އެކަނިވެރިކަމުން ސަލާމަތް ވުމަށް ޖަޕާނުގެ އުމުރުން ދުވަސްވީ މީހުން ގަސްތުގައި ކުށްކުރަނީ

އެކަނިވެރިކަމާއި ފަޤީރުކަމުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސިގެން، ޖަޕާނުގެ އުމުރުން ދުވަސްވީ އަންހެނަކު ފިހާރައަކުން ކާބޯތަކެތި ވަގަށް ނަގަނީ. މިއީ މިއަދު އެ ޤައުމުގައި އިތުރުވަމުންދާ ހިތާމަވެރި އިޖުތިމާއީ ބޮޑު މައްސަލައެއް--ފޮޓޯ/އޭއައި

ޖަޕާނުގެ އާބާދީގެ ބޮޑު ބައެއް އުމުރުން ދުވަސްވެ މުސްކުޅިވަމުންދާ ދިއުމާއެކު، އުމުރުން ދުވަސްވީ މީހުން އެކަނިވެރިކަމާއި ފަޤީރުކަމުން ސަލާމަތްވުމަށްޓަކައި ގަސްތުގައި ކުދިކުދި ކުށްތައް ކޮށްގެން ޖަލަށް ދާ މައްސަލަ 2026 ވަނަ އަހަރާ ހަމައަށް އައިއިރުވެސް ވަނީ އެ ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ ގޮންޖެހުމަށް ވެފައެވެ.

މި ހާލަތުގެ ޙަޤީޤަތް އެންމެ ބޮޑަށް ހާމަވެގެންދިޔަ އެއް ހާދިސާއަކީ މީގެ ކުރިން ފެންމަތިވި އުމުރުން 81 އަހަރުގެ އަކިޔޯގެ ވާހަކައެވެ. އާއިލާގެ އަޅާލުން ނުލިބި، ޕެންޝަން ފައިސާއިން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސުމުގެ ސަބަބުން، އެއްވެސް ޚަރަދަކާ ނުލައި ދިރިއުޅެވޭނެ މަގެއް ހޯދުމަށްޓަކައި އޭނާ ގަސްތުގައި ކާބޯތަކެތި ވަގަށް ނަގައިގެން ދެ ފަހަރެއްގެ މަތިން ވަނީ ޖަލަށް ގޮސްފައެވެ. ޓޯކިޔޯގެ އުތުރުގައި އޮންނަ ޖަޕާނުގެ އެންމެ ބޮޑު އަންހެނުންގެ ޖަލު ކަމަށްވާ 'ޓޮޗިގީ ވިމެންސް ޕްރިޒަން'ގައި ބަންދުކޮށްފައި ހުރިއިރު އަކިޔޯ ބުނެފައިވަނީ، މާލީ ގޮތުން ތަނަވަސްކަން ލިބިފައިވާނަމަ ދުވަހަކުވެސް ވައްކަން ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް، ބޭރުތެރޭގައި އުޅެންޖެހޭ އެކަނިވެރި ދިރިއުޅުމަށްވުރެ ޖަލުގެ މާހައުލުގައި ހެޔޮ މީހުންނާއެކު އުޅެވޭ ދިރިއުޅުން އޭނާއަށް މާ ހަމަޖެހޭ ކަމަށް އަކިޔޯ ވަނީ ފާހަގަކޮށްފައެވެ.

ޖަލަށް ދިއުމުގެ ކުރިން އަކިޔޯ ދިރިއުޅެމުން ދިޔައީ އޭނާގެ 43 އަހަރުގެ ދަރިފުޅާއެކުގައެވެ. ނަމަވެސް ދަރިފުޅުގެ ނުރުހުމާއެކު ގެއިން ނުކުންނަން ޖެހުމާއި، 2024 ވަނަ އަހަރުގެ ފަހުކޮޅު ޖަލުން މިނިވަންވުމަށްފަހުވެސް ދަރިފުޅު އޭނާއާ މެދު ދެކޭނެ ގޮތަކާމެދު އުފެދުނު ލަދުވެތިކަމާއި ބިރުވެރިކަމަކީ މިއަދު ޖަޕާނުގެ އެތައް ހާސް އިސްރަށްވެހިންނެއް ތަހައްމަލު ކުރަމުންދާ ވޭނެވެ. ޓޮޗިގީ ޖަލުގެ އޮފިސަރެއް ކަމަށްވާ ޓަކަޔޯޝީ ޝިރަނާގާ ވިދާޅުވެފައިވާ ގޮތުގައި، ގޭގައި އެކަނިވެރިވެ މަރުވުމަށްވުރެ ޖަލުގައި ތިބުމަށް އުމުރުން ދުވަސްވީ ގައިދީން އިސްކަންދޭއިރު، ފުރުސަތު ލިބޭނަމަ މަހަކު 20،000 އާއި 30،000 ޔެން (ގާތްގަނޑަކަށް 1,930.37 ދިވެހި ރުފިޔާ އާއި 2,895.55 ދިވެހި ރުފިޔާ)އާ ދެމެދުގެ އަދަދެއް ދައްކައިގެންވެސް ޖަލުގައި ތިބުމަށް ގިނަ ބަޔަކު ބޭނުންވެއެވެ.

ބޭރުތެރޭގައި އުޅެންޖެހޭ އެކަނިވެރިކަމާ ޚިލާފަށް، ޖަލުގެ މާހައުލުގައި އެކަކު އަނެކަކާ ވާހަކަދައްކައި އުފާވެރިކަމާއެކު ވަގުތު ހޭދަކުރާ ޖަޕާނުގެ އުމުރުން ދުވަސްވީ އަންހެން ގައިދީންތަކެއް. ގިނަ އިސްރަށްވެހިންނަށް ޖަލަކީ މިއަދު ރައްކާތެރި އަދި ހިތްހަމަޖެހޭ ހިޔާވައްސެއް--ފޮޓޯ/ފޭސްބުކް

އަކިޔޯގެ ހާދިސާއަށްފަހުވެސް ޖަޕާނުގެ އާބާދީ މުސްކުޅިވާ ނިސްބަތް ދަނީ ރެކޯޑް މިންވަރަކަށް މަތިވަމުންނެވެ. ޖަޕާނުގެ ސްޓެޓިސްޓިކްސް ބިއުރޯއިން މި އަހަރުގެ ސެޕްޓެމްބަރު މަހު އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ ޤައުމުގައި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އަދަދު ވަނީ 36.24 މިލިއަނަށް އަރާފައެވެ. މިއީ ޖަޕާނުގެ މުޅި އާބާދީގެ 29.6 އިންސައްތައެވެ. މުޅި ދުނިޔޭގައިވެސް އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އެންމެ މަތީ ޤައުމުގެ ގޮތުގައި ޖަޕާނު އޮތްއިރު، އެ ގައުމުގެ ކޮންމެ 10 މީހަކުން އެކަކީ މިހާރު އުމުރުން 80 އަހަރުން މަތީގެ މީހެކެވެ.

މި އިޖުތިމާއީ ބޮޑު ބަދަލާއެކު ޖަޕާނުގެ ޖަލުތަކުގެ ހާލަތުވެސް ވަނީ މުޅިން ބަދަލުވެފައެވެ. އެންމެ ފަހުގެ ރިޕޯޓްތައް ދައްކާގޮތުން ޖަޕާނުގެ ޖަލުތަކަށް އަލަށް ވައްދާ މީހުންގެ ގާތްގަނޑަކަށް 14 އިންސައްތައަކީ އުމުރުން 65 އަހަރުން މަތީގެ އިސްރަށްވެހިންނެވެ. އަދި އުމުރުން 70 އަހަރުން މަތީގެ ގައިދީންގެ އަދަދު ވަނީ މީގެ 20 އަހަރު ކުރިއާ އަޅާބަލާއިރު 1.7 ގުނަ އިތުރުވެފައެވެ. މީގެ އިތުރުން، ޖަލުން މިނިވަންވާ އުމުރުން 65 އަހަރުން މަތީގެ ކޮންމެ ފަސް ގައިދީއަކުން އެކަކު، ދެ އަހަރުގެ ތެރޭގައި އަލުން ކުށެއް ކޮށްގެން ޖަލަށް އަންނައިރު، ބައެއް މީހުން ހަމައެކަނި ޖަލަށް ވަނުމުގެ ބޭނުމުގައި 10 ނުވަތަ 20 ފަހަރުވެސް ކުދިކުދި ވައްކަން ކޮށްފައިވެއެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ އަންހެނުން ކުރާ ކުށްތަކުގެ 71 އިންސައްތައަކީ ފިހާރަތަކުން ކާބޯތަކެއްޗާއި ކުދިކުދި ތަކެތި ވަގަށް ނެގުމުގެ މައްސަލަތައް ކަމަށްވާއިރު، ފިރިހެނުންގެ މެދުގައި މި ނިސްބަތް އުޅެނީ 39 އިންސައްތައިގައެވެ.

މި އަހަރާ ހަމައަށް އައިއިރު، ޖަޕާނުގެ ޖަލުތައް ވަނީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކެއްގެ ސިފަ ޖެހިފައެވެ. ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއި، ލިބޭ ކުޑަ ޕެންޝަން ފައިސާއިން ދެކޮޅު ނުޖެއްސުމުގެ ސަބަބުން، ގިނަ އިސްރަށްވެހިންނަށް ޖަލަކީ ރައްކާތެރި ހިޔާވައްސަކަށް ވަނީ ވެފައެވެ. ޖަލުގައި ޤަވާއިދުން ހޫނުކަން މަތީ ތާޒާކޮށް ކާނާ ލިބުމާއި، ހިލޭ ސިއްޙީ ފަރުވާ ޔަޤީންވުމުގެ އިތުރުން، އެކަނިވެރިކަން ފިލުވާލުމަށް އެހެން މީހުންނާ ވާހަކަދައްކާލައި އުޅެވޭތީ، މިނިވަންކަމާއެކު ބޭރުގައި އުޅުމަށްވުރެ ޖަލުގައި ތިބުމަށް އެމީހުން އިސްކަންދެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޖަޕާނު ސަރުކާރުން ވަނީ އެ ޤައުމުގެ ޤާނޫނުލްއުގޫބާތަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، އުމުރުން ދުވަސްވީ ގައިދީން ލައްވައި މަޖުބޫރުން މަސައްކަތް ކުރުވުން އުވާލާފައެވެ. އަދި ޖަލުތަކުގައި ނަރުހުން އިތުރުކޮށް، ޑިމެންޝިއާ ފަދަ ބަލިތަކަށް ފަރުވާ ދިނުމާއި، ޖަލުން މިނިވަންވުމަށްފަހު ބޯހިޔާވަހިކަމާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތައް ވަނީ ފުޅާކޮށްފައެވެ. ނަމަވެސް މުޖުތަމައުގައި އޮތް އެކަނިވެރިކަމާއި އިޤްތިސާދީ ދަތިކަމަށް ދާއިމީ ހައްލެއް ނުލިބޭހާ ހިނދަކު، ޖަޕާނުގެ ޖަލުތަކަށް ވަންނަ އިސްރަށްވެހިންގެ އަދަދު މަދުކުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

comment ކޮމެންޓް