ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓްރީގައި އިންޓަވިއު ދިން ކަމަށް ތުހުމަތުކުރެވޭ އީޝާ އަޝްރަފްގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަށައިފިއެވެ.
މިއަދު ހެނދުނު ފެށި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ކޯޓުން ސިއްރުކޮށްފައިވާތީ، މީޑިއާތަކަށް އެ އަޑުއެހުމަށް ވަނުމުގެ ފުރުސަތެއް ނުލިބެއެވެ. މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް ޒިހުނީއެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ކުރިން ހުރި އީޝާ ވަނީ ތަހުގީގު މަރުހަލާގައި ދިފާއުގައި ވާހަކަދައްކަން ފުލުހުން ފުރުސަތު ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށްވެސް ގަޒުފުކުރުމުގެ ދައުވާ އުފުލާފައިވާއިރު، މަސްދަރު ހިމާޔަތްކުރުމަށް ތަހުގީގުގައި ހަނުތިބި އެ ދެ ނޫސްވެރިންގެ ޝަރީއަތްވެސް ކުރިއަށް ގެންދަނީ ސިއްރުންނެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ ޑޮކިއުމަންޓްރީގެ ވާހަކަ ދެއްކުން މަނާކުރާ 'ގެގް' އަމުރެއް ނެރެފައެވެ. އަދި ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ވަނީ މީގެ ކުރިން ޖަލަށްވެސް ލާފައެވެ.