ކުޑަކުދިން ޗެޓްޖީޕީޓީ ބޭނުންކުރަނީ ދުވާލަކު އެވްރެޖުކޮށް 15 މިނެޓަށްވުރެ މަދުން: އޯޕަންއޭއައި

އޭއައިގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އުމުރާ ގުޅޭ ތަރައްގީގެ ރައްކާތެރިކަމަށް ކޮށްފާނެ އަސަރުތަކާމެދު ގިނަބަޔަކު ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުން ----

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ކުޑަކުދިން ޗެޓްޖީޕީޓީ ބޭނުންކުރަނީ ދުވާލަކު އެވްރެޖުކޮށް 15 މިނެޓަށްވުރެ މަދުން ކަމަށް އޯޕަންއޭއައިއިން ބުނެފިއެވެ. އަދި ވިދިވިދިގެން ތިން ގަޑިއިރަށްވުރެ ގިނިއިރު ޗެޓްބޮޓާ މުއާމަލާތް ކުރަނީ ކުޑަކުދިންގެ ދެ އިންސައްތައަށްވުރެ މަދު އަދަދެއްގެ ކުދިން ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ސޭމް އަލްޓްމަންގެ އޭއައި ކުންފުނިން ކުޑަކުދިން ޗެޓްޖީޕީޓީ ބޭނުންކުރާ ގޮތުގެ މައްޗަށް އެކުލަވާލި ފުރަތަމަ ރިޕޯޓު ނެރެފައިވަނީ، އޭއައި ވަސީލަތްތައް ބޭނުންކުރާ މިންވަރު ހަލުވިކަމާއެކު އިތުރުވަމުންދާތީ، އެކަމުގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އުމުރާ ގުޅޭ ތަރައްގީގެ ރައްކާތެރިކަމަށް ކޮށްފާނެ އަސަރުތަކާމެދު ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

https://sun.mv/228425

މިފަދަ ކަންބޮޑުވުންތައް ބޮޑުވެފައިވަނީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ގެއްލުންތަކާ މެދު ހެދިފައިވާ ދިރާސާތަކާވެސް ގުޅިގެންނެވެ. އެގޮތުން، ފޭސްބުކް އަދި އިންސްޓަގްރާމް ފަރުމާކޮށްފައިވަނީ ކުޑަކުދިން އެއަށް ދެވިހިފާ ގޮތަށް ކަމަށް ބުނެ ކުރެވުނު ތުހުމަތުތައް ހައްލުކުރުމަށްޓަކައި، ކުޑަކުދިން އެ މަންސަތައް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި 18 ބިލިއަން ޑޮލަރާ މިންވަރަށް ފައިސާ ދެއްކުމަށް މެޓާއިން ވަނީ ފާއިތުވި އޮގަސްޓު މަހު އެއްބަސްވެފައެވެ.

އޯޕަންއޭއައިއިން ބުނި ގޮތުގައި، ކުޑަކުދިން ޗެޓްޖީޕީޓީ ބޭނުންކުރާއިރު އަރާމުކޮށްލުމަށް ހަނދާންކޮށްދޭ "ބްރޭކް ރިމައިންޑާ" ފެނުނު މުއާމަލާތްތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބައިގައި، ފަސް މިނެޓު ތެރޭގައި ބޭނުންކުރުން ހުއްޓާލާފައި ނުވަތަ ޗެޓް ނިންމާލާފައިވެއެވެ. އެ ކުންފުނިން ބުނީ މީގެއިން ދޭހަވަނީ ކުޑަކުދިން ބޭނުންކުރާ މިންވަރު ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް މަސައްކަތްކުރާ ކަމެވެ.

ޚާއްޞަ "ޗެޓްޖީޕީޓީ ފޯ ޓީންސް" ބޭނުންކުރުމުގެ ފުރުޞަތު ލިބިފައިވާ ކުދިން ތަޢުލީމީ ކަންކަމާ ގުޅޭ މެސެޖުތައް ގިނައިން ފޮނުވާފައިވާ ކަމަށާއި، "ލާނިން ވިޝުއަލައިޒޭޝަންސް" އަދި "ސްޓަޑީ މޯޑް" ފަދަ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް އޯޕަންއޭއައިއިން ބުނެއެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ޝަރުތުތަކާއި ސުންގަޑިތަކާއި މާލީ އެހީތެރިކަން ހޯދުމުގެ މަރުޙަލާތަކުގައި އެހީތެރިވެދޭ ކޮލެޖު އެޕްލިކޭޝަން ޕްލޭނިން ވަސީލަތެއްގެ އިތުރުން ފްލޭޝްކާޑާއި ފަސޭހައިން ކުއިޒް ތައްޔާރުކުރެވޭނެ އާ އުނގެނުމުގެ ވަސީލަތްތައް އިތުރުކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

