ތިމާއަށް ލިބިފައިވާ މަޤާމުނެ ލިބިދޭ ބާރަކީ، އަޅުގަނޑުމެން ގެ މައްޗަށް ބަރޯސާވާ މީހުންނަށް ކޮންކަހަލަ އިހުސާސެއް ކުރެވޭ އެއްޗެއްކަމާމެދު ވިސްނަވާ ލެއްވިންތޯއެވެ؟ އަޅުގަނޑުގެ ހިތުގައި މިސުވާލު އުފެދުނީ، ދާދިފަހުން ޚިދުމަތްދޭ ތަނަކުން ކުރެވުނު ތަޖުރިބާއެއްގެ ސަބަބުންނެވެ.
އެ ތަޖުރިބާގެ ސަބަބުން، ލީޑަރޝިޕާއި މީހުންނަށް ޚިދުމަތްކުރުމާ މެދު ފުންކޮށް ވިސްނާލަން އަޅުގަނޑަށް މަޖުބޫރުކުރުވިއެވެ. ބައެއް ފަހަރު، ބާރާއި މަޤާމު ލިބިފައިވާ މީހުންނަށް ހީވަނީ އެމީހުންނަކީ މީހެއްގެ ވާހަކަ އަޑުއަހަންޖެހޭ ވަރަށްވުރެ މާމަތީގައި ތިބި ބައެއް ހެންނެވެ. އެހީއަކަށް އެދި އަންނަ މީހާއަކީ އަގެއްނެތް ނިކަމެއްޗެއްހެން ބައިންދާފައި، އަޅާނުލާ ފޮނުވާލެވިދާނެ މީހެއް ކަމަށެވެ.
އަޅުގަނޑު އެންމެ ކަންބޮޑުވި ކަމަކީ، އެ ތަޖުރިބާ ކުރެވުނީ، މަތީތަޢުލީމު ހާސިލުކޮށް، ފަންނީގޮތުން ކުރިއެރުން ހޯދާފައިވާ މީހެއްގެ ފުށުން ކަމުގައިވީތީއެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. އެހީއަކަށް އެދި އައިމީހާ އެނބުރިދާންޖެހުނީ އޭނާއަކީ ނިކަމެތި ބޭކާރު މީހެއްކަމުގެ އިޙްސާސް ކުރެވިގެންކަމުގައިވުމުން، ޢިލްމާއި ފަންނީ ގާބިލުކަމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ތަޢުލީމަކީ މުހިންމު އެއްޗެއްކަމުގައި ވިޔަސް، އަދި ރަނގަޅު ނިންމުންތައް ނިންމުމަށް ޢިލްމާއި ހުނަރު އަދި ތަޖުރިބާ ހުރި މީހުން މުޖުތަމަޢަށް ބޭނުންވިކަމުގައި ވިޔަސް ހަމައެކަނި ސަނަދަކުން، ކެތްތެރިކަމާއެކު އަޑުއަހާނެ، އިޙްތިރާމާއެކު ވާހަކަދައްކާނެ، ނުވަތަ އަނެކާއަށް އެހީތެރިވުމުގެ ޒިންމާ ނަގާނެ މީހަކު ބިނައެއް ނުކުރެވެއެވެ. ތަޢުލީމަކީ އަޚްލާޤު ބައްޓަންކުރުމަށް އެހީވެދޭ އެއްޗެކެވެ. އެހެންނަމަވެސް، އެއީ މަޑުމައިތިރިކަމާއި ކުލުނު އުފެދޭނެކަމުގެ ކަމުގެ އެއްވެސް ޔަގީންކަމެއް ލިބިދޭ ކަމެއް ނޫނެވެ.
މި ސިފަތައް ފެނިގެންދަނީ ޢާންމު ދިރިއުޅުމުގެ ކުދިކުދި ކަންކަމުގެ ތެރެއިންނެވެ. ކަމެއް އޮޅުންފިލުވަން އުޅޭމީހަކަށް ޖަވާބުދޭ ގޮތުންނެވެ. އެއް ސުވާލެއް ދެތިންފަހަރު ތަކުރާރުކުރާ މީހާއާ މުޚާޠަބުކުރާ ގޮތުންނެވެ. އެއްވެސް ހައިސިއްޔަތެއް ނުވަތަ މަތީ މަޤާމެއް ނެތް އާންމު މީހަކަށް ސަމާލުކަންދޭ ގޮތުންނެވެ.
އަދި އަޅުގަނޑުމެންގެ އަޚްލާޤީ ފެންވަރު ހާމަވެގެންދަނީ، އަޅުގަނޑުމެންނަށް އެއްވެސް މަންފާއެއް ފޯރުކޮށްނުދެވޭނެ އާންމު މީހުންނާ ދޭތެރޭ ކަންތައްކުރާ ގޮތުންނެވެ. މިކަންކަމަކީ ގޭތެރެއިންނާއި ސްކޫލްމަދަރުސާތަކުންނާއި މަސައްކަތުގެ މާހައުލުންނާއި މުޖުތަމައުގެ އިސްމީހުންގެ ފުށުން ފެންނަ މަންޒަރުތަކުން އުފަންވާ މިސާލުން، މީހުން ދަސްކުރާ ސިފަތަކެވެ.
އަޅުގަނޑަށް ކުރެވުނު ތަޖުރިބާއާމެދު ވިސްނާލުމުން، އަޅުގަނޑުގެ ހަނދާނަށް އައީ ސަންޕޮޑްކާސްޓުން ގެނެސްދޭ އަޅުގަނޑުގެ "އިމްޕެކްޓް ޖާނީސް" ސީރީސްގައި، ޚިދުމަތްދިނުމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ވިނޭ ޕުޝްޕަކާރަން ވިދާޅުވި ވާހަކައެކެވެ.
އޭނާ ވިދާޅުވީ ޚިދުމަތްދިނުމުގައި "ރައްޔިތުމީހާގެ ލޮލުން" ދެކި، ނުވަތަ ޚިދުމަތް ލިބިގަންނަ މީހާގެ ނަޒަރުން ކަންކަންދުށުމުގެ ސަގާފަތެއް ބިނާކުރުމަކީ މިޒަމާނުގެ ޚިދުމަތުގެ ވައްޓަފާޅީގައި މުހިންމުކަމެއް ކަމުގައެވެ. އެކަންކުރެވޭނީ، ތިމާ ނިންމާ ނިންމުމެއްގެ ސަބަބުން ޚިދުމަތަށް އެދޭ މީހާއަށް ކުރާނެ އަސަރު ވަޒަންކޮށް، ދެން އޭނާ ހަދަންވީ ކިހިނެއްކަން އޮޅުންފިލުވައިދިނުމުގެ ވިސްނުމަކުންނެވެ.
އާދެ! ޤަވާޢިދުތައް މުހިންމެވެ. އުސޫލުތައް ވެސް މުހިންމެވެ. އެހެންނަމަވެސް، އެ އުސޫލުތަކުގެ ތެރެއިން ޚިދުމަތް ހޯދަން އުޅޭމީހާ މާމުހިންމެވެ. ޚިދުމަތް ހޯދަން އަންނަނީ ދަރިފުޅާމެދު ކަންބޮޑުވެފައިވާ މަންމައެއް ނުވަތަ ބައްޕައެއް ކަމަށް ވެދާނެއެވެ. ފޯމެއް ފުރަން ނޭނގިގެން އުޅޭ ޢުމުރުން ދުވަސްވީ މީހަކަށް ވެދާނެއެވެ. އެހީއަކަށް އެދި އައި މީހާއަކީ އެތައް ދުވަހަކުއްސުރެ ހިތްވަރުކޮށްފައި އައި މީހަކަށް ވެދާނެއެވެ. އަޅުގަނޑުމެންނަށް ފެންނަނީ ހަމައެކަނި އަނެއްކާވެސް އިތުރު "ރިކުއެސްޓެއް" ކަމުގައި ވިޔަސް، އެމީހުން އުފުލަމުން އެދަނީ އެމީހުންގެ ޙަޔާތުގެ ބޮޑު ބުރައެކެވެ.
މިގޮތުން، ޚިދުމަތް ހޯދަން އަންނަމީހުންގެ ނަޒަރުން ކަންކަން ދެކޭ ޚިދުމަތުގެ ވައްޓަފާޅިއަކަށް ވާސިލުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކުލުނެވެ. އެއީ އަޅުގަނޑުމެން ކަންކުރާގޮތުގެ ތެރެއިން ފެންނަ އެއްޗެކެވެ. މީހަކު ވާހަކަދައްކާއިރު ފުރިހަމަ ސަމާލުކަން ދިނުމުންނެވެ. އެމީހުންނަށް ފަސޭހައިން ދޭހަވާނޭ ފަދަ ސާދާ ބަހުރުވައަކުން ވާހަކަދެއްކުމުންނެވެ. ފޯމެއް ދިނުމަކުން ޒިންމާ އަދާކުރެވުނީ ކަމަށް ނުދެކި، ދެން އަޅަންވީ ފިޔަވަޅު އެމީހާއަށް ސާފުވިތޯ ކަށަވަރުކޮށްގެންނެވެ.
