މަތިންދާބޯޓުގައި ދަތުރުކުރާއިރު، ޚާއްޞަކޮށް ބޯޓު ނައްޓާލާ ވަގުތާއި ޖައްސާ ވަގުތު ކަންފަތް ބެދޭ ގޮތްވުމާއި، ކަންފަތް ތެރެއިން އަޑުތަކެއް އިވުން ނުވަތަ ވަގުތީގޮތުން އަޑުއިވުން ދަށްވުމަކީ ގިނަ ބަޔަކަށް ތަޖުރިބާ ކުރެވޭ ކަމެކެވެ. ސިއްޙީ ގޮތުން "އެއަޕްލޭން އިއަ" ނުވަތަ "އިއަ ބެރޯޓްރޯމާ"ގެ ނަމުން ނަންދެވިފައިވާ މި ޙާލަތު މެދުވެރިވަނީ ވައިގެ ޕްރެޝަރަށް ކުއްލިއަކަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.
މިކަން ހިނގާ ގޮތް ދެނެގަތުމަށްޓަކައި، ނޭފަތާއި ކަރުގެ ފަހަތުން މެދުތެރޭ ކަންފަތާ ގުޅުވައިދޭ "ޔޫސްޓޭޝިއަން ޓިއުބް" ކިޔާ ހިމަ ހޮޅިއެއްގެ ދައުރު ވަރަށް މުހިންމެވެ. މި ހޮޅީގެ މައިގަނޑު މަސައްކަތަކީ ކަންފަތުގެ ތޫރީގެ ދެފަރާތުގައި ހުންނަ ވައިގެ ޕްރެޝަރު އެއްވަރުކޮށް ހިފެހެއްޓުމެވެ. އާންމު ޙާލަތްތަކުގައި އިންސާނާ ކުޅުދިރުވާއިރު، އާފުރޭއިރު، އެއްޗެއް ހަފާއިރު، ނުވަތަ ވާހަކަދައްކާއިރު މި ހޮޅި ހިނދުކޮޅަކަށް ހުޅުވެއެވެ. އޭގެ ސަބަބުން މެދުތެރޭ ކަންފަތުގެ ތެރެއަށް ވައި ވަދެނިކުމެ، ބޯޓުގެ ކެބިން ތެރޭގައި ހުންނަ ވައިގެ ޕްރެޝަރާ އެއްވަރަށް ކަންފަތުގެ ޕްރެޝަރު ހަމަޖައްސައިދެއެވެ.
މަތިންދާބޯޓު އުދުހިގަންނަ ވަގުތު ބޯޓު މައްޗަށް އަރަމުންދާ ވަރަކަށް ހަށިގަނޑުގެ ވަށައިގެންވާ ވައިގެ ޕްރެޝަރު ދަށްވެއެވެ. މި ބަދަލާ އެއްވަރަށް މެދުތެރޭ ކަންފަތުގެ ޕްރެޝަރު އަވަހަށް ބަދަލުނުވެއްޖެނަމަ، ކަންފަތުގެ ތޫރި ބޭރަށް ފުއްޕާގޮތް ވެއެވެ. މިއާ ޚިލާފަށް، ބޯޓު ޖައްސަން ތިރިކުރާ ވަގުތު ބޭރުގެ ވައިގެ ޕްރެޝަރު އިތުރުވެ، ކަންފަތުގެ އެތެރޭގެ ޕްރެޝަރު ދަށްވެފައި ހުރުމުން ކަންފަތުގެ ތޫރި އެތެރެއަށް ދެމޭގޮތް ވެއެވެ. ޕްރެޝަރުގެ މި ތަފާތުގެ ސަބަބުން ކަންފަތް ބެދިފައި ހުންނަ ކަމުގެ އިޙްސާސް ކުރެވި، ކަންފަތުގައި ރިއްސުމާއެކު ވަގުތީގޮތުން އަޑުއިވުން ދަށްވެއެވެ. ނަމަވެސް ޔޫސްޓޭޝިއަން ޓިއުބް ހުޅުވުމާއެކު "ޕޮޕް" ކިޔާ އަޑެއް އިވި، ދެފަރާތުގެ ޕްރެޝަރު އެއްވަރުވެ، މި އުނދަގޫ ފިލައިގެންދެއެވެ.
