ވަކީލަކު ހަމަޖައްސަން ތިނަދޫ މޭޔަރު ސައުދަށް 10 ދުވަހުގެ މުއްދަތެއް ދީފި

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ -- ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ދިފާއުވުމަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ކޯޓުން މިއަދު 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

މިއަދު ހެނދުނު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސައުދުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި، ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާއެވެ. މި ދެ ދައުވާ ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

https://sun.mv/228552

ޕީޖީ އޮފީހުން ދައުވާގައި ބުނެފައިވަނީ، ތިނަދޫ އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމަށްޓަކައި މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓުތަކެއް ސައުދު އެލްޖީއޭއަށް ފޮނުއްވާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް އެ މައުލޫމާތު ހިއްސާނުކޮށް، ރިކޯޑު ކުރެވިފައި ނެތް ކަމަށް ބުނެ ސައުދު ފުލުހުންނަށް ދޮގު ހަދާފައިވާ ކަމަށްވެސް ދައުވާގައިވެއެވެ.

ނަމަވެސް، މޭޔަރު ސައުދު ވަނީ މި ތުހުމަތުތައް މުޅިން ދޮގުކުރައްވާފައެވެ. ސައުދު ވިދާޅުވީ، މިއީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޭނާ މަގާމުން ދުރުކުރުމަށް ކުރިއަށްގެންދާ ތާކުންތާކު ނުޖެހޭ މަސައްކަތެއް ކަމަށެވެ.

ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ 2024 ވަނަ އަހަރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި އެލްޖީއޭއަށް ވެސް ހުށަހަޅުއްވައިފައެވެ. މެންބަރު ސައުދުﷲ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ބުނަނީ އޮޅުވާލައިގެން ކަމަށެވެ.

އެކަން އެގޮތަށް ކުރީ ތިނަދުއަށް އިންތިޚާބުވި ކައުންސިލަރުން މޭޔަރުންނަށް ވުމުގެ ބޭނުމުގައާއި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިފައި އޮތުމުގެ ސަބަބުން ކަމަށް މެންބަރު ސައުދުﷲ ތުހުމަތުކުރައްވާފައިވެއެވެ.

ތިނަދޫ ސިޓީއަކަށް ހަދާފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ކުރީގެ ރައީސް ޞާލިޙު، 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައެވެ. އޭގެ ފަހުން، މިހާރުގެ ސަރުކާރުން ވެސް ވަނީ އެކަން އެގޮތަށް ބާއްވަން ނިންމައިފައެވެ.

comment ކޮމެންޓް