ނުފޫޒު ފޯރުވި ކަމަށް ބުނެ ބެލި މައްސަލައިގައި ކުށެއް ނެތްކަމަށް ބުނެ މަހާޒުގެ މައްސަލަ ވެސް ޕީޖީއާއި ފުލުހުން ފައިލްކޮށްފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް: -- ފޮޓޯ/ ރައީސް އޮފީސް

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ހިންގި ތަހުގީގުގައި ޖިނާއީ ކުށެއްގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް ފައިލްކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ދިވެހި ފުލުހުން ބުނެފައިވަނީ މަހާޒުގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާ ދިރާސާކުރިއިރު، އެއްވެސް ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ވެސް މި މައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ވެސް ވަނީ މަހާޒަށް ޖަވާބު ދީފައެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އޮފީހަށް މި މައްސަލަ ހުށަހެޅުމުން، މައްސަލަ ދިރާސާކުރުމަށްފަހު، ޕްރޮސިކިއުޝަން މަރުހަލާއިން މައްސަލަ ޑިކްލައިންކުރަން ނިންމައި އެ ނިންމުން ހިއްސާކޮށްފައިވާނެ ކަމަށެވެ.

މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދުގެ މައްޗަށް ތުހުމަތުކޮށް ފެށި މައްސަލައެކެވެ. ޑރ. އަޒްމިރާލްދާގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލަ ވެސް، ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތިގެން ޕީޖީންނާއި ފުލުހުން ވަނީ ފައިލްކޮށްފައެވެ.

މި މައްސަލައިގެ ފެށުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ބޭފުޅުން ބައްލަވަމުން ގެންދަވަނިކޮށް، އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިނގަމުންދާ ކަމަށް ބުނެ އޭސީސީން ޖޭއެސްސީއަށް އެންގި އެންގުމެވެ. އެ އެންގުމާ ގުޅިގެން ޖޭއެސްސީން ތިން ފަނޑިޔާރުން ސަސްޕެންޑުކުރިއެވެ.

އޭގެ ފަހުން ފަނޑިޔާރު ސުއޫދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި އިރު، ޑރ. އަޒްމިރާލްދާއާއި މަހާޒު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން މަގާމުން ވަކިކޮށްފައެވެ. ފަނޑިޔާރުންނަށް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ މަގާމުން ވަކިކުރި މައްސަލައިގައި ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގާނޫނީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މިއީ ސަރުކާރުގެ ނުފޫޒުން ހިންގި ކަމެއް ކަމަށް އޭރު ފަނޑިޔާރުން ތުހުމަތު ކުރެއްވި ނަމަވެސް، ސަރުކާރުން އެކަން ދޮގުކުރެއެވެ.

ފުލުހުންގެ އިތުރުން ޕީޖީން ވެސް މި މައްސަލަ ފައިލްކޮށް ނިންމާލާފައިވާއިރު، މި މައްސަލައާ ގުޅިގެން އޭސީސީން ކުރިއަށްގެންދިޔަ ތަހުގީގުގެ އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް