ޑެސްޓިނޭޝަން ޕްރިންސިޕަލް ޓީޖީއެސްޓީއަށް އަމަލުކުރުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މިއަދު މަރުހަބާ ކިޔައިފިއެވެ.
މި މަހުން ފެށިގެން ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާމެދު ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންޓުން ތަމްސީލްކުރާ ބައެއް އެސޯސިއޭޝަންތަކުން ދިވެހި ސަރުކާރާއި މީރާގައި ވަނީ އެދިފައެވެ.
ޖީއެސްޓީ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައިވަނީ މިދިޔަ އޮގަސްޓު 31 ގައެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީން ރޭ ވިދާޅުވި ގޮތުގައި، ސަރުކާރުން މި އޮނިގަނޑަށް ބަދަލު ގެންނަން ނިންމެވީ، އެއަށް އަމަލުކުރުމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އޭޖެންޓުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ބަލައިގަތުމަށްފަހުގައެވެ.
މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިނާއަތުގެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް އިޖާބަދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެ ޖަމިއްޔާއިން ޝުކުރުވެރިވާ ކަމަށެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި މަޓާޓޯއިން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ވިޔަފާރިއާއި އޮޕަރޭޝަންތަކަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި މުޅި ސިނާއަތް ހިމެނޭ ގޮތަށް ސާވޭއެއްވެސް އެ ޖަމިއްޔާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިކަމާ ގުޅޭގޮތުން މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސުއޫދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މި ނިންމުމަކީ ވަރަށް މުހިންމު އަދި ރަނގަޅު ފިޔަވަޅެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތަށް އަބަދުވެސް ކާމިޔާބީ ލިބިފައިވަނީ ސަރުކާރާއި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން، މަޝްވަރާކޮށްގެން މަސައްކަތްކުރުމުންނެވެ.
"ދައުލަތަށް ލިބޭ އާމްދަނީ ރައްކާތެރިކޮށްދޭ، އަދި ހަމައެއާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖެއަކީ ވާދަވެރި އަދި ވިއްކަން ފަސޭހަ މަންޒިލެއްގެ ގޮތުގައި ދެމިއޮންނާނެކަން ކަށަވަރުކޮށްދޭ ހަމަހަމަ އޮނިގަނޑެއް އެކުލަވާލުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް މަޓާޓޯ އޮތީ ތައްޔާރަށް،" ސުއޫދު ވިދާޅުވިއެވެ.
މަޓާޓޯއިން އިތުރަށް ބުނި ގޮތުގައި، ޓީޖީއެސްޓީގެ އޮނިގަނޑަށް ގެންނަން ހުށަހަޅާ އިސްލާހުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ސަރުކާރާއި، މީރާ އާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ ޓްރެވަލް ޕާޓްނަރުންނާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެ ޖަމިއްޔާއިން އުންމީދުކުރެއެވެ.