އިޖުތިމާއީ ގޮތުން ގިނަ ބަޔަކާ ގުޅުން އޮތުމަކީ ނަފްސާނީ ހިތްހަމަޖެހުން ލިބޭނެ ކަމެއް ނޫން ކަމަށާއި، ގުޅުންތަކުގައި އިސްކަންދޭންވީ އަދަދަށްވުރެ ބޮޑަށް ގުޅުމުގެ ފެންވަރަށް ކަމަށް ނަފްސާނީ އިލްމުވެރިން ވިދާޅުވެއެވެ.
އާންމު ގޮތެއްގައި ޤަބޫލުކުރެވިފައި އޮންނަނީ ގިނަ ރަޙްމަތްތެރިން ތިބެ، އިޖުތިމާއީ ގޮތުން ހަރަކާތްތެރިވެ އުޅޭ މީހުންނަކީ އެކަނިވެރިކަމުގެ އިހުސާސްތަކުން ދުރުވެފައިވާ، ނަފްސާނީ ގޮތުން ވަރުގަދަ ބައެއް ކަމަށެވެ. މަސައްކަތުގެ މާހައުލުގައި އެކުގައި އުޅޭ މީހަކާ ދައްކާލާ ކުޑަ ވާހަކައަކުން ނުވަތަ ސްކޫލް ދައުރުގެ ރަޙްމަތްތެރިއަކާ ބައްދަލުވެލުމުން ވަގުތީ އުފާވެރިކަމެއް ލިބުނު ނަމަވެސް، އިޖުތިމާއީ ގުޅުމާއި ނަފްސާނީ ހިތްހަމަޖެހުމަކީ އަބަދު އެއްހަމައެއްގައި ދާ ދެ ކަމެއް ނޫނެވެ. މި ކުށްހީގެ ސަބަބުން، ބޮޑެތި ގްރޫޕްތަކުގައި އުޅޭ އަދި ހަފްތާ ބަންދުތަކުގައި މަޖާކޮށް ދަތުރުގޮސް އުޅޭ 'މަޝްހޫރު' މީހުންނަކީ އެއްވެސް ހިތާމައެއް ނެތް ބައެއްގެ ގޮތުގައި ގިނަ ބަޔަކަށް ސިފަކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން، އެފަދަ މީހުން ދަތި އުނދަގޫ ހާލަތްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެމީހުންގެ ހާލު އަހުވާލު އަހާލާނެ މީހަކު ގިނަ ފަހަރަށް ނުހުރެއެވެ. އަނެއްކޮޅުން، ގިނަ ރަޙްމަތްތެރިން ނެތުމުން އަމިއްލަ ނަފްސު ކުށްވެރިކޮށް، އެކަނިވެރިއެއްގެ ގޮތުގައި އަމިއްލަ ނަފްސު ދެކޭ މީހުންނަށް، އުނދަގޫ ދުވަހަކަށްފަހު ހިތުގައި އޮތް އެއްޗެއް ހިއްސާކޮށްލަން ތިބޭ މަދު ރަޙްމަތްތެރިންގެ އަގު ވަޒަން ނުކުރެވި ދެއެވެ.
މި ކަމުގެ ނަފްސާނީ ސަބަބުތައް އޮޅުންފިލުއްވައިދެއްވަމުން، އިންޑިއާގެ ޓްރިޗީގެ ކާވޭރީ ހޮސްޕިޓަލުގެ ސައިކޮތެރަޕިސްޓް އަދި ހެލްތު ތެރަޕިސްޓް މަންޖޭޝްވަރީ ޖީ ވިދާޅުވި ގޮތުގައި، އިޖުތިމާއީ މުއާމަލާތް ކުރުމާއި ނަފްސާނީ ގޮތުން ގުޅިފައިވުމަކީ މުޅިން ތަފާތު ދެ ކަމެކެވެ.
