އެގްރޯނެޓުގެ އެމްޑީކަމަށް ގޮނޑި ގެއްލުނު ސިނާން، ޗެއާއަކަށް އަނަސް

އެގްރޯނެޓްގެ އެމްޑީ ސިނާނާއި، އަނަސް --

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ހަމަޖެއްސުމާ ގުޅިގެން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު މުޙައްމަދު ސިނާން (ސިނާ) އައްޔަންކޮށްފިއެވެ.

މިފްކޯއިން ބުނީ، ސަރުކާރުގެ ނިންމެވުމާ އެއްގޮތަށް އެގްރޯނެޓް ހިންގުން މިފްކޯގެ ދަށަށް ބަދަލުކުރުމާ ގުޅިގެން އެ ކުންފުނީގެ ބޯޑަށް އާ ލީޑާޝިޕެއް އައްޔަންކޮށްފައިވާ ކަމަށެވެ. އެގޮތުން އެގްރޯނެޓުގެ ޗެއާމަންގެ މަގާމަށް މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުޙައްމަދު އަނަސް އައްޔަންކޮށްފައިވާއިރު، މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ މުޙައްމަދު ސިނާނެވެ.

މިފްކޯއިން ވަނީ އެގްރޯނެޓުގެ އައު ލީޑާޝިޕަށް މަރުހަބާ ކިޔައި، އެ ކުންފުނީގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތަކާއި ކުރިއެރުން ހޯދައިދިނުމަށް ގާތުން މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. އަދި އައު ދައުރުގައި އަނަސް އަދި ސިނާނަށް ކާމިޔާބީއަށް އެދޭ ކަމަށްވެސް މިފްކޯއިން ހާމަކުރެއެވެ.

އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން މި އައްޔަންކުރެވުނީ، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެގެން މި އަހަރުގެ ތެރޭ ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ގެއްލިފައިވަނިކޮށެވެ. ސިނާންގެ ގޮނޑި ގެއްލުނީ މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ މައްސަލައިގައެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ސިނާނަށް ލިބިވަޑައިގެންނެވި ނަމަވެސް، އޭނާ ވަނީ ފަހުން އެ ޓިކެޓު ދޫކޮށްލައްވާފައެވެ.

ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެފައިވަނީ ސިނާން ޓިކެޓު ދޫކޮށްލެއްވީ އާއިލާއާއެކު ވަގުތު ހޭދަކުރެއްވުމަށް ބޭނުންފުޅުވާތީ ކަމަށެވެ. ނަމަވެސް، ޓިކެޓު ދޫކޮށްލެއްވިތާ މަސްތަކެއްގެ ތެރޭގައި ސިނާނަށް މިވަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން ލިބިވަޑައިގެންފައެވެ.

comment ކޮމެންޓް