ބަޖެޓަށްވުރެ ޚަރަދުތައް އިތުރުވާކަމަށް ދައްކަނީ އަތޮޅު ގޮފިތަކުގެ ޚަރަދުތައް ހިމަނާފައިވާތީ: އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް: -- ފޮޓޯ/ އެލްޖީއޭ

ދައުލަތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ ހަރަދުތައް އިތުރުވެފައިވާ ކަމަށް ދައްކަނީ، އަތޮޅު ގޮފިތަކުގެ ހަރަދުތައް އެ އޮތޯރިޓީގެ ހަރަދުތަކުގެ ގޮތުގައި ހިމަނާފައި ވާތީ ކަމަށް އެލްޖީއޭ އިން މިއަދު ބުނެފިއެވެ.

އެލްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 17 ވަނަ އިސްލާހާ ގުޅިގެން، ކުރިން ހިންގަމުން އައި އަތޮޅު ކައުންސިލް އިދާރާތައް އުވާލައި އެލްޖީއޭގެ ގޮފިތަކެއްގެ ގޮތުގައި މި އަހަރުގެ މެއި 17 އިން ފެށިގެން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އެ ބަދަލާ އެކު، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމާއި، އެކި ފަރާތްތަކަށް އަދާކުރަންޖެހޭ ފައިސާ ދެއްކުމުގެ އިތުރުން އިދާރީ ހުރިހާ ހަރަދުތައް ކުރުމުގެ ޒިންމާ އެ އޮތޯރިޓީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މި އަހަރަށް އެލްޖީއޭ އަށް ދައުލަތުގެ ބަޖެޓުން ފާސްކޮށްދީފައި ވަނީ 37.3 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން މި މަހުގެ ހައެއްގެ ނިޔަލަށް އެ އޮތޯރިޓީގެ ހިންގުމަށާއި، ހިދުމަތްތަކަށާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުވެފައި ވަނީ 18.5 މިލިއަން ރުފިޔާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.

އެލްޖީއޭ އިން ފާހަގަކުރި ގޮތުގައި، މި އަހަރަށް އެ އޮތޯރިޓީގެ ބަޖެޓު ކަނޑައެޅީ އަތޮޅު ގޮފިތަކާ ހަވާލުވުމުގެ ކުރިން އޮތޯރިޓީގެ ކުރީގެ ހިންގުމުގެ ދާއިރާއަށް ބަލައިގެން ކަމަށް ވާތީ، މަޖިލީހުން ފާސްކުރި ބަޖެޓުގައި އެ ގޮފިތަކުގެ ހަރަދުތައް ހިމެނިފައެއް ނުވެ އެވެ.

އެހެންކަމުން އެ އިދާރާތަކުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީގައި އެދިގެން ބަޖެޓަށް އިތުރުކޮށްދީފައިވާ ކަމަށާއި، މިދިޔަ މެއި 17 އިން ފެށިގެން މި މަހުގެ ހައެއްގެ ނިޔަލަށް އަތޮޅު ގޮފިތައް ހިންގުމަށް ޖުމްލަ 61.2 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ އެ ފައިސާގެ ތެރެއިން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެލްޖީއޭގެ ހަރަދު ބަޖެޓަށް ވުރެ އިތުރުވެފައިވާ ކަމަށް ދައްކަނީ، ފާސްކޮށްދިން ބަޖެޓުގެ އިތުރުން އަތޮޅު ގޮފިތަކުގެ ހަރަދުތައް ވެސް އެ އޮތޯރިޓީގެ ހަރަދުގެ ތެރޭގައި ހިމަނާފައި ވާތީ ކަމަށް އެލްޖީއޭ އިން ބުންޏެވެ. އަދި އެ ހުރިހާ ހަރަދެއް ވެސް ކޮށްފައި ވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް، ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ކަމަށް ވެސް ބުންޏެވެ.

އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން: -- ފޮޓޯ; އެލްޖީއޭ

މީގެ އިތުރުން އެލްޖީއޭ އިން ބުނީ، އެ އޮތޯރިޓީގެ މާލީ އަދި ހިންގުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކާއި ސާކިއުލާތަކާ އެއްގޮތަށް ކަމަށެވެ.

މީގެއިތުރުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ފަރާތުން އަބަދުވެސް މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށާއި، އެ އޮތޯރިޓީއާ ގުޅޭ މައުލޫމާތެއް ޝާއިއުކުރުމުގެ ކުރިން އޭގެ ސައްހަކަން ކަށަވަރުކުރުމަށް ހުރިހާ މީޑިއާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. މި މުއައްސަސާގެ މައިގަނޑު ދައުރަކީ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި ކޯޑިނޭޓްކުރުމެވެ.

comment ކޮމެންޓް