އޭއައި ކުންފުނިތަކުގެ ހިއްސާގެ އަގުތައް ވެއްޓި، އިންވެސްޓަރުންގެ ކަންބޮޑުވުން އިތުރުވެއްޖެ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ ކުންފުނިތަކުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއި ދަރަނި އިތުރުވަމުންދާތީ އިންވެސްޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދި، ޖެހިޖެހިގެން ދެވަނަ ދުވަހު ވެސް އެ ދާއިރާގެ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ބޮޑުތަނުން ވެއްޓިއްޖެއެވެ.

މިދިޔަ ހަފުތާގައި ހިއްސާގެ ބާޒާރަށް ނުކުތް އޭއައި ކުންފުނި އެންތްރޯޕިކްގެ ހިއްސާއެއްގެ އަގު ބުދަ ދުވަހު ބާޒާރު ހުޅުވުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި 73.85 ޑޮލަރަށް ތިރިވެފައިވާއިރު، މިއީ އެ ކުންފުނިން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފެށި އަގަށްވުރެ 11 އިންސައްތަ ދަށް އަދަދެކެވެ.

މި ވެއްޓުމުގައި ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ފާއިތުވި 52 ހަފުތާގެ އެންމެ ދަށް މިންވަރަށް ގޮސްފައިވާއިރު، އަލްފަބެޓްގެ ހިއްސާ 4.7 އިންސައްތަ ވެއްޓި، ޗިޕް އުފައްދާ ބޮޑު ކުންފުނި ބްރޯޑްކޮމްގެ ހިއްސާ ވަނީ 5.8 އިންސައްތަ ދަށަށް ގޮސްފައެވެ.

https://sun.mv/225983

މީގެ އިތުރުން، އޯޕަންއޭއައިގެ ހިއްސާދާރެއް ކަމަށްވާ ޖަޕާނުގެ ސޮފްޓްބޭންކްގެ ހިއްސާގެ އަގު 14 އިންސައްތަ ވެއްޓިފައިވާއިރު، އޭއައި ޑޭޓާ ސެންޓަރުތަކުގެ މުހިންމު ބައިވެރިއެއް ކަމަށްވާ އެންވީޑިއާގެ ހިއްސާ ވަނީ 8.5 އިންސައްތަ ދަށަށް ގޮސްފައެވެ.

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ޑިމޮކްރެޓުން ހޯދި ކާމިޔާބީއާއެކު އޭއައި ދާއިރާގެ ގަވާއިދުތައް ހަރުކަށިވެދާނެ ކަމުގެ ބިރު އޮތުމާއި، 14 ގައުމަކުން އެތެރެކުރާ މުދަލުން އާ ޓެރިފްތަކެއް ނެގުމަށް ޓްރަމްޕްގެ ސަރުކާރުން ހުށަހެޅުމުގެ އިތުރުން، އޮކްޓޫބަރު މަހު އެމެރިކާގެ އިންފްލޭޝަން އިތުރަށް މައްޗަށް ދިއުމަކީ ވެސް ބާޒާރަށް ނުތަނަވަސްކަން ގެނުވި ސަބަބުތަކެކެވެ.

އޭއައި ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް ކުންފުނިތަކުން ބޮޑެތި ދަރަނި ނަގަމުންދާތީ، އެ ޚަރަދުތަކާ އެއްވަރުގެ ފައިދާއެއް ނެރެވިދާނެ ކަމާމެދު ވޯލް ސްޓްރީޓްގެ އިންވެސްޓަރުން ދަނީ ސުވާލު އުފައްދަމުންނެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި އެމެރިކާގެ ނަސްޑެކް-100 އިންޑެކްސް 4 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ޗިޕް ކުންފުނިތައް ހިމެނޭ ފިލަޑެލްފިއާ ޗިޕްސް އިންޑެކްސް ވަނީ 7 އިންސައްތަ ވެއްޓި، ފާއިތުވި ހަތް މަސް ދުވަހުގެ އެންމެ ދަށް މިންވަރަށް ތިރިވެފައެވެ.

މި އަހަރުގެ ކުރީކޮޅު ބޮޑެތި ކުރިއެރުންތަކެއް ހޯދައި، އާމްދަނީގެ އަންދާޒާތައް މަތިކުރި ނަމަވެސް ސާވަރު އުފައްދާ ޑެލް ޓެކްނޮލޮޖީސްގެ ހިއްސާ 5.7 އިންސައްތަ އަދި އެޗްޕީއީގެ ހިއްސާ 16.3 އިންސައްތަ ވަނީ ވެއްޓިފައެވެ.

ހަމައެއާއެކު، އޮރަކަލްގެ ހިއްސާ 8 އިންސައްތަ އަދި އެމޭޒަންގެ ހިއްސާ 6 އިންސައްތަ ދަށަށް ގޮސްފައިވާއިރު، އޭއައި ކޮމްޕިއުޓިންގ ޚިދުމަތްދޭ ކޯވީވް އާއި ނެބިއުސް ގްރޫޕް ފަދަ ކުންފުނިތަކުގެ ހިއްސާ ވަނީ 10 އިންސައްތައަށްވުރެ ބޮޑުތަނުން ވެއްޓިފައެވެ.

ދަރަނި ނަގައިގެން އޭއައި އިންފްރާސްޓްރަކްޗާ ފުޅާކުރަމުންދާ ކުންފުނިތަކުގެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑުވެ، ކޯވީވްގެ ބޮންޑުތަކުގެ ޔީލްޑް 18 އިންސައްތައާ ގާތަށް އުފުލިފައިވާއިރު، އޮރަކަލް، އަލްފަބެޓް، ސްޕޭސްއެކްސް އަދި ކޯވީވް ފަދަ ކުންފުނިތަކުގެ ދަރަނީގެ އިންޝުއަރެންސް އަގުތައް ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައެވެ.

comment ކޮމެންޓް