މިފްކޯގެ އަހަރީ ދުވަހާ ގުޅުވައިގެން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 23 ރުފިޔާއަށް ބޮޑުކޮށްފި

މަސްވެރިންތަކެއް މަސްކިރުމުގައި -- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ 33 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު އެ ކުންފުނިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 23 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި މިއަދު އެ ކުންފުނިން ކަޅުބިލަމަސް ކިލޯއެއް 23 ރުފިޔާއަށް ގަންނަމުންދާއިރު، 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 20 ރުފިޔާގެ ރޭޓުންނެވެ. އަދި 15 ކިލޯއަށްވުރެ ބަރު ބޮޑުކަންނެލި ކިލޯއެއް ގަންނަމުންދަނީ 25 ރުފިޔާގެ ރޭޓުންނެވެ.

މިއަދު މިފްކޯއިން މަސް ގަންނަމުން ދަނީ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ގދ. ތިނަދޫ ބަނދަރު، މ. މުލަކު ބަނދަރު، ހއ. އިހަވަންދޫ ބަނދަރު އަދި ތ. ހިރިލަންދޫ ބަނދަރުންނެވެ.

ފާއިތުވި މަސްތަކުގައި މިފްކޯއިން ވަނީ ކަޅުބިލަމަސް ގަންނަ އަގު މެދުކެނޑުމެއްނެތި މައްޗަށް ޖައްސާފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހު މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 18.50 ރުފިޔާއަށް، އަދި އެ މަހުގެ ނުވަ ވަނަ ދުވަހު 20 ރުފިޔާއަށް ބޮޑުކުރިއެވެ.

އޭގެފަހުން 29 އޮގަސްޓް ގައި 21 ރުފިޔާއަށް، 22 ސެޕްޓެމްބަރު ގައި 22 ރުފިޔާއަށް، އަދި އެންމެ ފަހުން މިދިޔަ އޮކްޓޫބަރު 19 ގައި މަސް ކިލޯއެއްގެ އަގު ވަނީ 22.75 ރުފިޔާއަށް އުފުލާފައެވެ.

މިއަދުގެ މި ބަދަލާއެކު މިފްކޯއިން މިވަނީ އަހަރީ ދުވަހުގެ މުނާސަބަތުގައި މަސްވެރިންނަށް ކިލޯއަކަށް 23 ރުފިޔާގެ އަގެއް ހަމަޖައްސައިދީފައެވެ.

މަހުގެ އަގަށް ދެމެހެއްޓެނިވި ބަދަލެއް ގެނައުމަށްޓަކައި އެންމެ މުހިންމު ކަމަކީ މަސް ފިނިކޮށް ރައްކާކުރެވޭ މިންވަރު އިތުރުކުރުން ކަމަށް މިފްކޯއިން ފާހަގަކުރެއެވެ. އަދި ރާއްޖެއިން ބޭރަށް ރޯ މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި، ރާއްޖޭގައި މަސް ޕްރޮސެސްކޮށް އަގު އެއްކުރެވިފައިވާ މަހުގެ އުފެއްދުންތައް ބޭރުކުރުމަކީ، މަހުގެ އަގު ދިވެހިންގެ އަތްމަތީގައި ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

ސަރުކާރުން ވެސް މަސައްކަތް ކުރަމުންދަނީ މަސްވެރިކަމުގެ ސިނާއަތުގެ ޖުމްލަ އަމާޒަކީ މިއީ ކަމުގައި ކަނޑައަޅައިގެންނެވެ.

މިއަދު ފާހަގަކުރާ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން މިފްކޯއިން ބުނީ، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ މަސްވެރިންނަށް ރަނގަޅު އަގެއް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމާއި މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިކުރުން ކަމަށެވެ.

މީގެއިތުރުން މަސްވެރިންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި މުހިންމު ހެޔޮ ބަދަލުތަކެއް ގެންނަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަކީ 1993 ވަނަ އަހަރު އުފެދުނު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ މައި ކުންފުންޏެވެ.

މި ކުންފުނީގެ މައިގަނޑު މަސައްކަތްތަކަކީ ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމާއި، މަސް ބަންދުކުރުމާއި، ގަނޑުކޮށްގެންނާއި ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމުގެ އިތުރުން ރާއްޖޭގެ ބާޒާރަށް މަހުގެ އުފެއްދުންތައް ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް