މުދައްރިސުންނަށް ދޭންޖެހޭ ލޯތްބާއި ގަދަރު ނުދެވި، ދާއިރާއަށް ނުކުންނާނެ ދަރިވަރުން މިއަދު ނެތް: މެންބަރު އަމީން

މުދައްރިސުންގެ ދުވަހުގެ ހަރަކާތްތަކެއްގެ ތެރެއިން: މުދައްރިސުންނަށް ދޭންޖެހޭ ލޯތްބާއި ގަދަރު ނުދެވި، ދާއިރާއަށް ނުކުންނާނެ ދަރިވަރުން މިއަދު ނެތް ކަމަށް މެންބަރު އަމީން ވިދާޅުވި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުދައްރިސްކަން ކިޔަވައި އެ ދާއިރާއަށް ނުކުންނާނެ ދަރިވަރުން މިއަދު ނެތް ކަމަށާއި މުދައްރިސުންނަށް ދޭން ޖެހޭ ލޯތްބާއި ގަދަރު މިއަދު ނުދެވޭ ކަމަށް، ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިޞަލް މިއަދު ވިދާޅުވެއްޖެއެވެ.

ދަރިވަރުން ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލްކުރަން ނުކުޅެދިއްޖެ ހާލަތުގައި ގޭގައި ބައިތިއްބައިގެން އުނގަންނައި ދިނުމަށް މަގުފަހިކޮށްދިނުން ހިމެނޭހެން، ތައުލީމާ ބެހޭ ގާނޫނު އިސްލާހުކުރަން ވެރިކަންކުރާ ޕީއެންސީގެ ފަރާތުން، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެ އިސްލާހުތަކަށް ބަހުސްކުރައްވަމުން އަމީން ވިދާޅުވީ މިއަދު މުދައްރިސްކަން ކިޔަވާނެ ދަރިވަރަކު ފެންނަން ނެތް ކަމަށެވެ.

"ޔުނިވާސިޓީތަކަށް ބަލައިލާ ކިތައް ކޯސްތޯ ކުރިއަށް ދަނީ؟ ހަގީގަތަކީ މުދައްރިސުންނަށް މި ރާއްޖޭގައި ދޭންޖެހޭ ގަދަރާއި ލޯބި ނުދެވުން އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން މި ދަނީ ގައުމީ ފެންވަރުގެ ކްރައިސިސްއަކަށް،" އަމީން ވިދާޅުވިއެވެ.

ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިޞަލް: މުދައްރިސްކަން ކިޔަވައި އެ ދާއިރާއަށް ނުކުންނާނެ ދަރިވަރުން މިއަދު ނެތް ކަމަށް ވިދާޅުވި --- ފޮޓޯ/ މަޖިލިސް

އޭނާ ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ނުފޫޒުން އެއްކިބާވެ އެންމެ ބޮޑަށް ރަށްރަށުގައި ޚިދުމަތް ދެނީ މުދައްރިސުންނެވެ. އަދި މި ގައުމަށް ކޮށްދެވޭނެ އެންމެ ހެޔޮ ކަމަކީ އެޑިއުކޭޝަން މިނިސްޓްރީ ސިޔާސީ ނުފޫޒުން އެއްކިބާވެ ހިނގާނެ ދުވަހެއް އާންމުންނަށާއި ދަރިވަރުންނަށް ދެއްކުން ކަމަށް އަމީން ވިދާޅުވިއެވެ.

"ވަކި ބަޖެޓު ހަދައިފައި ޖުޑީޝަރީއަށް ދޭ ގޮތަށް ތައުލީމީ ވުޒާރާއަށް ނޫނީ ތައުލީމަށް ދީފިނަމަ މި ގައުމު މި ދެކޭ ހުރިހާ ގޮތަކުން މިހާރު މި ދެކޭ ދުވަސްތަކަށް ވުރެ މާ ފާގަތި ދުވަސްތަކެއް މި ގައުމަށް ލިބޭނެ؛" އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މި ސަރުކާރުން ގައުމިއްޔަތު ކިޔަވައިދޭން ފެށީ ތައުލީމީ މަންހަޖުގައި ގައުމިއްޔަތު ނެތިގެން ނޫން ކަމަށާއި، ސިޔާސީ ބޭނުމަކަށްޓަކައި ކަމަށެވެ.

މިހާރު ހެދިފައި އޮތް މަންހަޖަކީ ފުރިހަމަ މަންހަޖެއް ކަމަށާއި ނަމަވެސް އެ މަންހަޖު ތަންފީޒުކުރުމަށް ބަޖެޓެއް ވެސް ވަގުތެއް ވެސް ނުދެވޭ ކަމަށާއި ސަރުކާރުތަކުގެ އެއްބާރުލުމެއް ވެސް ނުލިބޭ ކަމަށް އަމީން ވިދާޅުވިއެވެ.

"މި ތައުލީމީ ނިޒާމަށް ދޭން ޖެހޭ އިސްކަން ނުދީ އަޅުގަނޑުމެން މި ދެކޭ ދުބާއީއެއް މާދަމާ ނާންނާނެ،" އަމީން ވިދާޅުވިއެވެ.

ދިވެހި މުދައްރިސުން މަދުވަމުން ދިޔުމަކީ އެކި އިދާރާތަކުން ފާޅުކުރަމުން އަންނަ ކަންބޮޑުވުމެކެވެ. މި އަހަރު، ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންގެ އަދަދު މިދިޔަ އަހަރު ވަނީ، 2024އާ އަޅައިބަލާއިރު ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު 153 މުދައްރިސުން މަދުވެފައިވާ ކަމަށް އެ ތަފާސްހިސާބުގައިވެއެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން 2025 ވަނަ އަހަރު މުދައްރިސުންގެ އަދަދު 11،381އަށް އަރާއިރު އޭގެ ތެރޭގައި 8،924 ދިވެހި މުދައްރިސުންނާއި 2،457 ބިދޭސީ މުދައްރިސުން ހިމެނެއެވެ.

comment ކޮމެންޓް