500 މިލިއަން ޑޮލަރުގެ 5،000 ހައުސިން ޔުނިޓަށް ފަންޑުކުރާނީ އީގަލް ހިލްސްއިން: އަލައްބާރު

އީގަލް ހިލްސްގެ ޗެއާމަން އަލައްބާރު "ސަން" އޮންލައިނަށް އިންޓަވިއޫ ދެއްވަނީ--- ފޮޓޯ: އަބީދު

ރަސްމާލެ ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން, ރާއްޖޭގައި އިމާރާތްކުރަން ހުށަހަޅާފައިވާ 5،000 ހައުސިން ޔުނިޓަށް ފުރަތަމަ ފަންޑުކުރާނީ އީގަލް ހިލްސް ކުންފުނިން ކަމަށް އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު މިއަދު ވިދާޅުވެއްޖެއެވެ.

ސަން އޮންލައިނަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި, މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖެއަށް ލިބޭނެ ފައިދާތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އެ ބޭފުޅާ ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަމުގެ މި ބަޔަކީ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.

https://www.sun.mv/228760

މި މަޝްރޫއަށް ފުރަތަމަ އީގަލް ހިލްސްގެ އަމިއްލަ ފައިސާ ޚަރަދުކުރި ނަމަވެސް، ފަހުން މުޅި ތަރައްގީގެ މަޝްރޫއުގެ ތެރެއިން އެ ފައިސާ އަނބުރާ ހޯދާނެ ކަމަށް އަލައްބާރު ވިދާޅުވެފައިވެއެވެ.

"މިއީ އަހަރެމެންގެ ފަރާތުން ހުށަހަޅާ އިންސާފުވެރި ހުށަހެޅުމެއް. އަދި ފަހުން އަހަރެމެން އެ ފައިސާ އަނބުރާ ހޯދާނަން،" އަލައްބާރު ވިދާޅުވިއެވެ.

"އަހަރެމެން މިހާރު ފައިސާ ލާނަން، އެކަމަކު ފަހުން އެ ފައިސާ އަނބުރާ ލިބޭނެ."

މި ފައިނޭންސިން އޮނިގަނޑު އެކުލެވިގެންވަނީ އިކުއިޓީއާއި، ދަރަންޏާއި، އަދި ރިއަލް އެސްޓޭޓް ވިޔަފާރިން ލިބޭ އާމްދަނީގެ މައްޗަށް ކަމަށް އަލައްބާރު ފާހަގަކުރެއްވިއެވެ.

މުޅި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އީގަލް ހިލްސްއިން ލަފާކުރެއެވެ. އޭގެ ތެރޭގައި ސަރުކާރަށް ލިބޭ ޓެކްސްގެ އާމްދަނީއާއި، ވަޒީފާގެ ފުރުސަތުތަކާއި، އިގުތިސާދީ ހަރަކާތްތައް އިތުރުވުން ހިމެނެއެވެ.

އަލައްބާރު އަންދާޒާކުރައްވާ ގޮތުގައި، މި މަޝްރޫއުގެ މުއްދަތުގެ ތެރޭގައި ސަރުކާރަށް ޓެކްސްގެ ގޮތުގައި ދެ ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ލިބޭނެއެވެ. މީގެ އިތުރުން، އިމާރާތްކުރުމުގެ މަރުހަލާގައި 40،000 ވަޒީފާ އުފެދޭނެ ކަމަށާއި، މަޝްރޫއު ނިމުމުން 15،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް ދާއިމީ ވަޒީފާ އުފެދޭނެ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

އީގަލް ހިލްސްގެ ޗެއާމަން އަލައްބާރު "ސަން" އޮންލައިނަށް އިންޓަވިއޫ ދެއްވަނީ--- ފޮޓޯ: އަބީދު

ދިވެހި ރާއްޖެއަށް އެހީތެރިވެދެވޭނެ ގޮތްތައް ކަނޑައެޅުމުގައި ބޯހިޔާވަހިކަމުގެ ބަޔަކީ ވަރަށް މުހިންމު ބައެއް ކަމަށް އަލައްބާރު ފާހަގަކުރެއްވިއެވެ.

"ގައުމީ ބޯހިޔާވަހިކަން ބޭނުންވާ ނަމަ، އެއީ ވަރަށް މުހިންމު ކަމެއް. އަހަރެމެން އެކަމަށް އެހީތެރިވާން ޖެހޭނެ،" އަލައްބާރު ވިދާޅުވިއެވެ.

އިންވެސްޓްމަންޓް އަނބުރާ ހޯދަން މަޑުކުރަން ޖެހުނަސް، ރާއްޖެއަށް ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށްވާތީ އެކަމަށް އިސްކަންދެއްވާނެ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއެކު އީގަލް ހިލްސްއިން އަދި ފައިނަލް އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެއެވެ. ނަމަވެސް، މާ ގިނަ ދުވަސް ނުކޮށް އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އަލައްބާރު ވިދާޅުވިއެވެ. އަދި އޭގެ ގާތްގަނޑަކަށް އެއް އަހަރު ފަހުން، ޑިޒައިންކުރުމާއި ތިމާވެށީގެ މަސައްކަތްތަކާއި އެހެނިހެން ތައްޔާރީ މަރުހަލާތައް ނިމުމުން އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

އެއްބަސްވުން ފައިނަލްވުމުން އެކަން އާންމުކުރަން ޖެހޭނެ ކަމަށާއި، އެއްބަސްވުމުގެ ތަފްސީލު އެނގުމަކީ ދިވެހިންނަށް އޮތް ހައްގެއް ކަމަށް އެ ބޭފުޅާ ގަބޫލުކުރައްވައެވެ.

"އެއްބަސްވުން އަދި ފައިނަލް ނުވާތީ އާންމު ނުކުރަނީ. އެކަމަކު އަހަރެން އެއްބަސްވަން. ރައްޔިތުންނަށް އެ ހައްގު އޮންނާނެ،" އަލައްބާރު ވިދާޅުވިއެވެ.

އެ ބޭފުޅާ ވިދާޅުވި ގޮތުގައި ފައިނަލް އެއްބަސްވުން ތައްޔާރުކުރާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި އެއްބަސްވުން ނިމުމުން ސަރުކާރުން އޭގެ ތަފްސީލުތައް އާންމުންނާ ހިއްސާކުރާނެއެވެ.

comment ކޮމެންޓް