މި އަހަރުގެ ބައިނަލްއަގްވާމީ ކަސްޓަމަ ސާވިސް ވީކް ފާހަގަކުރުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ކްލަބް ޕްރިމިާއާ ޕާޓްނަރެއް ކަމަށްވާ ހީޕް ކެފޭއާ ގުޅިގެން ކަސްޓަމަރުންނަށް ހާއްސަ ކޮފީ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
އުރީދޫން މައުލޫމާތު ދިން ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް، ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓަރުގައެވެ.
މި ވަގުތުގެ ތެރޭގައި ހީޕް ކެފޭއިން އެ ތަނުގައި ބަހައްޓާފައިވާ ކޮފީ ކާޓުން ތިން ކޮފީ ގަތުމުން ހަތަރުވަނަ ކޮފީ މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އުރީދޫން ބުނި ގޮތުގައި މިއީ ކަސްޓަމަރުންނާއި އެ މީހުންގެ ރައްޓެހިންނަށް އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މާލެ ސަރަހައްދުގައި މަގްބޫލުކަން ހޯދަމުން އަންނަ ހީޕް ކެފޭއާއެކު ވެވުނު މި ޕާޓްނަޝިޕްގެ ދަށުން ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. ކަސްޓަމަ ސާވިސް ވީކާ ގުޅިގެން ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ ގޮތުން މި ހަފުތާގައި އުރީދޫން ދަނީ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
އެގޮތުން، އުރީދޫގެ ސީއީއޯ ޝާދީ ގައްވާސްމީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ކަސްޓަމަ ސާވިސް ސެންޓަރުތަކަށް ޒިޔާރަތްކޮށް، ކަސްޓަމަރުންނާ ބައްދަލުކޮށް ހިޔާލު ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އުރީދޫން ފާހަގަކުރި ގޮތުގައި، މި ހުރިހާ ހަރަކާތްތަކެއްގެ ވެސް މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ.
އުރީދޫ މޯލްޑިވްސް އަކީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ. މި ކުންފުންޏަކީ ގަޠަރުގެ "އުރީދޫ ގްރޫޕް" ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގައި ލިސްޓުކޮށްފައިވާ ކުންފުންޏެކެވެ.
އުރީދޫން ރާއްޖެއަށް މުޢާސަލާތީ ޚިދުމަތްތައް ރަސްމީކޮށް ދޭންފެށީ 1 އޯގަސްޓް 2005 ގައެވެ. އޭރު އެ ޚިދުމަތް ދޭން ފެށީ "ވަތަނިއްޔާ މޯލްޑިވްސް" ގެ ނަމުގައެވެ. މިހާރުގެ ނަމަށް ނަން ބަދަލުކޮށް ކުންފުނީގެ ނަން "އުރީދޫ" އަށް ރީބްރޭންޑް ކުރީ 2013 ވަނަ އަހަރުއެވެ.