ތިން މިނިސްޓްރީގައި ރޯވުން: ސީސީޓީވީ ފުޓެޖް ދައްކައި، ފުލުހުން ހާމަކުރީ ރޯކުރުމުގެ ތުހުމަތުވާ މީހަކު ނުވަންނަކަން

ފުލުހުން ދެއްކި ސީސީޓީވީ ފުޓެޖްގެ ތެރެއިން --

ދެހާސް ސައުވީސް ވަނަ އަހަރުގެ ޑިސެންބަރު 12ވަނަ ދުވަހު، ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި 'ޕިންކް ބިލްޑިންގް'އާއި 'ގްރީން ބިލްޑިންގް' އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެވި ވަގުތުގެ ސީސީޓީވީ ފުޓެޖު ފުލުހުން މިއަދު ހާމަކޮށްފިއެވެ.

އެ އަލިފާނުގެ ހާދިސާއާ ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ބަހުސްތައް އުފެދިފައިވަނިކޮށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ސީސީޓީޖީ ފުޓެޖުން ފެންނަ ގޮތުން ފުރަތަމަ ދުންއަރާ މަންޒަރު ފެނުނީ ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ. އެއީ ހެނދުނު 6:13ހާއިރެވެ.

އެ މަންޒަރު ފެނުނުއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވީ ގްރީން ބިލްޑިންގުގެ ސެކިއުރިޓީ ގާޑަކާއި، އެ ހިސާބުގައި ހުންނަ އެސްޓީއޯ ކޮށިން ދިޔަ ބިދޭސީ މީހެކެވެ. ނަމަވެސް އެ ހާދިސާ އެމްއެންޑީއެފަށް ރިޕޯޓުކުރީ، އެ ސަރަހައްދަށް އެ ވަގުތު ދިޔަ އެމްއެންޑީއެފް އޮފް-ޑިއުޓީ އޮފިސަރެކެވެ. އެއީ 6:17ހާއިރެވެ.

އެއަށްފަހު އެމްއެންޑީއެފުން އެ ސަރަހައްދަށް ދިޔަ ގަޑިއެއް ސީސީޓީވީ ފުޓެޖުން ނުދައްކައެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ގޯތިތެރެއަށް ފަޔާ ފައިޓަރުން ވަދެފައި ވަނީ 6:35ހާއިރު ކަމަށް ވީޑިއޯއިން ފެނެއެވެ.

ފުލުހުން ކިޔައިދިން ގޮތުގައި، އިމާރާތުގައި ދުންގަނޑު ފެތުރެމުން ދިޔަ ނަމަވެސް އަލިފާން ރޯވެފައި ހުރި ތަނެއް ފަޔާ ފައިޓަރުންނަށް ފުރަތަމަ ނުފެނެއެވެ. އެހެންވެ، އަލިފާން ރޯވި ތަނެއް ހޯދަމުން ދަނިކޮށް ސީލިންގް މަތިން ރޯވެފައި ހުރި ނަރުތައް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ސީލިން ތެރެއިން ރޯވެފައި ހުރި ނަރުތަކެއް ފުރަތަމަ ފެނުނީ 7:16ގައެވެ. އެ އަލިފާން ނިއްވާލުމަށް ފަހު ވެސް ސީލިން ތެރޭގައި އެކިއެކި ސަރަހައްދުގައި ރޯވެފައިހުރިކަން އެނގުމުން، އިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އަލިފާން ރޯވެފައި ހުރީ އެކި ތަންތަނުގައި ކަމުން، އެއްކޮށް ނިއްވާނުލެވި، ހުޅުގަނޑު ފެތުރިގެން ދިޔައީ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޕޮލިސް ސުޕްރިންޓެންޑެންޓް ޢަބްދުﷲ ރަޝީދު [މ] ވަނީ އިމާރާތްތަކުގައި ރޯކޮށްލި ކަމުގެ އެއްވެސް ހެއްކެން ނުފެންނަ ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު ޢަބްދުﷲ

ފުލުހުން ބުނި ގޮތުގައި އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 12:45ހާއިރެވެ. އަދި އެއްކޮށް ނިއްވާލެވުނީ 15:30ގައެވެ.

އެ ފުޓެޖް ދައްކަވަމުން، ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވަނީ، ގްރީން ބިލްޑިންގް ވަށައިގެން ސީސީޓީވީ ހަރުކޮށްފައިވާ ސަރަހައްދުތައް ހާމަކުރައްވައިފައެވެ. އަދި އެ ސީސީޓީވީތަކަށް ނުފެނި އެއްވެސް މީހަކަށް އެ ސަރަހައްދަށް ނުވަދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އަލިފާން ރޯވި ދުވަހުގެ ކުރީ ދުވަހުގެ 16:00، އެ ރޭ 00:00އާ ހަމައަށް އިމާރާތް ހުންނަ ބްލޮކަށް މިނިސްޓްރީގެ ސްޓާފުން ފިޔަވައި ބަޔަކު ވަދެފައިނުވާ ކަމަށެވެ. އަދި 00:40ގައި ހައުސިން މިނިސްޓްރީގެ އޮފީސް ތަޅުލުމަށް ފަހު ޑިއުޓީގައި ތިބީ ދެ ސެކިއިރިޓީ ގާޑުން ކަމަށާއި އެއަށްފަހު ފުރަތަމަ މަސައްކަތަށް އައީ، 6:01ގައި އައި ހައުސިން މިނިސްޓްރީގެ މުވައްޒަފެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއި މަސައްކަތު މީހެއް ކަމަށާއި އޭނާ އޮފީސް ތެރެއަށް ވަދެފައި ނުވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މިނިސްޓްރީތައް ހިންގި އިމާރާތެއްގައި ރޯވި ވަޔަރެއް --

"އަޅުގަނޑުމެންގެ ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން އެއްވެސް މީހަކު ނުވަތަ އެއްވެސް ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލައިފައިވާ ކަމުގެ އެއްވެސް ހެއްކެއް ގަރީނާއެއް މިހާތަނަކަށް ހޯދިފަކާއެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ތަހުގީގަށް ޖުމްލަ 14 ކެމެރާގެ ފުޓެޖާއި 770 ގަޑިއިރުގެ ފުޓެޖް އެނެލައިޒްކޮށް ބަލައިފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ތަހުގީގަށް ލިބުނު މައުލޫމާތު، އެ މައްސަލަ ބަލަން އިންޑިއާއިން އައި ޓީމާވެސް ހިއްސާކުރި ކަމަށެވެ.

އިންޑިއާއިން އައި ޓީމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާއިރު، އެ ރިޕޯޓުގައި ވެސް ވަނީ، އަލިފާން ރޯވީ ކަރަންޓު ޝޯޓު ސާކެޓްވެގެން ކަމަށް ނިންމައިފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އަދި ރޯވީ، އިމާރާތުގެ ދަތި ދޭތެރޭތަކުގައި ހުރި ނަރުތަކުގައި ކަމަށް ވުމުން އެ ރޯވި ތަންތަން ހޯދައި ނިންވާލުމަށް ދަތިވެ، ހުޅުގަނޑު ކޮންޓްރޯލް ނުވީ ކަމަށް އެ ރިޕޯޓުގައިވާކަން އޭނާ ހާމަކުރެެއްވިއެވެ.

ޑިސެންބަރު 12، 2024ގައި ހިނގި އެ ހާދިސާއަކީ، ދިވެހި ދައުލަތުގެ އިމާރާތެއްގައި ރޯވެ ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ.

https://sun.mv/227129

އެ ހާދިސާގެ އެއްވެސް މައުލޫމާތެއް އޭރު ހާމަނުކުރާތީ ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އެގޮތުން މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ބައިވަރު ސުވާލުތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ. އެ ހާދިސާގައި ގެއްލުނީ ކޮންކޮން ލިޔެކިޔުންތަކެއްކަން އަދިވެސް ރަނގަޅަށް ސާފުނުވާކަމަށް ވިދާޅުވެ، އެއްވެސް ބަޔަކު، ގެއްލިގެން އުޅެނީ ކޮން އެއްޗެއްކަން ބުނެދޭކަށް ވެސް ބޭނުންނުވާ ކަމަށް އެ މަނިކުފާނު އޭރު ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، މި މަހުގެ ފަސް ވަނަ ދުވަހު ވެސް ޔާމީން ވަނީ އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު އެފަދައިން ވިދާޅުވި މައްސަލަ ބެލުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންނަށް އެންގެވިއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުން ޔާމީނާ ސުވާލުކުރަން މަސައްކަތް ކުރުމުން އެ މަނިކުފާނު ވަނީ ކަމާ ގުޅޭ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ލިޔުމުން އަންގަވައިފައެވެ.

comment ކޮމެންޓް