ބައެއް ފަހަރު "ނޫނެކޭ" ބުނަންޖެހިދާނެއެވެ. އެދޭކަމެއް ފުރިހަމަ ކޮށްނުދެވޭ ޙާލަތްތަކާއި، ވަގުތުން ޙައްލު ނުހޯދޭ ކަންކަން ދިމާވާނެއެވެ. ނަމަވެސް އެފަދަ ޙާލަތްތަކުގައި ވެސް ކަންއޮތްގޮތް ސާފުކޮށްދީ، އެމީހުންގެ ކަންބޮޑުވުން ބަލައިގަނެ، ދެން ކުރިއަށްދާންވީ މަގު އޮޅުންފިލުވައިދޭންވާނެއެވެ. ހިތްދަތި ޖަވާބެއް ވެސް އޯގާތެރިކަމާއެކު ފޯރުކޮށްދީގެންނެވެ.
ކުލުނު އިސްކުރުމަކީ ޤަވާޢިދާއި މިންގަނޑުތައް ދޫކޮށްލުމެއް ނޫނެވެ. އެއީ އިންސާނީ ކަރާމާތް ނުގެއްލޭނެ ގޮތެއްގެ މަތިން އެ މިންގަނޑުތައް ދެމެހެއްޓުމެވެ. އެކަން ކުރެވޭނީ – އަޅުގަނޑުމެން ކަންކުރާގޮތާއި، ވާހަކަދައްކާ ރާގާއި، ޝައުގުވެރިކަން ބަހައްޓާގޮތުން އުފައްދައިދޭ ހާލަތުގެ ތެރެއިންނެވެ.
ޚިދުމަތްހޯދަން އަންނަމީހުން އަޅުގަނޑުމެން ނިންމާ ނިންމުންތަކަށާއި އަޅުގަނޑުމެންގެ އެހީތެރިކަމަށް ބަރޯސާވާން ޖެހޭއިރު، އަޅުގަނޑުމެންގެ "މުހިންމުކަމާއެކު" ބޮޑު ޒިންމާއެއް ވެސް އުފުލަންޖެހެއެވެ. އެހެން މީހުންނަށް އަޅުގަނޑުމެން ކަންކުރާގޮތުންނާއި ނިންމާނިންމުންތަކުގެ ސަބަބުން ކުރާނެ އަސަރުތަކަށް ސަމާލުވާންޖެހެއެވެ. މީހަކު ކަމެއް ސާފުނުވެގެން އުޅޭ ވަގުތެއްގައިނަމަ، އިތުރަށް ކެތްތެރިވާންޖެހެއެވެ. އަދި އަޅުގަނޑުމެންގެ ކުރިމަތީގައި ހުންނަ މީހާގެ ޤަދަރާއި އިންސާނީކަރާމާތް ރައްކާތެރިކުރުމުގައި ފަރުވާތެރިވާންޖެހެއެވެ.
އަޅުގަނޑުމެންގެ ގާތަށް ޚިދުމަތެއް ހޯދުމަށް އަންނަ ކޮންމެ މީހަކު އެނބުރި ދަނީ – އޭނާގެ އަޑު އެހިކަމުގެ ހިތްހަމަޖެހުމާއެކުތޯ، ދެންވާންވީގޮތް ރަނގަޅަށް ސާފުވެގެންތޯ، އަޅުގަނޑުމެން ގަދަރުކުރާމީހަކަށް ލިބެންއެދޭފަދަ އިހުތިރާމާއި ގަދަރު ލިބިގެންތޯ ވިސްނާލަމާތޯއެވެ؟ އޭރުން ޚިދުމަތް ހޯދަން އަންނަ "ރައްޔިތުމީހާގެ ލޮލުން" ދެކޭ، ޚިދުމަތުގެ ސަގާފަތެއް ބިނާކުރުމަށް މަގުފަހިވާނެއެވެ.