އޯޕަންއޭއައިއިން "ޗެޓްޖީޕީޓީ ފޯ ޓީންސް" ތަޢާރަފުކުރަން ފެށީ ފާއިތުވި އޮގަސްޓު މަހުއެވެ. އުމުރުގެ މައުލޫމާތަށް ބަލައި ނުވަތަ ބޭނުންކުރާ ފަރާތަކީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް އަންދާޒާކުރެވުމުން މި މޯޑު އޮޓޮމެޓިކުން އޮންވެއެވެ. މީގެއިން ބެލެނިވެރިންނަށް ކޮންޓްރޯލްކުރުމުގެ ފުރުސަތު ލިބޭއިރު، ހައްސާސީ މައުޟޫޢުތަކާ މެދު ކުރެވޭ މުއާމަލާތްތައް ހުރަސްއަޅައެވެ.

ނަމަވެސް، މިފަދަ ކަންކަން މޮނިޓާކޮށް ބަލަމުންގެންދާ ޖަމްޢިއްޔާއެއް ކަމަށްވާ "ކޮމަން ސެންސް މީޑިއާ"އިން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ކުޑަކުދިންގެ އެކައުންޓްތަކުން އަމިއްލައަށް މަރުވުމާއި، އަމިއްލަ ހަށިގަނޑަށް ގެއްލުންދިނުމާއި، ނުވަތަ ކޭންބުއިމުގެ ނުބައި އާދަތަކާ (އީޓިން ޑިސޯޑާސް) ގުޅޭގޮތުން މުއާމަލާތްކުރުމުން ބެލެނިވެރިންނަށް އެކަން އެންގުމުގައި "ޗެޓްޖީޕީޓީ ފޯ ޓީންސް"އިން ގިނަ ފަހަރަށް ލަސްވާ ކަމަށް ނުވަތަ މުޅިން އެންގުން މެދުކެނޑޭ ކަމަށެވެ.

ޓެސްޓުކުރުމަށްޓަކައި ހެދި 12 އަށްވުރެ ގިނަ އެކައުންޓުގެ މައްޗަށް ބިނާކޮށް ހެދި މި ދިރާސާއިން ދައްކާ ގޮތުގައި، ނުރައްކާތެރި ހާލަތްތަކުގައި އެހީތެރިވެދޭ ހެލްޕްލައިންތައް ނުވަތަ މާހިރުންގެ އެހީތެރިކަން ހޯދުމަށް ޗެޓްބޮޓުން އިތުބާރު ހުރި ގޮތެއްގައި އިރުޝާދެއް ނުދެއެވެ.

މިކަމާ ގުޅިގެން އޯޕަންއޭއައިގެ ތަރުޖަމާނަކު ބުނީ، އެ ދިރާސާގެ ޓެސްޓުތަކުން ޗެޓްޖީޕީޓީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް މަސައްކަތްކުރާ ރަނގަޅު ގޮތް ސައްހަކޮށް ސިފައެއް ނުކުރެވޭ ކަމަށެވެ. އަދި ސެކިއުރިޓީއާއި ސިސްޓަމްގެ ބޮޑުމިނުގެ ސަބަބުން ބެލެނިވެރިންނާއި ކުދިންގެ އެކައުންޓްތައް ގުޅުވާލުމަށާއި ރައްކާތެރިކަމުގެ އެލާޓްތައް އެކްޓިވްވުމަށް ގަޑިއިރުތަކެއް ނެގުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޯޕަންއޭއައިގެ ތަރުޖަމާނު އިތުރަށް ބުނީ، އެ ފަރާތްތަކުން ކުރި ޓެސްޓުތަކުގެ ބޮޑު ބައެއް ފަށައި ނިންމާލާފައިވަނީ ބެލެނިވެރިންގެ ކޮންޓްރޯލްތައް ފުރިހަމައަށް އެކްޓިވްވުމުގެ ކުރިން ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް ކޮމަން ސެންސް މީޑިއާއިން ބުނީ ޓެސްޓުކުރި ބައެއް އެކައުންޓްތައް ގުޅުވާލެވިފައި ހުރީ އެކަށީގެންވާ މުއްދަތަކަށް ކަމަށާއި، އަދި ބައެއް އެކައުންޓްތައް އެކަށީގެންވާ މުއްދަތަށް ގުޅުވާލެވިފައި ނުވިނަމަވެސް، އެއްވެސް އެކައުންޓަކުން ވަގުތުން ވަގުތަށް އެލާޓެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެލާޓްތައް ލިބުނީ ހައްސާސީ މައުޟޫޢުތަކުގެ ތާރީޚު ހަފުތާތަކަކަށް ދެމިގެންގޮސްފައިވާ އެކައުންޓްތަކަށް އެކަނި ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

comment ކޮމެންޓް