މަތިންދާބޯޓު ޖައްސާ ވަގުތު ކަންފަތް ބެދުމުން ސަލާމަތްވުމަށްޓަކައި ޗުއިންގަމް ހެފުމާއި ކުޅުދިރުވުން ފަދަ ކަންކަން ކުރުމަކީ ވައިގެ ޕްރެޝަރު އެއްވަރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެއް--ފޮޓޯ/ހިންދުންސްތާންޓައިމްސްއިންޑޮނޭޝިއާގެ އީއެމްސީ ޕުލޯމަސް ހޮސްޕިޓަލުގެ ކަންފަތާއި ނޭފަތް އަދި ކަރުގެ ޚާއްޞަ ޑޮކްޓަރު، ޑރ. ޖޮސުއާޑީ ސިރެގާރު ވިދާޅުވާ ގޮތުގައި، ރޯގާޖެހި ނޭފަތް ބެދިފައި ހުންނަ މީހުންނާއި، ސައިނަސް ނުވަތަ ނޭފަތުގެ އެލާޖީ ހުންނަ މީހުންނަށް މި މައްސަލަ ކުރިމަތިވުމުގެ ފުރުޞަތު މާ ބޮޑެވެ. ސަބަބަކީ ނޭފަތް ބެދުމުގެ ސަބަބުން ޔޫސްޓޭޝިއަން ޓިއުބްގެ އަނގަމަތި ބެދި، ވައި ދައުރުވުމަށް ހުރަސްއެޅޭތީއެވެ. މީގެ އިތުރުން، ކުރީގެ ދަތުރުތަކުގައި މިފަދަ އުނދަގޫތައް ތަޖުރިބާކޮށްފައިވާ މީހުންނާއި، ބޯޓު ނައްޓާލާ ވަގުތާއި ޖައްސާ ވަގުތު ނިދާފައި ތިބޭ މީހުންނަށްވެސް ކަންފަތް ބެދުމުގެ މައްސަލަ ފަސޭހައިން ދިމާވެއެވެ.
ދަތުރުމަތީގައި ކަންފަތް ބެދުން ކުޑަކުރުމަށްޓަކައި ބޯޓު އުދުހިގަންނަ ވަގުތާއި ޖައްސާ ވަގުތު ގިނަގިނައިން ކުޅުދިރުވުމާއި، އާފުރުމުގެ އިތުރުން ޗުއިންގަމް ފަދަ އެއްޗެއް ހެފުމަކީ ޔޫސްޓޭޝިއަން ޓިއުބް ޠަބީޢީ ގޮތުން ހުޅުވައިދިނުމަށް އެހީތެރިވެދޭ ކަމެކެވެ. ކުޑަކުދިންނަށް ނަމަ، ރައްކާތެރިކަމާއެކު ބޭނުންކުރެވޭ ފަދަ މެޓާ ކޮޅެއް ދިނުން ރަނގަޅެވެ. ހަމައެއާއެކު، ނޭފަތުގައި އިނގިލިން ހިފައި ބަންދުކޮށް، އަނގަ ލައްޕައިގެން ހުރެ ވަރަށް މަޑުމަޑުން ނޭފަތުން ވައި ބޭރުކުރަން މަސައްކަތްކުރާ "ވަލްސަލްވާ މެނޫވާ" އަކީވެސް ކަންފަތް ހުޅުވާލުމަށް ބޭނުންކުރެވިދާނެ އުކުޅެކެވެ. ނަމަވެސް މިކަން މާ ބާރަށް ކޮށްފިނަމަ ކަންފަތަށް ގެއްލުން ވެދާނެތީ، ތަދެއް އިޙްސާސްވާނަމަ ވަގުތުން ހުއްޓާލަންޖެހެއެވެ. މީގެ އިތުރުން ބޯޓު ޖައްސާ ވަގުތު ނުނިދައި ހޭލާ ހުރުމަކީ މިފަދަ އުކުޅުތައް ބޭނުންކުރުމަށް ލިބޭ ފުރުޞަތެކެވެ. އަދި ރޯގާ ނުވަތަ އެލާޖީ ހުންނަނަމަ، ޑޮކްޓަރެއްގެ ލަފާގެ މަތިން ނޭފަތަށް ޖަހާ ސްޕްރޭއެއް ނުވަތަ ބޭހެއް ބޭނުންކުރެވިދާނެއެވެ.
އާންމު ގޮތެއްގައި ބޯޓު ޖައްސާތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ކަންފަތް ބެދިފައި ހުންނަ ހުރުން ރަނގަޅުވެއެވެ. އެހެންނަމަވެސް، ކަންފަތުގައި ގަދައަށް ރިއްސާނަމަ، ދަތުރަށްފަހުވެސް އަޑުއިވުން ރަނގަޅު ނުވާނަމަ، ކަންފަތުން މެދުނުކެނޑި އަޑެއް އިވޭނަމަ، ނުވަތަ ކަންފަތުން ލޭ ނުވަތަ ދިޔަ އަންނަނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. ހަމައެފަދައިން ބޯއެނބުރުމާއި، ހުންއައުން ފަދަ އިންފެކްޝަނެއްގެ އަލާމާތެއް ފެންނަނަމަ، ނުވަތަ ކޮންމެ ދަތުރެއްގައި މި މައްސަލަ ތަކުރާރުވާނަމަ، އެއީ މެދުތެރޭ ކަންފަތުގެ އިންފެކްޝަނަކަށް ނުވަތަ ޔޫސްޓޭޝިއަން ޓިއުބް ބެދިފައި ހުރުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެތީ، ކަންފަތާއި ނޭފަތް އަދި ކަރުގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދުން ވަރަށް މުހިންމެވެ.