ސްލޮވީނިއާގެ އޭވިއޭޝަން ކެރިއާ ސެންޓަރު (އޭސީސީ) އަށް، އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ދީފިއެވެ.
"އޭޓީއޯ 017" ގެ ނަމުގައި މި ހުއްދަ ދޫކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އޭސީސީން ބުނި ގޮތުގައި، މިއީ އެ މަރުކަޒުން ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާވުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
މި ހުއްދައިގެ ދަށުން، ސިވިލް އޭވިއޭޝަނުން ފާސްކޮށްފައިވާ ޕައިލެޓް ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިހުތިޔާރު އޭސީސީއަށް ލިބޭނެއެވެ. އޭގެ ތެރޭގައި ޕްރައިވެޓް ޕައިލެޓް ޓްރެއިނިންއާއި، އިންޓަގްރޭޓެޑް އަދި މޮޑިއުލާ ކޮމާޝަލް ޕައިލެޓް ޓްރެއިނިންގެ އިތުރުން އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ޓްރެއިނިން ހިމެނެއެވެ. މީގެ އިތުރުން އިންސްޓްރޫމަންޓް ރޭޓިންއާއި، މަލްޓި އެންޖިން ޕިސްޓަން ކްލާސް ރޭޓިންއާއި، ނައިޓް ރޭޓިންގެ އިތުރުން މަލްޓި ކްރޫ ކޯޕަރޭޝަން (އެމްސީސީ) ވެސް މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެއާއެކު، ފްލައިޓް އިންސްޓްރަކްޓަރުންނާއި، ކްލާސް ރޭޓިން އަދި އިންސްޓްރޫމަންޓް ރޭޓިން އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ކޯސްތައް ވެސް ހިންގުމުގެ ހުއްދަ ވަނީ ދީފައެވެ.
އޭޓީއޯ ހުއްދައިގެ އިތުރުން، ސްލޮވީނިއާގެ މާރިބޯގައި ހުންނަ އޭސީސީގެ ފްލައިޓް ސިމިއުލޭޝަން ޓްރެއިނިން ޑިވައިސްއަށް ވެސް ސިވިލް އޭވިއޭޝަނުން ވަނީ ކޮލިފިކޭޝަން ސެޓްފިކެޓެއް ދޫކޮށްފައެވެ. "އެއަރޯޕްލޭން އެފްއެންޕީޓީ ލެވެލް 2" ގެ ގޮތުގައި ކަނޑައަޅާފައިވާ މި ޑިވައިސްއަކީ މަލްޓި އެންޖިން ޕިސްޓަން ބޯޓުތަކުގެ ތަމްރީނުތަކަށް ބޭނުންކުރެވޭނެ ގޮތަށް ފާސްކޮށްފައިވާ ސިމިއުލޭޓަރެކެވެ. މި ސިމިއުލޭޓަރު ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ، ސިވިލް އޭވިއޭޝަނުން ފާސްކޮށްފައިވާ ކޯސްތަކުގެ ތެރެއިން އެ ޑިވައިސް ބޭނުންކުރަންޖެހޭ ތަމްރީނުތަކަށެވެ.
މި ހުއްދައާއެކު، ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ އޮނިގަނޑުގެ ދަށުން ޕައިލެޓްކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސްލޮވީނިއާގައި ތަމްރީނު ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.
ޕައިލެޓް ކަމަކީ އެ ވަރަށް ވަޒީފާ ނެތް ނަމަވެސް ގިނަ ދިވެހި ޒުވާނުން ކިޔަވަމުންދާ ދާއިރާއެކެވެ. ދިވެހީން މިހާރު އާއްމުކޮށް ޕައިލެޓުކަން ކިޔަވާ ގައުމުތަކުގެ ތެރޭގައި ފިލިޕީންސް އާއި ސްރީލަންކާ އާއި އެމެރިކާގެ އިތުރުން ސްޕެއިން ވެސް ހިމެނެއެވެ.