ވޭތުވެދިޔަ އެއް ހަފުތާގެ ތެރޭގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 41 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި އެންމެ ގިނައީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މައްސަލަތައް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު 27 އިން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުށަހެޅުނު މައްސަލަތަކުގައި ޖުމްލަ 386,611.68 (ތިން ލައްކަ އަށްޑިހަ ހަ ހާސް ހަސަތޭކަ އެގާރަ ރުފިޔާ ފަސްދޮޅަސް އަށް ލާރި) ވަނީ އާންމުންގެ އަތުން ގެއްލިފައެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން އޭގެ ތެރެއިން 381,503.00 (ތިން ލައްކަ އަށްޑިހަ އެއް ހާސް ފަސްސަތޭކަ ތިން ރުފިޔާ) ވަނީ އަނބުރާ ހޯދައިދީފައެވެ.
ފުލުހުން ބުނީ މި މުއްދަތުގައި ހުށަހެޅުނު ސްކޭމްގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައީ ކަރަންސީ އެކްސްޗޭންޖް ނުވަތަ ބޭރު ފައިސާ މާރުކުރުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން އެފަދަ 16 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. އެއީ 14 މައްސަލައެކެވެ. މީގެ އިތުރުން ހޮޓާ ނުވަތަ ޓިކެޓް ބުކިން ރިފަންޑާ ގުޅޭ ފަސް މައްސަލައަކާއި، އިންވެސްޓްމަންޓް ސްކޭމްގެ ފަސް މައްސަލައިގެ އިތުރުން އެހެނިހެން އެއް މައްސަލަ ހިމެނެއެވެ.
މިފަދަ މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ޓަކައި، ކާކުކަން ސާފުނުވާ ވިޔަފާރިވެރިންނަށް އެޑްވާންސްކޮށް ފައިސާ ނުދެއްކުމަށާއި، ފައިސާ ޖަމާކުރާ އެކައުންޓުގެ ވެރިފަރާތަކީ ކާކުކަން ސީދާ ޔަގީންނުކޮށް އެއްވެސް މުއާމަލާތެއް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.