މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަމަށް، ސްކޫލްތަކަކީ އުފާވެރި ތަންތަނަށް ހެދުމަށް މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު: މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަމަށް، ސްކޫލްތަކަކީ އުފާވެރި ތަންތަނަށް ހެދުމަށް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ވިދާޅުވި --- ފޮޓޯ/ ޕީއެސްއެމް

މުދައްރިސުންނާއި ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުތަކުގެ މާޙައުލަކީ ރައްކާތެރި އަދި އުފާވެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ވަޒީރު ދެއްވި ޚިޠާބުގައި، ޢިލްމީ، ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން އަދާކުރާ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.

މުޖުތަމަޢުގައި މުދައްރިސުންނަށް ލިބިދޭން ޖެހޭ ގަދަރާއި އިޙްތިރާމު މަތިކޮށް، މުދައްރިސްކަމުގެ ދާއިރާ ކުރިއެރުވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މުދައްރިސުންނަށް ބޭނުންވާ ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ، މުދައްރިސުންނާއި ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުތަކުގެ މާޙައުލަކީ ރައްކާތެރި، އުފާވެރި ތަނަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި." އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތްތައް އިތުރު ހަރުފަތްތަކަށް ގެންދިއުމުގައި މިނިސްޓްރީން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވައިފައެވެ.

ދަރިވަރުންތަކެއް: މުދައްރިސުންނާއި ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ އެމްއެންޔޫ

މީގެ އިތުރުން، މުދައްރިސުންނަކީ ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ދައުރު އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލާ ފަރާތްތައްކަން ފާހަގަކުރައްވައި، މުދައްރިސްކަމުގެ ފަންނަށް ދޭންވާ ޙައްގު ޝަރަފު ދިނުމަށްޓަކައި މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ދިނުމަށް ބެލެނިވެރިންނަށާއި މުޅި މުޖުތަމަޢަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ހަމައެއާއެކު، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގެނުމަށް ލޯބިޖައްސުވާ، ޒިންމާދާރު، އަޚްލާގު ރަނގަޅު ދަރިވަރުންތަކެއް ބިނާކުރުމަށް މަސައްކަތްކުރުމަށް މުދައްރިސުންގެ ކިބައިން ވަޒީރު އެދިވަޑައިގެންނެވިއެވެ. އަދި އަމިއްލަ ފަންނީ ކުރިއެރުމަށް މަސައްކަތްކުރާ، ޓެކްނޮލޮޖީއާއި ޒަމާނީ ބަދަލުތަކަށް އަހުލުވެރި ބަޔަކަށް ވުމަށް ވެސް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަން ފެށުނީ 1994 ވަނަ އަހަރު، ޔުނެސްކޯ އަދި އައިއެލްއޯ ގުޅިގެންނެވެ. މީގެ މައިގަނޑު މަގުޞަދަކީ ތަޢުލީމީ ދާއިރާގައި މުދައްރިސުން ކުރާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، މުދައްރިސުންގެ ހައްގުތަކާއި މަސައްކަތުގެ ޙާލަތު ރަނގަޅުކުރުމަށް ބާރުއެޅުމެވެ.

ދިވެހިރާއްޖޭގައިވެސް ކޮންމެ އަހަރަކު މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. ސްކޫލްތަކުގައި ދަރިވަރުންނާއި ބެލެނިވެރިން ގުޅިގެން ޚާއްޞަ އެސެމްބްލީތައް ބޭއްވުމާއި، މުދައްރިސުންނަށް ރެޑް ކާޕެޓް މަރުޙަބާ ކިޔުމާއި، ސްޓޭޖް އައިޓަމްތަކާއި މަޖާ ކުޅިވަރުތައް އިންތިޒާމުކުރެއެވެ.

މީގެ އިތުރުން، މުދައްރިސުންނަށް އަރާމުކޮށްލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އިސްދަރިވަރުން ކްލާސްތަކަށް ކިޔަވައިދިނުމުގެ ދައުރު އަދާކުރުމާއި، ޚާއްޞަ ޖާފަތްތައް ބޭއްވުމުގެ އިތުރުން މުދައްރިސުންގެ ޚިދުމަތުގެ އަގުވަޒަންކޮށް އެވޯޑާއި ހަނދާނީ ލިޔުން ދިނުން ކުރިއަށްގެންދެއެވެ.

comment ކޮމެންޓް