މިދިޔަ ސެޕްޓެންބަރު މަހަށްވުރެ މިދިޔަ މަހު މަސްވެރިކަން ރަނގަޅުވެ، މަސްވެރިންނަށް މިދިޔަ މަހު 30 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ދައުލަތުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ހާމަކޮށްފިއެވެ.
މިފްކޯއިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު 462 ދޯނިން 1،356 ޓަނުގެ މަސް ކިރުވައި، މަސްވެރިންނަށް ވަނީ 30،038،039 ރުފިޔާ ދޫކޮށްފައެވެ. އެއާ އަޅައިބަލާއިރު އޭގެ ކުރީ މަހު މަސްވެރިންނަށް ދޫކުރީ 27.3 މިލިއަން ރުފިޔާއެވެ.
މިދިޔަ މަހު ކިރުވި މަހަށް ބަލާއިރު، 1،354.77 ކިލޯއަކީ ކަޅުބިލަ މަހެވެ. އެގޮތުން ކަޅުބިލަމަހުގެ މަސްވެރިކަން ކުރި 462 ދޯންޏަސް، 30،007،339 ރުފިޔާ ވަނީ ދޫކޮށްފައެވެ. ބާކީ 30،700 ރުފިޔާ ދޫކޮށްފައިވަނީ، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި ފަސް ދޯންޏަކަށެވެ.
މި އަހަރު މިހާތަނަށް މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު އެންމެ ގިނަ އަދަދަކަށް މަސް ކިރުވައި މަސްވެރިންނަށް ފައިސާ ދޫކުރީ އޭޕްރިލް މަހެވެ. އެ މަހު އެކަނި ވެސް 4،414 ޓަނުގެ މަސް ކިރުވައި 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
މި އަހަރު މަސްވެރިކަން އެންމެ ދަށް ކަމަށް ދައްކަނީ ޖޫން މަހެވެ. އެ މަހު 568 ޓަނުގެ މަސް ކިރުވައި މަސްވެރިންނަށް ދޫކުރީ 11.33 މިލިއަން ރުފިޔާއެވެ.
މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް އުސޫލުތައް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެގޮތުން މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް މިފްކޯއިން ވެސް ނިންމައިފައެވެ.