2028ގެ މެދުތެރެއަށްދާއިރު ހުރިހާ އެއާޕޯޓެއް ނިންމައި، ހުޅުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ނ. ވިހަފަރުގައި އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ޖަނަވަރީގައި ފެށުން: 2028ގެ މެދުތެރެއަށް، އެއާޕޯޓުތައް ނިންމާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް 2028ވަނަ އަހަރުގެ މެދުތެރެއަށްދާއިރު، ރާއްޖޭގައި މިހާރު ފަށާފައިވާ އަދި މި ސަރުކާރުން ސޮއިކޮށްފައިވާ ހުރިހާ އެއާޕޯޓެއް ނިންމައި ހުޅުވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވަނީ، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫތައް މިހާރު ވަރަށް ބޮޑަށް ހުއްޓިފައި އޮތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވެ، މަގު ހެދުމާއި ބަނދަރު ހެދުމާއި ބިންހިއްކުންފަދަ ބޮޑެތި އުމްރާނީ މަޝްރޫތައް މަޑުޖެހިފައިވަނީ އެހެން ޚަރަދުތަކަށް އިސްކަން ދޭން ޖެހުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އަންނަ 2027 ވަނަ އަހަރަކީ ތަފާތު އަހަރެއް ކަމަށާއި އަންނަ އަހަރަށް ސަރުކާރުން ޕްލޭންކޮށްފައިވަނީ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މި އަންނަ އަހަރުގެ އަމާޒަކީ މިހާރު ސޮއިކޮށްފައިވާ މަޝްރޫތަކުގެ ތެރެއިން 70 އިންސައްތަ މަޝްރޫއުތައް އެއްކޮށް ނިންމައި، އަންނަ އަހަރު ނިމުމުގެ ކުރިން ހަވާލުކުރުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުތަކަށް ވެސް ދިމާވެފައިވަނީ ހަމަ ފައިސާގެ ދަތިކަމުގެ މައްސަލަ ކަމަށެވެ. އެއާޕޯޓުތައް ހެދެން އަންނަނީ ބިން ހިއްކައިގެން ބޮޑު ހިލަ ޖަހައިގެން ކަމަށާއި މި އަންނަ އަހަރަކީ އެއާޕޯޓުތައް ވެސް ހެދޭނެ އަހަރުކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރުގައި، މި ސަރުކާރުން ސޮއިކުރި އަދި މި ސަރުކާރާ ހަވާލުވިއިރުގައި ހިނގަމުންދާ ހުރިހާ އެއާޕޯޓެއް ނިންމާ، އިރާދަކުރެއްވީޔާ ހުޅުވާނަން. ޔަގީންކަން އަޅުގަނޑު ދޭނަން.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވަނީ މުޅިން އަލަށް ހަތް އެއާޕޯޓެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއާޕޯޓުތަކުގެ ތެރޭގައި ގދ. ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު، ހއ. ދިއްދޫ އެއާޕޯޓު، ރ. ފައިނު އެއާޕޯޓު، ފ. ނިލަންދޫ އެއާޕޯޓު، ތ. ވިލުފުށި އެއާޕޯޓު، ތ. ގުރައިދޫ އެއާޕޯޓު ހިމެނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނިޓާއި 30 މިނިޓާ ދެމެދުގެ ވަގުތެއްގެ ތެރޭގައި ދެވޭ ހިސާބެއްގައި އެއާޕޯޓެއް ގާއިމުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

comment ކޮމެންޓް