ގިނަ އެކުވެރިން ތިބުމަކީ ނަފްސާނީ ހިތްހަމަޖެހުން ލިބޭނެ ކަމެއް ނޫން؛ މުހިންމީ ގުޅުންތަކުގެ ފެންވަރު ރަނގަޅު ކުރުން--ފޮޓޯ/ފޭސްބުކްއިޖުތިމާއީ ގުޅުމަކީ ހަމައެކަނި ބޭރުފުށުން އޮންނަ ގުޅުމެކެވެ. އޭގެ ތެރޭގައި ދުވަހުން ދުވަހަށް ހިނގާ ކަންކަމާއި، ވަޒީފާގެ މާހައުލުގެ ބަދަލުތަކާއި، ހަފްތާގެ ހަރަކާތްތަކުގެ މައުލޫމާތު ބަދަލުކުރުން ހިމެނެއެވެ. ނަމަވެސް ނަފްސާނީ ގުޅުމަކީ މާ ފުން އަދި ވަރުގަދަ ބިންގަލެއްގެ މަތީގައި އުފެދޭ އެއްޗެކެވެ. މަންޖޭޝްވަރީ ފާހަގަކުރެއްވި ގޮތުގައި، ނަފްސާނީ ގުޅުން އުފެދެނީ ތިމާ ހުރި ގޮތަށް ބަލައިގަނެ، ތިމާގެ އިހުސާސްތައް ދެނެގަނެ، އަގުވަޒަންކޮށް، އެހީތެރިކަން ފޯރުކޮށްދީ، އަދި ނަފްސާނީ ރައްކާތެރިކަން ކަށަވަރުކޮށްދޭ މީހުންނާއެކުގައެވެ.
މި ތަފާތު ތަފްސީލުކޮށްދެއްވަމުން އޭނާ ވިދާޅުވީ، ކޮންމެ ދުވަހަކު އޮފީހުގައި އެކުގައި އުޅޭ މީހުންނާ ވާހަކަދެއްކި ނަމަވެސް، ދަތި އުނދަގޫ ވަގުތެއްގައި ހިތުގެ އުދާސްތައް ހިއްސާކުރެވޭނީ ތިމާއާ މެދު ގޯސްކޮށް ނުދެކޭނެ، ހިތްވަރުދޭނެ މީހަކާ ކަމަށާއި، އެފަދަ މީހަކީ ކޮންމެ ދުވަހަކު ބައްދަލުވާ މީހަކަށް ނުވެދާނެ ކަމަށެވެ. ކުރުކޮށް ދަންނަވާނަމަ، ނަފްސާނީ ގުޅުން ބިނާވަނީ އެއްވެސް ޖެހިލުމެއް ނެތި އަމިއްލަ ބަލިކަށިކަން ހާމަކުރުމަށް އޮންނަ ރައްކާތެރި މާހައުލެއްގެ މައްޗަށެވެ. އެހެންކަމުން، މުހިންމު ކަމެއް ހިއްސާކުރާ ވަގުތު އަނެކާގެ އިޖާބަ މުހިންމުވާއިރު، އިޖުތިމާއީ ގޮތުން ކިތަންމެ ގާތް މީހެއްގެ ފަރާތުން ނަމަވެސް ދެރަކޮށްލާ ފަދަ ބަހެއް އިވިއްޖެނަމަ ހިތަށް އިތުރު ވޭނެއް ލިބިގެންދެއެވެ.
މި ދެ ގުޅުމުގެ ތަފާތު ސިފަކޮށްދެއްވަމުން ތެރަޕިސްޓް ވިދާޅުވީ، ނަފްސާނީ ގޮތުން ގުޅިފައިވާ މީހުންނަކީ އިޖުތިމާއީ ގޮތުންވެސް ގުޅިފައިވާ ބައެއް ކަމަށާއި، ނަމަވެސް އިޖުތިމާއީ ގޮތުން ގުޅިފައިވާ ކޮންމެ މީހަކީ ނަފްސާނީ ގޮތުން ގުޅިފައިވާ މީހެއް ނޫން ކަމަށެވެ.
އެކުވެރިންގެ އުފާވެރި އެއްވުމެއްގެ ތެރޭގައި އިން ނަމަވެސް، ނަފްސާނީ ގުޅުން ބަލިކަށިވުމުން އެކަނިވެރިކަމާއި މާޔޫސްކަން އިހުސާސްކުރެވޭ--ފޮޓޯ/ހިންދުންސްތާންޓައިމްސްމަންޖޭޝްވަރީ ވިދާޅުވި ގޮތުގައި މިއީ ދެފަރާތުންވެސް ހިއްސާވާންޖެހޭ ކަމެކެވެ. މީހަކު އަޅުގަނޑުމެންނަށް އިތުބާރާއި ނަފްސާނީ ރައްކާތެރިކަން ދޭ ފަދައިން، އަޅުގަނޑުމެންގެ ފަރާތުންވެސް އެމީހަކަށް އެކަން ފޯރުކޮށްދޭން ޖެހެއެވެ. މީގެ މާނައަކީ، ކެތްތެރިކަމާއެކު އަނެކާ ދައްކާ ވާހަކަ ކަނުލައި އަޑުއެހުމާއި، އެއްވެސް ފާޑުކިޔުމެއް ނެތި، އޭނާއަށް ދަތި އުނދަގޫ ވަގުތެއް ކުރިމަތިވާ ހިނދު ނަފްސާނީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.
އިޖުތިމާއީ ދާއިރާ ފުޅާވަމުންދާ ވަރަކަށް ނަފްސާނީ ގުޅުން ކުޑަވުމަކީ ވެދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އާންމު ދިރިއުޅުމުގައި މީހުންނާ ބައްދަލުވާ ފުރުސަތުތައް ގިނަވެ، އިޖުތިމާއީ ދާއިރާ ފުޅާވަމުންދާއިރު، އަޅުގަނޑުމެންނަށް ނަފްސާނީ ރައްކާތެރިކަން ލިބޭ މީހުންގެ އަދަދު މަޑުމަޑުން މަދުވަމުން ހިނގައިދާނެއެވެ. މި ބަދަލު އަންނަކަން ގިނަ ފަހަރަށް އިހުސާސްވެސް ނުކުރެވެއެވެ. ދުވަސްތައް ހޭދަވަނީ ގިނަ ބައެއްގެ ތެރޭގައި ކަމަށް ވިޔަސް، ހަގީގަތުގައި ބަރޯސާވެވޭނެ މީހުންގެ އަދަދު ދަނީ ހަނިވަމުންނެވެ. އިޖުތިމާއީ ގުޅުންތައް އިތުރުވެ، ނަފްސާނީ ގުޅުންތައް ފަހަތަށް ޖެހޭ ހިނދު، އެކަނިވެރިކަމުގެ އިހުސާސް އުފެދެން ފަށައެވެ. އަދި މީހުން ފުރިފައިވާ ކޮޓަރިއެއްގެ ތެރޭގައި ހުރި ނަމަވެސް، މާޔޫސްކަމާއި އެކަނިވެރިކަން އިހުސާސްކުރެވެން ފަށައެވެ.
މި ދެ ދާއިރާ އެއްހަމައެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ތެރަޕިސްޓް ދެއްވާ އިރުޝާދަކީ، ދިރިއުޅުމުގެ އުސްގަނޑުތަކާއި އަޑިގުޑަންތަކުގައި އެކުގައި ތިބި، ދުވަސްވީގާތް ރައްޓެހިންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމެވެ.
އެހެންކަމުން، ގުޅުންތަކުގައި އަބަދުވެސް އަދަދަށްވުރެ ފެންވަރަށް އިސްކަންދިނުން މުހިންމެވެ. މިހާރުވެސް އޮތް ގާތް ގުޅުންތަކަށް ވަގުތުދީ، އެއްވެސް ފޮރުވުމެއް ނެތި ޙަޤީޤީ އިހުސާސްތައް ހިއްސާކޮށްގެން އެ ގުޅުންތައް ވަރުގަދަކުރަން ޖެހެއެވެ. ދިރިއުޅުމުގައި އިޖުތިމާއީ ގުޅުމާއި ނަފްސާނީ ގުޅުމަށްވެސް ވަކި ޚާއްޞަ މަޤާމެއް ލިބިގެންވެއެވެ. ނަމަވެސް، އެންމެ ބޭނުންޖެހޭ ވަގުތު އަޅުގަނޑުމެންނަށް ރައްކާތެރިކަމާއި އެހީތެރިކަން އިހުސާސްކޮށްދެނީ ނަފްސާނީ ގުޅުންތަކުންނެވެ. ވުމާއެކު، އިޖުތިމާއީ ގުޅުންތަކުގައި ހަރުދަނާ ހުދޫދުތަކެއް ކަނޑައަޅައި، ނަފްސާނީ ގުޅުންތަކުގެ އަގު ފުރިހަމައަށް ވަޒަންކުރުމަކީ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއެވެ.