"ފްލައިދުބާއީގެ ކޯ-ޕައިލެޓް ހަމަލާ ރޭވީ ވަޒީފާއާ ގުޅުމުގެ ކުރިން"

އިސްރާއީލުގެ ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފްލައިދުބާއީގެ މަތިންދާބޯޓެއް ވައްޓާލަން މަސައްކަތްކުރި ކޯ-ޕައިލެޓް، އެ އެއާލައިނާ ގުޅުމުގެ ކުރިންވެސް އެ ހަމަލާ ދޭން ރާވާފައިވެއެވެ.

ޔޫއޭއީގެ ތަހުގީގު ޓީމަށް އޭނާ ދިން މައުލޫމާތުތައް އިސްރާއީލާ ހިއްސާކޮށްފައިވާއިރު، އޭނާ ފްލައިދުބާއީގެ ވަޒީފާއަށް އެދުނީ ސީދާ އިސްރާއީލުގެ ޓެލް އަވީވަށް ދަތުރުކުރާ އެއާލައިންތައް ހޯދުމަށް ފަހުގައެވެ. މި މައުލޫމާތުތައް ހާމަކޮށްފައިވަނީ ތަހުގީގުގެ މައުލޫމާތު އެނގޭ އިސްރާއީލުގެ އޮފިޝަލުންނެވެ.

މިދިޔަ ބުދަ ދުވަހު ދުބާއީން ފުރައިގެން ޓެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1073 ގައި މި ހާދިސާ ހިނގީ، ކޯ-ޕައިލެޓް ކުއްލިއަކަށް ކެޕްޓަން ސްމިތު މައްޗަރަށް ކޯރާޑިއަކުން (ކްރޭޝް އެކްސް) ހަމަލާދިނުމުންނެވެ.

https://www.sun.mv/228493

ޔޫއޭއީގެ ޕްރޮސެކިއުޓާ ޖެނެރަލް ހަމަދު ސައިފް އަލް ޝަމްސީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި މިއީ ޓެރަރިސްޓް ހަމަލާއެކެވެ. ކެޕްޓަނަށް ބޮޑެތި އަނިޔާތަކެއް ލިބުނު ނަމަވެސް، އޭނާ ވަނީ ކޮކްޕިޓްގެ ދޮރު ހުޅުވައިފައެވެ. އެއާއެކު ފަސިންޖަރުންނާއި ކްރޫން ވަނީ ކޯ-ޕައިލެޓް ހިފަހައްޓައިފައެވެ.

ހަމަލާގެ ސަބަބުން ބޯޓު 33،000 ފޫޓުމަތިން 17،000 ފޫޓަށް ތިރިވި ނަމަވެސް، ފްލައިޓުގައި އިން އެހެން ޕައިލެޓަކު ބޯޓާ ހަވާލުވެ، ސައުދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ބޯޓު ވަނީ ސަލާމަތުން ޖައްސައިފައެވެ. ސައުދީގެ ކަމާބެހޭ ފަރާތްތަކުން ކޯ-ޕައިލެޓް ހައްޔަރުކުރުމަށްފަހު، ބުރާސްފަތި ދުވަހު ވަނީ ޔޫއޭއީއާ ހަވާލުކޮށްފައެވެ. މި ފްލައިޓުގައި 170 އަށް ވުރެ ގިނަ މީހުން ތިބިއިރު، އޭގެ ތެރޭގައި ގިނައީ އިސްރާއީލުގެ މީހުންނެވެ.

މި ހަމަލާ ދިން ކޯ-ޕައިލެޓަކީ އޮމާންގެ ރައްޔިތެއް ކަމަށްވާ އުމުރުން 29 އަހަރުގެ ހަމާމް އަލް-ހައްމާމީ ކަމަށް މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ. ތަހުގީގާ ގުޅޭ މައުލޫމާތު އެނގޭ ތިންވަނަ އޮފިޝަލަކު ބުނި ގޮތުގައި، ހަމާމް ރާވާފައި އޮތީ ބެން-ގޫރިއަން އެއާޕޯޓަށް ބޯޓު ވައްޓާލުމަށެވެ. މީގެ އިތުރުން، މިއަހަރުގެ ކުރީކޮޅު ޓެލް އަވީވަށް ކުރި އެހެން ދަތުރެއްގައިވެސް ބޯޓު ހައިޖެކްކޮށް ވައްޓާލަން އޭނާ ގަސްތުކުރި ކަމަށާއި، ނަމަވެސް ފަހު ވަގުތު އެ ހިޔާލު ބަދަލުކުރީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެ ދަތުރުގައި އޭނާ ދަންނަ މީހަކު ބޯޓުގައި އިނުމަކީ އެކަން ނުކުރަން ނިންމި ސަބަބު ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މީގެ ކުރިން އޮމާން އެއާގައި އޭނާ މަސައްކަތްކުރިއިރު، ހަރުކަށި ފިކުރުގެ މައްސަލަތަކަކާ ގުޅިގެން އޭނާއަށް ވަނީ ފްލައިޓް ދުއްވުން މަނާކޮށްފައެވެ. އެހެންނަމަވެސް ފަހުން އޭނާ ފްލައިދުބާއީއާ ގުޅުނީ ކިހިނެއްކަން އަދި ސާފެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، އިސްރާއީލަށް ދަތުރުކުރާ ބޭރުގެ އެއާލައިންތަކުގެ ސެކިއުރިޓީ ކަންކަން އަލުން މުރާޖައާކުރުމަށް އަންގައިފައެވެ. ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އިސްރާއީލާ ސިޔާސީ ގުޅުން ނެތް ގައުމުތަކުގެ (މިސާލަކަށް އޮމާން) ރައްޔިތުންނަށް އިސްރާއީލަށް ކުރާ ދަތުރުތަކުގައި ޕައިލެޓުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދައެއް ނޯންނާނެއެވެ.

މި މައްސަލަ ބެލުމަށް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ ޝްމުއެލް ބެން އެޒްރާއަށް ވަނީ އަންގައިފައެވެ. ހަމައެއާއެކު، އޮސްޓްރޭލިއާގެ ކައުންޓާޓެރަރިޒަމް ޔުނިޓަކުން ދަނީ ހަމާމްގެ މާޒީ ތަހުގީގުކުރަމުންނެވެ. މީގެ ދިހަވަރަކަށް އަހަރު ކުރިން އޭނާ ވަނީ އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އާރްއެމްއައިޓީ ޔުނިވާސިޓީގައި ތައުލީމު ހާސިލުކޮށްފައެވެ. މި މައްސަލައިގައި ޔޫއޭއީން އަދި ރަސްމީކޮށް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

comment ކޮމެންޓް