ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށާއި ހަށިގަނޑު ރީތި ބައްޓަމެއްގައި ބެހެއްޓުމަށް ކަސްރަތަކީ ކޮންމެހެން މުހިންމު ކަމެކެވެ. ނަމަވެސް، އެދެވޭ ނަތީޖާއެއް ޙާސިލުވާނީ ހުއްޓުމެއްނެތި، އިންތިހާއަށް ބުރަކޮށް ކަސްރަތުކޮށްގެން ކަމަށް ދެކޭ ދެކުމަކީ ޢާންމުންގެ މެދުގައި އޮތް ވަރަށް ބޮޑު ކުށްހީއެކެވެ.
މިކަމާ ގުޅޭގޮތުން، ރާއްޖޭގެ މަޤްބޫލު ފިޓްނަސް ޓްރެއިނަރު އަދި މޮޑެލް ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) ފާހަގަކުރި ގޮތުގައި، ޖިމްގައި ކަސްރަތުކުރި ކަމުގައި ވިޔަސް، ޒުމްބާ ކްލާހެއްގައި ބައިވެރިވި ކަމުގައި ވިޔަސް ނުވަތަ ދުވަން ދިޔަ ކަމުގައި ވިޔަސް، ހަށިގަނޑު އެކަމަށް ތަންނުދޭ މިންވަރަށް ކަސްރަތު ކުރުމަކީ ޞިއްޙަތަށާއި ފުރާނައަށް ހުރި ނުހަނު ބޮޑު ނުރައްކަލެކެވެ. މިއީ ގިނަ ފަހަރަށް ނޭނގުމެއްގެތެރޭ ތިއްބާ އެތައް ބަޔަކަށް ކުރިމަތިވާ ނުރައްކާތެރި މައްސަލައެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ފާޒިލް ސިފަކުރި ގޮތުގައި، ކޮންމެ ކަހަލަ ކަސްރަތެއް ކުރިކަމުގައި ވިޔަސް ކަސްރަތުކުރުމުގެތެރޭ "މަސްލް ފައިބާތައް ބްރޭކްޑައުން" ވެއެވެ. އޭގެފަހުން އެކަށީގެންވާ މިންވަރަށް ފެން ބުއިމާއި، ފައިދާހުރި ކާނާ ބޭނުންކުރުމާއި، އަދި އަރާމު ނިދި ހަމަކުރުމުން، އެ މަސްތައް އަލުން އާރާސްތުވެއެވެ. މަސްތައް ބޮޑުވެ، އިތުރަށް ވަރުގަދަވަނީ މި ދެންނެވި އަރާމުކުރުމާއި ރަނގަޅުވުމުގެ މަރުޙަލާގައެވެ. މިއީ އިންސާނާގެ ފިޒިކަލް ކެޕޭސިޓީ ނުވަތަ ހަށިގަނޑުގެ ކުޅަދާނަކަން ހުރި މިންވަރުގެ ތެރެއިން ނަތީޖާ ނެރެދޭ ޤުދުރަތީ އުސޫލެވެ.
ފާޒިލް ކްލައިންޓުންތަކަކާ ބައްދަލުކޮށް ކަސްރަތާ ގުޅުންހުރި މައުލޫމާތު ހިއްސާކުރަނީ--ފޮޓޯ/ފޭސްބުކްހަށިގަނޑަށް ކުޅަދާނަވާ މިންވަރަށްވުރެ އިތުރަށް ގަދަކަމުން ކަސްރަތުކޮށް ހަށިގަނޑުގެ މަސްތަކަށް ބާރުބޮޑުކުރުމަކީ އޯވަޓްރެއިންވުމެވެ.
ފާޒިލް ފާހަގަކުރި ގޮތުގައި، މިގޮތަށް މިންވަރު ފަހަނައަޅައި ދިއުމުން، ޠަބީޢީ އުޞޫލުން ހަށިގަނޑަށް ރަނގަޅު ނުކުރެވޭ މިންވަރަށް މަސްތައް ހަލާކުވެގެންދެއެވެ. މީގެ ސަބަބުން މަސްތަކުން 'މައިއޮގްލޯބިން' ނަމަކަށް ކިޔާ މާއްދާއެއް ލޭގެ ތެރެއަށް ބޭރުވާން ފަށައެވެ. މިއީ ސީރިއަސް ޞިއްޙީ ނުރައްކަލެއް ކަމަށްވާ "ރެބްޑޮމައިއޮލިސިސް" (ރެބްޑޯ)އެވެ. މި ޙާލަތަކީ ވަގުތުން ޞިއްޙީ ފަރުވާ ހޯދަންޖެހޭ ކުއްލި ނުރައްކަލެކެވެ. މީގެ ޢަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަޔަށް ކަޅުވުމާއި، ހުންއައުމާއި، އަދި ފަސޭހައިން ރަނގަޅުނުވާ ވަރަށް މުޅި ހަށިގަނޑުގައި ގަދައަށް ރިއްސުން ހިމެނެއެވެ.
ޚާއްޞަކޮށް އަލަށް ކަސްރަތު ކުރަން ފަށާ ފަރާތްތަކުން، އިންޓަނެޓުން ފެންނަ ތަޖުރިބާކާރު އެތުލީޓުންގެ ބުރަ ތަމްރީނުތަކަށް ވަގުތުން ޢަމަލުނުކުރުމަށް ފާޒިލް އިރުޝާދުދެއެވެ. ކަސްރަތު ކުރިއަށް ގެންދަންވާނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން، ހަށިގަނޑު އެކަމަށް ތަންދޭ މިންވަރު ބަލައިގެން ކަމަށް ފާޒިލް ވަނީ އިރުޝާދުދީފައެވެ.