ހިލޭ ޑިގްރީއަށް 835 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، ކިޔެވުން ފުރިހަމަކޮށް އަދި ފުރިހަމަނުކުރި ދަރިވަރުންގެ އަދަދު ވެސް ސަރުކާރަށް ނޭނގޭކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމަށް 2019 ވަނަ އަހަރުން 2024 ވަނަ އަހަރާ ދެމެދު 835.7 މިލިއަން ރުފިޔާ ޚަރަދުވެ، 16,388 ދަރިވަރަކު ބައިވެރިވިއިރު
ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް މި ސްކީމަށް ދައުލަތުން 835،697،911 (އަށްސަތޭކަ ތިރީސްފަސް މިލިއަން ހަސަތޭކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ އެގާރަ) ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މިއީ އަހަރަކަށް އެވްރެޖުކޮށް 139،282،985 (އެއްސަތޭކަ ތިރީސް ނުވަ މިލިއަން ދުއިސައްތަ އަށްޑިހަ ދެހާސް ނުވަސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާއެވެ.
އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި މި މުއްދަތުގައި ޖުމްލަ 19،265 އެޕްލިކޭޝަން ލިބިފައިވާ ކަމަށް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކައެވެ. އަދި މީގެ ތެރެއިން 85 ޕަސެންޓު، އެއީ 16،388 އެޕްލިކޭޝަން ވަނީ ސްކީމަށް ހޮވިފައެވެ. އެހެންކަމުން އެ މުއްދަތުގައި 16،388 ދަރިވަރުން ވަނީ މި ސްކީމްގައި ބައިވެރިވެފައެވެ.
އޮޑިޓުން ފާހަގަކުރި ގޮތުގައި 2019އިން 2024ގެ ނިޔަލަށް 16،388 ދަރިވަރުންނަށް ދައުލަތުން 835.7 މިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް މީގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކޮށް ފުރަތަމަ ޑިގްރީ ހާސިލްކުރި ދަރިވަރުން އެނގޭނެހެން މައުލޫމާތު ބަލަހައްޓަމުން ގޮސްފައެއް ނުވެއެވެ.
ހަމައެއާއެކު މި ސްކީމަށް ދަރިވަރުން ހޮވުމަށްފަހު ދަރިވަރުން ކިޔެވުން ފުރިހަމަކުރޭތޯ ނުވަތަ ނޫންތޯ ބަލައި، ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނާއި ފުރިހަމަނުކުރާ ދަރިވަރުން އަދި ޕްރޮގްރާމް ޑިފާކުރާ ދަރިވަރުންނާއި ޕްރޮގްރާމް ނުވަތަ މަރުކަޒު ބަދަލުކުރާ ދަރިވަރުންގެ މައުލޫމާތު ހޯދައި ބެލެހެއްޓުމަށް ކިޔަވައިދޭ މަރުކަޒުތަކާއެކު އެކަށީގެންވާ އިންތިޒާމެއް ހަމަޖައްސާފައި ނުވާކަން އޮޑިޓަށް ވަނީ ފާހަގަވެފައެވެ. އޭގެ ސަބަބުން މި ސްކީމުން ޚަރަދުކުރި ނަމަވެސް ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ކަމަށް ފާހަގަކުރެވިފައިވާ 790 ދަރިވަރުންނަށް 19،091،797 ރުފިޔާ ޚަރަދުކޮށްފައިވުމާއި، މި ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
މީގެ އިތުރުން މި ސްކީމްގެ ދަށުން ދަރިވަރުން ކިޔަވަމުންދިޔަ ކަމުގައި ވީ ނަމަވެސް މަތީ ތައުލީމު ހާސިލްކުރުމަށް ދަރިވަރުން އަމިއްލައަށް ކުރަންޖެހޭ ޚަރަދު އިތުރުވަމުން ދިޔަކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2019އިން 2024ގެ ނިޔަލަށް ޕްރޮގްރާމް ފީއަށް އައި ބަދަލުތަކަށް ބަލާއިރު ޕްރޮގްރާމް ފީގެ ގޮތުގައި ދަރިވަރުންގެ އަމިއްލަ ޖީބުން 60،000 ރުފިޔާއަށްވުރެ އިތުރަށް ޚަރަދުކުރަންޖެހޭ ޕްރޮގްރާމްތަކުގެ ނިސްބަތް 15 ޕަސެންޓްއިން 46 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކުރިއެވެ.
މި ކަންކަމަށް އޮޑިޓް އޮފީހުން ލަފާދިީ މި ސްކީމަށް ދަރިވަރުން ހޮވުމަށްފަހު ދަރިވަރުން ކިޔެވުން ފުރިހަމަކުރޭތޯ ނުވަތަ ނޫންތޯ ބަލައި، ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނާއި ފުރިހަމަނުކުރާ ދަރިވަރުން އަދި ޕްރޮގްރާމް ޑިފާކުރާ ދަރިވަރުންނާއި ޕްރޮގްރާމް ނުވަތަ މަރުކަޒު ބަދަލުކުރާ ދަރިވަރުންގެ މައުލޫމާތު ހޯދައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށެވެ. އަދި ސްކީމްގެ ދަށުން ޚަރަދުކޮށް، ޕްރޮގްރާމް ފުރިހަމަ ނުކޮށް ހުއްޓާލާފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ހޭދަވެފައިވާ ފައިސާ އަނބުރާ ހޯދަން ވަނީ ލަފާ ދީފައެވެ.