ޒުވާން ލީޑަރުން ބިނާކުރުމަށް އަމާޒުކޮށްގެން ޗައިނާގެ ސްކޮލަޝިޕް ކައުންސިލުން ދޭ ޔޫތު އޮފް އެކްސެލެންސް ސްކޮލަރޝިޕް 2027-2028 ގެ ދަށުން ޕޯސްޓްގްރެޖުއޭޓް ފްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކޮލަޝިޕަކީ މާސްޓާސްއަށް ކިޔަވަން ބޭނުންވާ ޗައިނާ ނޫން ޤައުމުތަކުގެ 45 އަހަރުން ދަށުގެ 200 ޒުވާނަކަށް، އެ ގައުމުން ދޭ ފުލް ސްކޮލަޝިޕެކެވެ. މި ސްކޮލަޝިޕަށް ކުރިމަތިލެވޭނީ، ބެޗްލާސް ޑިގްރީއަކަށްވުރެ މަތީ ޑިގްރީއެއް އޮތުމާއެކު ގުޅޭ ދާއިރާއަކުން ތިން އަހަރަށްވުރެ ގިނަ ދުވަހުގެ ވަޒީފާގެ ތަޖުރިބާހުރި މީހުންނަށެވެ.
މީގެ އިތުރުން، މި ސްކޮލަޝިޕަށް އެދި ހުށަހަޅާ މީހުންނަކީ ސަރުކާރު އިދާރާއެއްގެ ޗީފް ލެވަލްގައި ނުވަތަ އެއަށްވުރެ މަތީ ލެވަލްއެއްގައި މަސައްކަތްކުރާ މީހަކަށް ނުވަތަ، އިންސްޓިޓިއުޝަނެއްގެ/ އެންޓަޕްރައިޒެއްގެ ސީނިއާ މެނޭޖަރަކަށް ނުވަތަ، ޔުނިވާސިޓީއެއް/ ސައިންޓިފިކް ރިސާޗް އިންސްޓިޓިއުޝަނެއްގެ އެޑްމިން އަކަށް ނުވަތަ، މިފަދަ ދާއިރާއެއްގެ އިންޓާންޝިޕް ތަޖުރިބާހުރި މީހަކަށް ވާންޖެހޭނެކަމަށް، ޗައިނާ ސްކޮލަޝިޕް ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.
މި ސްކޮލަޝިޕްގެ ދަށުން ހުޅުވާލާފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި، ޤާނޫނު، ގްލޯބަލް މެނޭޖްމަންޓް، އާޓިފިޝަލް އިންޓެލިޖަންސް އަދި ސްޕޭސް އިންފޮމޭޝަން އިންޖިނިއަރިންގެ އިތުރުން މެކޭނިކަލް އިންޖިނިއަރިން ހިމެނެއެވެ.
ސްކޮލަޝިޕަށް ހުށަހެޅުމަށް ހުޅުވާލާފައިވަނީ، ސްޓަޑީ ޗައިނާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
މި ކޯސްތަކަށް ހޮވިފައިވާނަމަ، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށް މަތީތައުލީމާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.