ޔަހޫދީ ވަޒަންވެރިންގެ ވެރިޔާ ފްރާންސަށް ވަނުން މަނާކޮށް އެއާޕޯޓްގައި ހިފަހައްޓައިފި

ޕެރިސް (12 ނޮވެމްބަރު 2026) : އިސްރާއީލުގެ ލޯކަލް މަސްއޫލުވެރިއަކު ފަރަންސޭސިވިލާތަށް ދިޔުމުން ފަރަންސޭސިވިލާތަށް ވަނުމުގެ ފުރުސަތު އޭނާއަށް ނުދީ ފަރަންސޭސި އިމގްރޭޝަން އޮފްސަރުން ޕެރިސްގެ އެއާޕޯޓްގައި އޭނާ ހިފަހައްޓައިފިއެވެ.

މިއީ ތާރީޚުގައިވެސް ޔޫރަޕްގެ ގައުމެއްގައި އިސްރާއީލުގެ މަސްއޫލުވެރިއަކު އެއާޕޯޓްގައި ހިފެހެއްޓި ފުރަތަމަ ފަހަރުކަމަށް ރިޕޯޓްތައް ބުނެއެވެ. "ފްރާންސް 24 " ބުނާގޮތުން ޕެރިސް އެއާޕޯޓްގައި ހިފެހެއްޓީ ފަލަސްތީނުގެ ބިންތަކުގައި ޣައިރު ގާނޫނީ ގޮތުން އިސްރާއީލު ވަޒަންވެރިކޮށްފައިވާ ޔަހޫދީ ވަޒަންވެރިންގެ ކަންތައްތައް ބަލަހައްޓާ ލޯކަލް އިދާރާގެ އިސް ވެރިޔާއެވެ. އޭނާއަކީ ހެޑް އޮފް ދަ ކައުންސިލް އޮފް ސެޓްލްމެންޓްސް ޔޫސީ ދަޣާން އެވެ.

ދަޣާން ފަރަންސޭސިވިލާތަށް ދިޔައީ ފަރަންސޭސި ލޯކަލް ކައުންސިލްތަކުން އިންތިޒާމުކުރި ބައްދަލުވުމެއްގައި ބައިވެރިވުމަށް ކަމަށް ވެއެވެ. އިސްރާއީލު ގެންދަނީ ދުނިޔޭގެ އެކި ގައުމުތަކުން ޔަހޫދީން ގެނަސް އިސްރާއީލު ގަދަބާރުން ހިފައި ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި އެމީހުން ޣައިރު ގާނޫނީ ގޮތުން ވަޒަންވެރި ކުރުވަމުންނެވެ.

މިގޮތަށް ވަޒަންވެރި ކުރުވަނީ ޒަމާނުއްސުރެ އެބިންތަކުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރުން ބޭރުކޮށް މަގުމަތި ކުރުމަށްފަހު އެގެދޮރު ތަޅައި ބިމާހަމަކޮށް އެތަނުގައި ޔަހޫދީންނަށް ގެދޮރު ބިނާކޮށްދީ ޔަހޫދީ އަވަށްތަށް ގާއިމްކޮށްދީގެންނެވެ. މިއީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން ހަނގުރާމައިގެ ޖަރީމާއެއް ނަމަވެސް ޔޫރަޕްގެ ގައުމުތަކުން ގެންދަނީ މިކަމާ އަޅާނުލައި ހަމައެކަނި މިކަން އަނގަބަހުން ކުށްވެރި ކުރަމުންނެވެ.

ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކާއެކު އެމެރިކާއާއި ޔޫރަޕްގެ އާންމުންގެ މެދުގައި އިސްރާއީލާމެދު މިހާރު ވަނީ ރުޅިއާއި ނަފްރަތުގެ ވަރުގަދަ އޮއިވަރެއް އުފެދިފައެވެ. މިއާއެކު ޔޫރަޕްގެ ގިނަ ގައުމުތަކުގެ ސަރުކާރުތަކުންވަނީ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ ވަޒަންވެރިން އުފައްދާ ތަކެތި ޔޫރަޕަށް އިންޕޯޓްކުރުން މަނާކޮށްފައެވެ. ނަމަވެސް ޔަހޫދީން ވަޒަންވެރިކުރުވާތީ އެކަން ހުއްޓުވަން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕްގެ ގައުމުތައް އަދިވެސް ވަނީ ފަސްޖެހިފައެވެ.

މުރާސިލުން ބުނާގޮތުން ޔޫރަޕްގެ ސަރުކާރުތަކުން މިހާރުވެސް ޔަހޫދީ ވަޒަންވެރިންނާމެދު ފިޔަވަޅު އަޅަނީ ނަމެއްގައެވެ. އެއީ އިސްރާއީލު ދެކެ ރުޅިއަންނަ ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންނަށް ދަޅައެއް ދެއްކުމަށް އެކަންޏެވެ. ހަރުދަނާ ފިޔަވަޅެއް ނާޅައެވެ.

ނަމަވެސް ޔަހޫދީ ވަޒަންވެރިންގެ ލޯކަލް ކައުންސިލްގެ ވެރިޔާ ޔޫސީ ދަޣާން ފަރަންސޭސިވިލާތަށް ވަނުން މަނާކުރުމަށް ފަރަންސޭސި އިމިގްރޭޝަނުން އެޅި މިފިޔަވަޅަކީ މިހާތަނަށް ޔޫރަޕްގެ ގައުމަކުން އެޅި އެންމެ ހަރުދަނާ ފިޔަވަޅުކަމަށާ ފަރަންސޭސި ސަރުކާރުން ނިންމާފައިވަނީ ދަޣާން އަނބުރައި އިސްރާއީލަށް ފޮނުވާލަން ކަމަށް "ފްރާންސް 24 " ބުނެއެވެ. މިމައްސަލާގައި އިސްރާއީލުގެ ސަރުކާރުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް