އުންމީދަކީ ރޯދައިގެ ކުރިން ފެނަކައިގެ ޒިންމާތައް ހަވާލުކުރުން، މި މަރުހަލާގައި މުވައްޒަފުން މަދެއްނުކުރާނެ: އަފީފް

ފެނަކައިގެ އެމްޑީ މުޙައްމަދު އަފީފް ހުސައިން: ފެނަކައިން 3 މަހުގެ މުސާރަ ލިބޭ ގޮތަށް، މުވައްޒަފުން ވަކިވާން ހުޅުވާލައިފައި --- ފޮޓޯ/ ފެނަކަ

އުއްމީދަކީ، ފެނަކައިގެ ޚިދުމަތްތައް، ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ސްޓެލްކޯއަށް ބަދަލުކުރުން ކަމަށާއި މި މަރުހަލާގައި އެ ކުންފުނީގެ މުވައްޒަފުން މަދެއް ނުކުރާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނަ ކުންފުނި ކަމަށްވާ ފެނަކައިން މީހުން މަދުކުރުމަށް، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ކެނޑުމުގެ ފުރުސަތު މިދިޔަ ޖޫން މަހު ދިނެވެ. އެ ފުރުސަތުގެ މުއްދަތު ހަމަވިއިރު، ޕެކޭޖާއެކު ޖުމުލަ 107 މުވައްޒަފުން ވަކިވެފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

އޭގެ ފަހުން، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފެނަކަ އުވާލަން ނިންމައިފައިވާ ކަމަށާއި، އެ ކުންފުނީގެ ޒިންމާތަކާ ހަވާލުވާނީ ސްޓެލްކޯއިންކަން އިއުލާންކުރައްވައިފައެވެ.

އެ މަސައްކަތް ގުޅޭ ގޮތުން އަފީފް "ސަން"އަށް ވިދާޅުވީ، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލު ކުރުމުގެ މަސައްކަތަށް ޝެޑިއުލްއެއްގައި ހަދައިގެން މިހާރު ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ނިޔަލަށް، ފެނަކައިގެ ހުރިހާ ސްޓޭޝަނެއް ސްޓެލްކޯއާ ހަވާލުކުރެވޭނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

https://sun.mv/227087

"އަޅުގަނޑު އުންމީދު މި ކުރަނީ އަންނަ ރޯދަމަސް ފެށުމުގެ ކުރިން ސްޓެލްކޯގެ ބެލުމުގެ ދަށަށް ހުރިހާ ޚިދުމަތްތަކެއް ބަދަލުކޮށްފައި، ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން އަޅުގަނޑުމެންގެ މަގުސަދަކީ ވެސް،" އަފީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރާއިރު، ހުރިހާ މުދަލަކާއި މުވައްޒަފުން ވެސް އެ ކުންފުނީގެ ދަށަށް ބަދަލު ކުރާނެ ކަމަށެވެ. އަދި ސްޓެލްކޯއާ އެ ސްޓޭޝަނެއް ހަވާލުކުރެވެންދެން ފެނަކައިގެ މުވައްޒަފުން ތިބޭނީ އެ ކުންފުނީގެ ދަށުގައި، އެ ރަށެއްގެ މަސައްކަތްތައް ބެލެހެއްޓުމުގައި ކަމަށް އަފީފް ވިދާޅުވިއެވެ.

އޭނާ ވަނީ، މި ބަދަލުތައް ގެންނަ މަރުހަލާގެ ތެރެއިން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތެއް ކުރަން ނިންމައިފައިނުވާކަން ފާހަގަކުރައްވައިފައެވެ.

ފެނަކައިގެ މަސައްކަތްތަކެއްގެ ތެރެއިން: ފެނަކައިން 3 މަހުގެ މުސާރަ ލިބޭ ގޮތަށް، މުވައްޒަފުން ވަކިވާން ވަނީ ހުޅުވާލައިފައި -- ފޮޓޯ/ ފެނަކަ

"މި ޕްރޮސެސްގައި ނީންނާނެ އެއްވެސް މުވައްޒަފަކު މަދު ކުރުމުގެ ބައެއް ނޫޅޭނެ، މި ޕްރޮސެސްގައި މުވައްޒަފުން ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރަމުންދާނީ،" އަފީފް ވިދާޅުވިއެވެ.

ފެނަކައަކީ ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށްވާއިރު، އެ ކުންފުންޏަށް ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވެއެވެ. އެގޮތުން، އިންތިޚާބުތަކާ ދިމާކޮށް ކޮންމެ ސަރުކާރެއްގައި ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން މީގެ ކުރިން ވަނީ، ފެނަކައިގެ މުވައްޒަފުންގެ އަދަދު 8000 އަރާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/227121

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. ފެށުނީންސުރެ އެ ކުންފުންޏަކީ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވި ކުންފުންޏެވެ.

ޚާއްސަކޮށް ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އެ ކުންފުންޏަށް ވަނީ އެތައް ހާސް މުވައްޒަފުންނެއް އިތުރަށް ވައްދައިފައެވެ. އަދި އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި އެމްޑީޕީގެ އެ ސަރުކާރުގައި ފެނަކަ ތެރެއިން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވެއެވެ. އެކަންކަން ކުރުމުގައި އެ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އޭރު އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންގެ ކުންފުނިތައް ބޭނުން ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އިންތިހާއަށް ޚަރަދު ބޮޑުވުމާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ފެނަކަ އޮތީ ބަނގުރޫޓްވާ ހާލަތުގައެވެ.

comment ކޮމެންޓް