އީގަލް ހިލްސްއަށް ރަސްމާލޭގެ ބިން ދިން ކަމަށް ބުނެ، އެ އެއްބަސްވުން ހާމަކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

މެންބަރު މީކާއީލް މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލީސް

ރަސްމާލޭގެ ބިމުން ބޮޑު ބައެއް ދިނުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު މިއަދު ފެށި މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމްއެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައި ވަނީ، ރަސްމާލެ ދޫކޮށްލަން ސެޕްޓެމްބަރު 21 ގައި ހެދި އެއްބަސްވުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން ބިން ހިއްކުމަށް ފަހު، އެ ޚަރަދު ވެސް އަނބުރާ ނުލިބޭ ގޮތަށް އެތަނުން 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 99 އަހަރަށް އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ބިމު ކުއްޔެއް ނުނަގައި އީގަލް ހިލްސްއަށް ދޫކޮށްލާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދީގެން ރޯލިން އިންޓްރެސްޓް އުފެއްދުމުގެ ހައްގު އެ ކުންފުންޏަށް ދީފައިވާ ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ ރަސްމާލެއަކީ ރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއާ ގުޅިފައިވާ ގައުމުގެ ބޮޑު ރައުސްމާލެއް ކަމަށާއި ނަމަވެސް މި މަޝްރޫއު ކުރިއަށް ގެންދާ ގޮތާމެދު ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

"މިފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ، ދައުލަތުގެ މުދަލާއި މާލިއްޔަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމެއް،" މީކާއިލް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބެނީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ ރަސްމާލޭގައި އަޅާ އިމާރާތްތައް ވިއްކައިގެން ދައުލަތަށް 10 އަހަރު ދުވަހުގެ ތެރޭގައި ތިން ބިލިއަން ޑޮލަރު (46 ބިލިއަން ރުފިޔާ) ލިބޭނެ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ވުރެ ވެސް ކުޑަ އަދަދެކެވެ.

މީގެ އިތުރުން ރަސްމާލެއިން އެޕާޓްމަންޓެއް ގަންނަ ބިދޭސީއަކު 99 އަހަރުގެ ލީސް މުއްދަތުގައި އެތަން ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ.

ރާއްޖޭގެ ބައެއް ބޭރު މީހުންނަށް 99 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ދިނުން ގާނޫނުއަސާސީ ހުއްދަ ކުރި ނަމަވެސް، އެކަމާ ގުޅޭ ހާއްސަ ގާނޫނެއް ނެތްއިރު، ޓޫރިޒަމް ގާނޫނުން ހުއްދަ ކުރަނީ އެންމެ ގިނަވެގެން 50 އަހަރަށެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ބިދޭސީންނަށް ބިން ދޫކުރެވެނީ އެންމެ ގިނަވެގެން 66 އަހަރަށެވެ.

comment ކޮމެންޓް