ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރި އިންޑިޔާ ޓީޗަރަކަށް 83،000 ރުފިޔާގެ ބަދަލުދޭން ޖެހިއްޖެ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ ދެކޮޅަށް އިންޑިއާގެ ޓީޗަރަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ އޭނާއާ އެއްކޮޅަށް ނިމި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 83,385 (އައްޑިހަ ތިންހާސް ތިންސަތޭކަ އައްޑިހަ ފަހެއް) ރުފިޔާ ދެއްކުމަށް ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޙުކުމްކޮށްފިއެވެ.

މި ނިމުނު ސެޕްޓެމްބަރު 30ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި މި މައްސަލަ އަކީ 2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް މުދައްރިސެއްގެ ގޮތުގައި ޚިދުމަތްކުރުމަށް އިންޑިޔާ މީހަކާއާއެކު ވެވުނު ވަޒީފާގެ އެއްބަސްވުމާ ގުޅިގެން، ވަޒީފާއިން ވަކިކުރުމާއި މުސާރައާއި އިނާޔަތްތައް ނުލިބޭކަމަށް ބުނެ ހުށަހެޅުނު މައްސަލައެކެވެ.

މި މައްސަލައިގެ ރެކޯޑުތަކުން އެނގޭ ގޮތުގައި، އެ އިންޑިޔާ ޓީޗަރަށް ވަޒީފާއަށް ހަމަޖެއްސި އެއްބަސްވުމުގެ ދަށުން އޭނާގެ މަހު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި އަސާސީ މުސާރައަށް 8,440 ރުފިޔާ އަދި އެހެނިހެން އެލަވަންސް އަދި އެކޮމޮޑޭޝަން އެލަވަންސް ހިމެނޭހެން ޖުމްލަ މަހު މުސާރައަށް، މަހަކު 16,350 ރުފިޔާ ދޭން ޖެހެއެވެ.

ނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް ވަޒީފާއާބެހޭ ގާނޫނާއި އެއްބަސްވުމުގެ އުސޫލުތަކާ ހިލާފަށް އޭނާ ވަޒީފާއިން ވަކިކޮށް، ލިބެންޖެހޭ ބައެއް އިނާޔަތްތައް ނުދީވާކަން ޓްރައިބިއުނަލުގެ ޝަރިއަތަށް ވަނީ ސާބިތުވެފައެވެ.

މައްސަލަ ބެލުމަށްފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވަނީ މައުލޫއީ އަދި އިޖުރާއީ އަދާލަތާ ހިލާފަށް ކަމަށެވެ. އެހެންކަމުން، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލާއި، ނުލިބިވާ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 83,385 ރުފިޔާ ސިވިލް ސާވިސް ކޮމިޝަނުން ދައްކަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް