އަހަރުން އަހަރަށް ރޯދަ މަހު މަސްދަޅު ކޭސް ބަހަން ޚަރަދުކުރާ މިންވަރު އިތުރުވަނީ؛ އަންނަ އަހަރު 86 މިލިއަން

މަސްދަޅު ކޭހެއް މީހަކު، އެހެން މީހަކާ ހަވާލު ކުރަނީ: އަހަރުން އަހަރަށް ރޯދަ މަހު މަސްދަޅު ކޭސް ބަހަން ޚަރަދުކުރާ މިންވަރު އިތުރުވަނީ -- ސަން ފޮޓޯ

ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބެހުމަށް ސަރުކާރުން ކުރާ ޚަރަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ފޮތުން ދައްކައިފިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބަހަން ފެށީ، 2025 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު މަސް ކޭސް ބެހުމަށް 81.1 މިލިއަން ޚަރަދުކުރިއެވެ.

މި އަހަރު ރޯދަ މަހު 118،000 މަސްދަޅު ކޭސް ބެހިއެވެ. އޭރު މިފްކޯއިން މަސްދަޅު ކޭހެއް ވިއްކީ، 760 ރުފިޔާއަށެވެ. އެ އަގަށް ބަލާނަމަ، އެއީ ޖުމުލަ 89.6 މިލިއަން ރުފިޔާއެވެ.

https://sun.mv/216461

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ފޮތުގައި، ރޯދަ މަހު މަސްދަޅު ކޭސް ބަހަން ޚަރަދުކުރުމަށް ކޮށްފައިވާ އަންދާޒާތައް އަހަރުން އަހަރަށް ވަނީ އިތުރުވެފައެވެ. އެގޮތުން، އަންނަ އަހަރު އެ ކަމަށް ޚަރަދުކުރުމަށް ހިމަނާފައި އޮތީ، 86.8 މިލިއަން ރުފިޔާއެވެ. ޖެހިގެން އަންނަ 2028ގައި ޚަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ، 90.9 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން، 2029ގެ ރޯދަ މަހު މަސްދަޅު ކޭސް ބެހުމަށް ޚަރަދުވާނީ، 95.2 މިލިއަން ކަމަށް ބަޖެޓު ފޮތުގައި ބުނެފައިވެއެވެ.

މިފްކޯއިން އުފައްދާ ތެޔޮ މަސްދަޅުތަކެއް -- ފޮޓޯ: މިފްކޯ

ދިވެހި ކޮންމެ ރައްޔިތަކަށް ރޯޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ނޮވެންބަރު 2024ގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސް ދަޅަކީ ވަކިން ޚާއްސަކޮށް ރޯދަމަހު ބޭނުންކުރާ އަގުބޮޑު އެއްޗެއްކަން ފާހަގަކުރައްވާ ރައީސް މީގެކުރިން ވިދާޅުވީ، 48 ދަޅުގެ ކޭހެއް ކޮންމެ ގެއަކަށް ހަދިޔާކުރި ކަމަށެވެ. އެކަން ހަމަޖެހިގެން ވަރަށް ރަނގަޅަށް ކުރިއަށްދިޔަ ކަމަށް ވެސް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.

comment ކޮމެންޓް