އެލްވީއެމްއެޗްގެ އިސްވެރިޔާ، ފްރާންސްގެ ބާނާޑް އާނޯ މަގާމުން ރިޓަޔާކުރައްވާ އުމުރު 95 އަހަރަށް އިތުރުކުރައްވައިފިއެވެ.
ކުންފުނީގެ ލިޔެކިޔުންތަކާ ހަވާލާދީ ދަ ޓެލެގްރާފުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޫރަޕުގެ އެންމެ މުއްސަނދި ބޭފުޅާ އަދި މިހާރު އުމުރުފުޅުން 77 އަހަރުގެ އާނޯ ގެނެސްދެއްވި މި ބަދަލަކީ، އެލްވީއެމްއެޗް ކޮންޓްރޯލްކުރާ ހޯލްޑިން ކުންފުނީގެ މެނޭޖިން ޖެނެރަލް ޕާޓްނަރުގެ މަގާމުގައި އިތުރު 18 އަހަރު ދެމިހުންނެވުމަށް މަގުފަހިކޮށްދޭނެ ނިންމެވުމެކެވެ.
ފްރާންސްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހަށް ހުށަހަޅާފައިވާ ކުންފުނިތައް އެއްކޮށްލުމުގެ ޕްލޭނުގައިވާ ގޮތުން، މެނޭޖިން ޖެނެރަލް ޕާޓްނަރުގެ އުމުރުގެ އެންމެ މަތީ މިންގަނޑަކީ 95 އަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ބަދަލުގެ ތެރެއިން ލުއީ ވިޓޯން، ކްރިސްޓިއަން ޑިއޯ، ޑޮމް ޕެރިގްނޮން އަދި ޓިފަނީ ހިމެނޭހެން 70 އަށް ވުރެ ގިނަ ލަގްޒަރީ ބްރޭންޑް ހިމެނޭ މި ވިޔަފާރީގެ މައްޗަށް އާނޯގެ އާއިލާގެ ބާރު އިތުރަށް ގަދަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސްއިން ދައްކާ ގޮތުގައި ގާތްގަނޑަކަށް 100 ބިލިއަން ޕައުންޑުގެ މިލްކިއްޔާތެއް އޮތް އާނޯއަށް، މި ނިންމެވުމުގެ ސަބަބުން 2044 ވަނަ އަހަރާ ހަމައަށް އެ ގްރޫޕުގެ ފުރިހަމަ ކޮންޓްރޯލް ލިބިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން، އާނޯގެ އާއިލާގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އަގާޝް އާއި އެލްވީއެމްއެޗްގެ އެހެން ހޯލްޑިން ކުންފުންޏެއް ކަމަށްވާ ކްރިސްޓިއަން ޑިއޯ އެއްކޮށްލުމަށް ވަނީ ހަމަޖެހިފައެވެ. އެ ނޫހުން ބުނި ގޮތުގައި، އަލަށް އުފެދޭ މި ކުންފުންޏަށް އެލްވީއެމްއެޗްގެ ހިއްސާގެ 50 އިންސައްތައަށް ވުރެ ކުޑަ މިންވަރެއް ލިބުނު ނަމަވެސް، ވޯޓު ދިނުމުގެ ހައްގުގެ 66.55 އިންސައްތަ ކޮންޓްރޯލްކުރާނެއެވެ.
ބްލޫމްބާގުން އެންމެ ފުރަތަމަ ރިޕޯޓުކުރި 95 އަހަރުގެ މި މިންގަނޑަކީ، ކްރިސްޓިއަން ޑިއޯގެ ޗެއާމަންގެ މަގާމަށާއި އާނޯގެ 49 އަހަރުގެ ދަރިކަލުން އެންޓުއާން އަދާކުރައްވާ ޗީފް އެގްޒެކެޓިވްގެ މަގާމަށް މިހާރު ކަނޑައަޅާފައިވާ އުމުރަށް ވުރެ 10 އަހަރު އިތުރު މިންވަރެކެވެ.
ފްރާންސްގެ ރޫބޭއަށް 1949 ވަނަ އަހަރު އުފަންވެވަޑައިގެންނެވި އާނޯ، އެލްވީއެމްއެޗްގެ ކޮންޓްރޯލް ނަންގަވާފައިވަނީ 1989 ވަނަ އަހަރު، ކްރިސްޓިއަން ޑިއޯ ހިމެނޭހެން ބަނގުރޫޓުވެފައިވާ ޓެކްސްޓައިލް ގްރޫޕެއް ބައްލަވައިގަތުމަށްފަހުއެވެ. މީގެ ކުރިންވެސް އޭނާ ވަނީ ރިޓަޔާކުރައްވާ އުމުރު އިތުރުކުރައްވާފައެވެ. އެގޮތުން 2022 ވަނަ އަހަރު އެލްވީއެމްއެޗްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވްގެ އުމުރުގެ މިންގަނޑު 75 އަހަރުން 80 އަހަރަށް މަތިކުރެއްވިއިރު، އޭޕްރީލް 2025 ގައި ހިއްސާދާރުން ވަނީ އެ އުމުރު 85 އަހަރަށް އިތުރުކުރުމަށް ފާސްކޮށްފައެވެ.