ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ފަހު ވިއްކައި، ގެއްލުން ލިބުނު މީހުންނަށް ބަދަލު ދެވޭ ގޮތަށް ބިލެއް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް: ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ފަހު ވިއްކައި، ގެއްލުން ލިބުނު މީހުންނަށް ބަދަލު ދެވޭ ގޮތަށް ބިލެއް ވަނީ ހުށަހަޅައިފައި -- ފޮޓޯ/ ރައީސް އޮފީސް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ފަހު ވިއްކައި، އެ ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ބަދަލު ދެވޭ ގޮތަށް އެކުލަވާލާފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.

މި ބިލުގައި، މީހެއްގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުނުވަނީސް ވެސް އެފަދަ މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.

އެ ބިލު ގާނޫނަކަށް ވުމުގެ ކުރިން ކުށް ކޮށްގެން ހޯދާފައިވާ މުދާ ވެސް ދައުލަތަށް ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގެ ފަސްވަނަ ބާބުގައިވާ ގޮތުން، ކުށް ސާބިތުވުމުން އެ މުދަލެއް ބޭނުންކުރުން، ބަދަލުކުރުން ނުވަތަ ފޮރުވުން ހުއްޓުވުމަށްޓަކައި ރިސްޓްރެއިންޓް އަމުރެއް މެދުވެރިކޮށް މުދާ ހިފެހެއްޓުމުގެ ބާރު ޕްރޮސިކިއުޓަ ޖެނެރަލަށް ލިބިގެންވެއެވެ.

މީގެ އިތުރުން، ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ، ކުށް ސާބިތުވުމުން ކޯޓުގެ ވަކި އަމުރަކާ ނުލައި އޮޓޮމެޓިކް ފޯފީޗާގެ ގޮތުގައި ދައުލަތަށް މުދާ ނެގޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ ދަށުން މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި 15 ކުށެއް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި:

  • ޓެރަރިޒަމްގެ ކުށް
  • ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް
  • މީހަކު މެރުމުގެ ކުށް
  • މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް
  • މީހުން ޓްރެފިކް ކުރުމުގެ ކުށް
  • އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށް
  • ހަތިޔާރު ޓްރެފިކް ކުރުމުގެ ކުށް
  • ފައިސާ އަދި އަހުގުރި އެއްޗެހި ކައުންޓާފީޓް ކުރުމުގެ ކުށް
  • އިންސައިޑާ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަންގެ ކުށް
  • ކޮރަޕްޝަންގެ ކުށް
  • އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށް
  • 500،000 ރުފިޔާއިން ފެށިގެން މަތީގެ ފައިސާ ހިމެނޭ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
  • 100،000 ރުފިޔާއަށް ވުރެ މަތީގެ ފައިސާ ހިމެނޭ ފޭރުމާއި، ވައްކަމާއި، ހިޔާނާތާއި، ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކް ކުރުން އަދި މުދާ ސްމަގްލް ކުރުމުގެ ކުށް
  • ޖިނާއީ ބޮޑު ކުށެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން އެ ކުށެއް ކޮށްގެން މުދާ ހޯދޭ ކޮންމެ ކުށެއް

މީގެ އިތުރުން، ބޭރު ގައުމުތައް މެދުވެރިކޮށް، ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތަކާއި، ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކުގެ މީހުން ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ހިމެނެއެވެ.

ފުވައްމަލުކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު: ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލު، ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅުއްވައިފައި -- ފޮޓޯ/ މަޖިލިސް

މެމްބަރު ފަޒާދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވުމެވެ. އަދި ނުޙައްގުން ހޯދާ އެފަދަ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކޮށް ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމަކީ ވެސް މި ބިލުގެ މަގުސަދެއް ކަމަށް ވިދާޅުވިއެވެ.

އެ ބިލުގައި ވަނީ، ދައުލަތުން ހިފަހައްޓާ މުދާ ބެލެހެއްޓުމާއި އެ މުދާ ބޭނުންކުރުމާއި، އެކަމާ ގުޅޭ ކަންކަން ކުރާނީ އެސެޓް މެނޭޖްމެންޓް އޮތޯރިޓީން ކަމަށެވެ. އެ އޮތޯރިޓީ އުފައްދަވާނީ ރައީސް ކަމަށާއި އެ އިދާރާ ހިނގާނީ މާލިއްޔަތާ ބެހޭ ވުޒާރާގެ ދަށުން ކަމަށް ވެސް ބިލުގައިވެއެވެ.

ބިލުގައި ވަނީ އެސެޓް މެނޭޖްމެންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މަސައްކަތް ކުރަންވާނީ މިނިވަންކަމާއެކު ސިޔާސީ ނުފޫޒުން ނުވަތަ އެ ނޫން ވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެގެން ކަމަށެވެ.

އެ ބިލުގައި ވަނީ، ރިސްޓްރެއިންޓް އަމުރެއް ނުވަތަ ސިވިލް ރިސްޓްރެއިންޓް އަމުރެއް މެދުވެރިކޮށް ހިފެހެއްޓޭ މުދަލަކީ ވަކި ބާވަތެއްގެ މުދަލެއް ކަމަށްވާނަމަ، އެ މުދަލެއް ވިއްކާލުމަށް ހައިކޯޓުން އަމުރުކުރެވިދާނެ ކަމަށެވެ. އެއީ:

1/ އޭގެ ޒާތުގައި އަވަހަށް ހަލާކުވެދާ ބާވަތުގެ މުދާ

2/ އަގު ޑިޕްރީޝިއޭޓްވާ ބާވަތުގެ މުދާ

3/ ދިރޭ ތަކެތި

4/ އެ މުދަލެއް ބެލެހެއްޓުމަށް ކުރަން ޖެހޭ ޚަރަދު އެ މުދަލެއްގެ އަގާ އެކަށީގެންނުވާ މުދާ

އެ މުދާތައް ވިއްކޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވަނީ ނީޔަން ކިޔައިގެންނާއި ބީލަމުގެ އުސޫލުންނެވެ. އަދި މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ދައުލަތަށް ނެގޭ ފައިސާ، ނުވަތަ ދައުލަތަށް ނެގޭ މުދަލެއް ވިއްކައިގެން ލިބޭ ފައިސާއިން، ކުށުގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އޮތޯރިޓީއަށް ހުށަހެޅުމުން، އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.

ކުށުގެ ސަބަބުން ގެއްލުން ލިބޭ މީހުންނަށް ބަދަލު ދިނުމާ ގުޅޭ ކަންކަން، މިހާރު ހުށަހަޅައިފައިވާ ބިލު ގާނޫނަކަށްވުމުން، އެއާ ގުޅުވައި ހަދާ ގަވައިދުގައި ބަޔާން ކުރުމަށް ބިލުގައިވެއެވެ.

comment ކޮމެންޓް