންތަކުގެ ތެދުވެރިކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް